އަމީރާ ސުލްޠާނާގެ ނާރެސް - 56

(24 ޖުލައި 2022 ގެ ބަޔާ ގުޅޭ)

ޖެނެޓް ފެންނަ ކޮންމެ މީހަކުވެސް ވަޤުތުން އޭނާއަށް ހިތްކިޔާނެއެވެ. ބަދަވީންނަށް އަދި ކިހާވަރެއް ވާނެތޯއެވެ؟ ސައިބޮމުންގޮސް، ދެވަނަ ތަށި ބޯ ހިސާބަށްދިޔަތަނާ، ބަދަވީންގެ ވެރިޔާއަކަށް ނީނދެވުނެވެ. ޖެނެޓް ކިހާވަރެއް ދީގެންތޯ ގަނެގެން އުޅެނީ، ބިލްކުރެން އެހިއެވެ. ސަމާސާ ގޮތަކަށް ބިލް އޭނާގާތުބުނީ ޖެނެޓަކީ ވަރަށް އަގުބޮޑު އަންހެނެއްކަމުގައެވެ. ސަތޭކަ ޖަމަލުވެސް މަދުވާނެ ކަމުގައެވެ. ބަދަވީންގެ ވެރިމީހާ ތަންކޮޅެއް ޝަޢުޤުވެރިކަމާއެކު ޖެނެޓްގެ ހަށިގަނޑަށާއި ރަތް އިސްތަށިގަނޑަށް ނަޒަރު ހިންގައިލިއެވެ. އެވަރުގެ ރީތި ނަލަ އަންހެނެއްގެ އަގު ވަރަށްބޮޑުވާނެ ކަމުގައި އޭނާވެސް ނިންމިއެވެ. ބަދަވީންގެ ވެރިމީހާ އަތްތިލަބަޑި ޖަހައިލިއެވެ. އެވަރުގެ ރީތި ޙޫރުލްޢީނަކަށްޓަކައި، އޭނާގެ ބަދަވީ ޤަބީލާގެ މާލިއްޔަތު ހުސްކޮށްލުންވެސް އެންމެ ރަނގަޅުކަމަށް އޭނާ ނިންމިއެވެ. އާއެނކެވެ! އޭނާވެސް އެކުއްޖާއަށްޓަކައި ސަތޭކަ ޖަމަލު ނުވަތަ އެއަށްވުރެވެސް ގިނައިން ހޭދަކޮށްފާނެއެވެ. އޭނާގެ ޙަރަކާތުން އެކުއްޖާ ކޮންމެ އަގެއްގައިވެސް ގަންނަން ބޭނުންވެފައިހުރިކަން ދޭހަވިއެވެ.

ބަދަވީންގެ ވެރިމީހާ އޭނާގެ މީހުންނަށް ގޮވިއެވެ. އަދި ދުޅަހެޔޮ ސަތޭކަ ޖަމަލު ގެންނަން އަމުރު ކުރިއެވެ. ބިލްގެ ފަރާތުން ޖެނެޓް ދޫކޮށްނުލާނެކަމުގެ ޢިޝާރާތް ލިބުމާއެކު، ޖަމަލުގެ ޢަދަދު އިތުރު ކުރިއެވެ. އޭގެފަހުންވެސް ބިލް އެކަމަށް އެއްބަސްނުވުމުން ދެވަނަ ފަހަރަށްވެސް ޖަމަލުގެ ޢަދަދު އިތުރު ކުރިއެވެ. އެއްވެސް އަގެއްދީފައި އެއަންހެންކުއްޖާ ނުގަނެވޭނެކަން، ބަދަވީންގެ ވެރިމީހާއަށް އެނގުނު ހިނދު، ޖެނެޓްމެންނަށް ދެމުންގެންދިޔަ މެހެމާންދާރީ، ދެކޮޅުވެރިކަމަށް ބަދަލުވެގެން ދިޔައެވެ. ބަދަވީންނަކީ އެފަދަ ރީތި އަންހެނުންނާ އެކަށީގެންވާބައެއް ނޫންކަމަށް ދެކިގެންނެވެ. ޙާލަތު އިތުރަށް ގޯސްވަމުން ދިޔައެވެ. ދެކޮޅުވެރި ބަދަވީންގެ އަތްދަށުން އެދެމީހުން ސަލާމަތްވީ ހަމަކިރިޔާއެވެ. އެދެމީހުންނަށް ފުރުޞަތެއް ލިބުނު ހިނދު، އަވަސް އަވަހަށް ކާރަށް އަރައި ބާރު ސްޕީޑްގައި ދުއްވައިލިއެވެ. ޖަމަލުގައި އެމީހުން ފަހަމުން އައި ބަދަވީންނަށް އާދެވުނީ ކުޑަތަންކޮޅަކަށެވެ. އެމީހުންގެ އަތްދަށުން ޖެނެޓްމެންނަށް ސަލާމަތްނުވިނަމަ ވާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ.

