ވިޔަފާރީގެ މަޝްވަރާތައް އަލުން ފެށުމަށާއި، ޗައިނާގެ މުދަލަށް އެމެރިކާއިން ނަގާ ޑިއުޓީ އިތުރަށް ބޮޑުނުކުރުމަށް މިއަދު ދެގައުމުން އެއްބަސްވެއްޖެއެވެ.
މިހާރު ޖަޕާނު އޮސާކާގައި ކުރިއަށްދާ ޖީ-20 ގެ ގައުމުތަގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕާއި، ޗައިނާގެ ރައީސު ޒީ ޖިންޕިންގ ބައްދަލުކުރެއްވުމަށް ފަހު ދެ ބޭފުޅުން ވަނީ (މި ވަގުތަށް ނަމަވެސް) ދެ ގައުމުން 'ހަތިޔާރު ބަހައްޓައި' ވިޔަފާރިގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެއްބަސްވެވަޑައިގެންފައެވެ.
ވިޔަފާރީގެ މަޝްވަރާތައް އަލުން ފެށުމަށް ދެގައުމުން އެއްބަސްވެފައި ވާއިރު، ރައީސު ޓްރަމްޕް ވަނީ ޗައިނާގެ ބިޔަ މުވާސަލާތީ ކުންފުނި ހުވާވޭއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއްދީ ހުވާވޭއާއެކު ވިޔަފާރިކުރުމުގައި އެމެރިކާ ކުންފުނިތަކަށް ލުއި ދެއްވާނެ ކަމަށްވެސް ރައީސު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
"އެމެރިކާގެ ކުންފުނިތަކަށް އެކުންފުނިތަކުގެ މުދާ ހުވާވޭއަށް ވިއްކިދާނެ." ރައީސު ޓްރަމްޕް ވިދާޅުވިއެވެ.
ދެގައުމުގެ އިސްވެރިންގެ ބައްދަލުވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ރައީސު ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް އެތެރެކުރާ ޗައިނާގެ 300 ބިލިއަން ޑޮލަރުގެ މުދަލަށް ނަގާ ޑިއުޓީ "އެންމެ ކުޑަމިނުން މި ވަގުތަށް" އިތުރަށް ނުކުރައްވާނެ ކަމުގައެވެ.
ރައީސު ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި ދެގައުގެ ވިޔަފާރީގެ ގުޅުން "ރަނގަޅަށް ހަމަ ހަމަގަށް އެޅިފައިވާ" ކަމަށް ވިދާޅުވިނަމަވެސް، ދެގައުމުގެ ދެމެދުގައި ހުރި ޒަމާންވީ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިދާނެކަމާ މެދު ގިނަ ބަޔަކު ޝައްކުކުރެއެވެ.
މިހާތަނަށް ބޭއްވުނު ވިޔަފާރީގެ މަޝްވަރާތަކުގެ 11 ބުރުވެސް ނިމިފައިވަނީ އެއްބަސްވުމަކާ ހަމައަށް ނުދެވިއެވެ. ރައީސު ޓްރަމްޕްގެ ސަރުކާރުން ވަނީ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ 250 ބިލިއަން ޑޮލަރުގެ މުދަލުން %25 ޑިއުޓީ ނަގަން ނިންމާފައެވެ. އަދި އިތުރު 300 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ބޮޑުކުރަން ޖެހިދާނެކަމުގެ އިންޒާރުވެސް އެމެރިކާއިން ވަނީ ދީފައެވެ. މިހެންވެއްޖެނަމަ، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ ހުރިހާ މުދަލަކަށް ހެން ބޮޑު ޑިއުޓީއެއް ދައްކަން ޖެހޭނެއެވެ.
އެމެރިކާގެ ފިޔަވަޅުތަކުގެ ރައްދުގައި ޗައިނާއިވެސް ވަނީ އެމެރިކާއާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އެ ގޮތުން އެމެރިކާއިން ޗައިނާއަށް އިތުރުކުރާ 110 ބިލިއަން ޑޮލަރުގެ މުދަލުގެ ޑިއުޓީ ބޮޑުކޮށްފައެވެ. މި ފިޔަވަޅު ބޮޑަށް އަމާޒުކޮށްފައި އޮތީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށެވެ. އެއީ، ރައީސު ޓްރަމްޕަށް ތާއީދުކުރާ ގިނަ މީހުންނަކީ އެމެރިކާގެ މެދުތެރޭގެ ސްޓޭޓްތަކުގެ ދަނޑުވެރިން ކަމުގައި ވާތީ އެމީހުންނަށް އަމާޒުކޮށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.