އަސަދު، ބަދަވީންގެ ޖަމާޢަތާ ބައްދަލުވީ ހިނދު، ސަޔެއްބޯލަން ޓެންޓަށް ޖައްސައިލުމަށް އެމީހުންނަށް ދަޢުވަތު ދިނެވެ. އަސަދު ބުނިގޮތުގައި އެބައިމީހުންނަކީ، އެހިސާބުގައި ދިރިއުޅޭ ބަދަވީންގެ ޤަބީލާއަކަށް ނިސްބަތްވާ ބަޔެކެވެ. އަޅުގަނޑުމެން މަޑުކޮށްގެންތިބީ ބަދަވީންގެ ގްރޫޕް ނުކުމެގެންދާނެ ވަޤުތަކަށެވެ. އެހެންނޫނީ އަޅުގަނޑުމެންގެ ފިރިންނާ ހަމަޔަކަށް އަޅުގަނޑުމެންނަކަށް ނުދެވޭނެއެވެ. އެމީހުން ފޮނުވައިލުމަށްޓަކައި ފިރިހެންވެރިން ނުކުތެވެ. އޭރު، އަޅުގަނޑުމެންވެސް ތިބީ ބަނޑުހައިވެގެންގޮސް އަވަދިވާ ވަރުވެފައެވެ. ބަދަވީން ދިޔައީ، އެމީހުންގެ އަވަށަށް، އެމީހުންގެ ކޭމްޕަށް ޒިޔާރަތްކުރުމަށް ފިރިހެންވެރިންނަށް ދަޢުވަތު ދީފައެވެ.

އެމީހުންތައް ދިއުމުން އަޅުގަނޑުމެންނަށް ހަމަޖެހުން ލިބިއްޖެއެވެ. ފަރުދާ ތެރެއިން އެންމެ ފުރަތަމަ ނުކުތްމީހަކަށްވީ އަޅުގަނޑެވެ. ދައްތަމެންވެސް އަޅުގަނޑާއެކު ޓެންޓް ތެރެޔަށް ވަނުމަށް އަވަސްވެގަތެވެ. އެންމެންވެސް ތިބީ ވަރުބަލިވެފައެވެ. އަދި އޭގެއިތުރަށް ބަނޑުހައިވެސް ވެފައެވެ. ހަތަރެސްކަން ދޫލައެއް ބިންމަތީ ފަތުރައިލެވުނެވެ. އެއަށްފަހު އޭގެ މަތީ ބޮޑު، ހުދުފޮތިގަނޑެއް އެޅުނެވެ. އެއީ އަޅގަނޑުމެން ފައިވަށްކޮށްލައިގެން ކާންތިބޭނެ މޭޒެވެ. ސުޢޫދީ ޢާދަކާދަ އޮންނަގޮތުން، އެންމެ ފުރަތަމަ ކާނީ ފިރިހެނުންނެވެ. އަންހެނުން ކާނީ ފިރިހެނުން ކައިފަ ބާކީހުންނަ އެއްޗެކެވެ. އެކަމަކު، އަޅުގަނޑުމެންނެއް އެ އާދަކާދައެއް ނުގެންގުޅެމެވެ. ޢާއިލާގެ އެންމެން އެކުގައި ކާއިރު، އެންމެންވެސް ކާނީ އެކީގައެވެ. ފިރިހެނެއް އަދި އަންހެނެއް ތަފާތެއް ނުވާނެއެވެ. ރުޅިގަދަ ޢަލީވެސް ޢާންމު ގޮތެއްގައި ކާނީ އަންހެނުންނާއި ކުދިންނާ އެކުގައެވެ.

ނޯކަރުން ކުރާތަކަށް ފެންއަޅައިގެން އައިސް، އަޅުގަނޑުމެންގެ އަތްދޮވެދޭން ފެށިއެވެ.  އަޅުގަނޑުމެންވެސް ތިބީ ހައިވެގެންގޮސް އަވަދިވާ ވަރުވެފައެވެ. ނޯކަރުން އައިގޮތަށްގޮސް ވަނީ ކައްކަން ފަށާފައެވެ. ކައްކާ ތިންމީހުންވެސް އެކުއެކީގައި މަސައްކަތްކޮށް ކެއްކުކުމުގައި އަވަދިނެތި އުޅެއެވެ. އެވަގުތު އެތަނަށް، 10 ފޫޓުގެ ލޮއި ދޮލަނގެއް ގެނެވުނެވެ. އެދޮލަނގު އުފުލަން 6 މީހުން ތިއްބެވެ. އެމީހުންނަށް އެދޮލަނގު އުފުއްލައި ލެވެނީ ހަމަ ކިރިޔާއެވެ. އެދޮލަނގުގައި ފިހެލެވިފައި އެއޮތީ ކުޑަ ޖަމަލެކެވެ. ބަތްވެސް ޖަމަލުގެ ވަށައިގެން އެ ބޮޑު ދޮލަނގުގައި އެތުރިފައި ހުއްޓެވެ. ޖަމަލުގެ އެތެރޭގައި ކަންބަޅިއެއްވެސް ފިހެފައި އޮތެވެ. އަދި ހަމައެއާއެކު، ކުކުޅުވެސް ފިހެ އަތުރާފައި ހުއްޓެވެ. ކުކުޅު ފިހެފައިހުރީ، ބިހާއި ތަރުކާރީއާވެސް އެކުގައެވެ. ނޯކަރުންތައް އައިސް އަޅުގަނޑުމެންގެ ކުރިމަތީ ތަށިތައް އަތުރައި، ތަރުކާރީއާއި އެނޫންވެސް ތަކެތި އަތުރަން ފެށިއެވެ. އަޅުގަނޑުމެންގެ ކެއުން ފެށިގެންދާނީ ބިސްމިﷲ ކިޔުމުންނެވެ. ކަރީމަކީ މިދަތުރު ރޭވުމުގެ އެންމެ އިސްމީހާއެވެ. އެހެންކަމުން ބިސްމިކިޔާ ކެއުންފެއްޓީ ކަރީމެވެ. ނޫރާގެ ފިރިމީހާ އަޙްމަދަކީ، އެގްރޫޕްގައިހުރި އެންމެ ދުވަސްވީ ބޮޑުމީހާއެވެ. އަޙްމަދު، ކެއުން ފައްޓަން ކަރީމު އެދުނެވެ. އެހެންނަމަވެސް، އެފަދަ ފަޚުރެއް އޭނާއަށް ޙައްޤުނޫންކަމަށް އަޙްމަދު ބުންޏެވެ. އަޙްމަދު ނުފައްޓައިފިނަމަ އެއީ، އަޅުގަނޑުމެންގެ ޢާއިލާގެ ނަމަށްވެސް ހުތުރުވާނެކަމެއްކަމަށް ބުނެ، ކަރީމު އަޑުގަދަ ކޮށްލިއެވެ.

އަޅުގަނޑަށް އެމީހުންގެ ވާހަކަ އިވެއެވެ. އެކަމަކު އަޑެއް ނާހަމެވެ. ކާންވީ ވަޤުތު އެކަހަލަގޮތަކަށް ކެއުންލަސްވުމަކީ، އަޅުގަނޑަށް ކެތްކުރެވޭ ކަހަލަ ކަމެއްނޫނެވެ. އެކަހަލަ ތާކުން ތާކު ނުޖެހޭ ކަންކަމުގައި އަޅުގަނޑުމެން ސުޢޫދީމީހުން ވަޤުތު ބޭކާރުކުރާކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. އެހެންނަމަވެސް އެވަޤުތު އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނެ އިނީމެވެ. ކަރީމު ގޮތްދޫނުކުރުމުން، އަޙްމަދު އެންމެފަހުން ކެއުން ފައްޓަން އެއްބަސްވިއެވެ. ކަރީމު ޖަމަލުމަހާއި ބަތާ އަދި ތަރުކާރީ އެއްކޮށް މޮޑެ ގުޅައެއްވަށާލައި އަޙްމަދަށް ދިއްކޮށްލިއެވެ. އަދި އަޙްމަދު އެގުޅަ އަނގަޔަށްލައި ކެއުން ފައްޓައިދިނެވެ. އެކަކު އަނެކަކަށް ބޯތަށިތައް ބަދަލުކުރަމުން ގެންދިޔައެވެ. އަދި އެންމެފަހުން ބޮޑުލޯތަށްޓަށްވެސް އަތްބާނައިގެން ކެއުން ކުރިޔަށް ގެންދިޔައެވެ. ކެއުމައިގެން މަޖާވެފައިތިބިވަރުން އެކަކުވެސް އަނގައިންވެސް ނުބުނެއެވެ. މައިގަނޑު ކެއުން ނިމުމާއެކު ނޯކަރުން ފޮނިކާތަކެތީގެ ތަށިތައް ގެންނަން ފަށައިފިއެވެ. އަލްޙަމްދު ލިﷲ އޭ ބުނެ އެންމެން ޝުކުރު ކުރިއެވެ. އަދި އެއަށްފަހު، ރޯޒްވޯޓަރު ގެ ޖަގުތައް ގެނެސް، ހުރިހާ ނޯކަރުންވެގެން އަޅުގަނޑުމެންގެ ތުނބާއި އަތްދޮވެދޭން ފެށިއެވެ. އެހިސާބުން ކެއުން ނިމިއްޖެއެވެ.

ކޭމްޕްގެ ބޭރުގައި ރޯކޮށްފައިހުރި ބޮޑު އަލިފާންގަނޑެއްގެ ކައިރިޔަށް އައިސް އެންމެން އެއްވެލުމަށް ކަރީމް އެދުނެވެ. އޭރު އިރުވެސް އޮއްސިއްޖެއެވެ. އެހެންކަމުން، ކޮންމެވެސް ވަރަކަށް ޖައްވު އޮތީ ފިނިވާން ފަށާފައެވެ. އެހެންކަމުން، އަވަސް އަވަހަށް، އެންމެން އަލިފާންގަނޑު ކައިރިޔަށް އެއްވެއްޖެއެވެ. ހުރިހާ ކުޑަކުދިންވެސް އެތަނަށް އައެވެ. އެއީ އަޅުގަނޑުމެންގެ އާދަކާދައިގެ މަތިން ޢާއިލީ އެއްވުންތަކުގައި ކޮށްއުޅޭ ކަމެކެވެ. ޚާދިމުން އައިސް އަޅުގަނޑުމެންނަށް ކޮފީއާއި ސައި ތައްޔާރު ކޮށްދިނެވެ. އަދި ކުޑަކުދިންނަށް ލުނބޯފަނި ގެނެސްދިނެވެ. އަދި އެކަކު އަނެކަކަށް މަޖާވާހަކަ ދެއްކުމުގެ އާދަޔާޚިލާފު ވަޤުތުކޮޅެއް އައެވެ.

ތާރީޚަށް ބަލާއިރު، ޢަރަބީންނާއި ބަދަވީން އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކޮށްފައި ވެއެވެ. ކޮންމެ ބަޔަކުވެސް އެ ހަނގުރާމަޔަށް ނުކުންނަނީ އެބައިމީހުންގެ ޤަބީލާގެ ދިފާޢުގައިކަމަށް ބުނެއެވެ. އެވާހަކަތައްވެސް ކުޑަކުދިންނަށް ކިޔައިދެމުން ގެންދިޔައެވެ. އާލް ސަޢުދުގެ ހަނގުރާމަވެރިން، ބަދަވީންގެ އެއްވެސް ބަޔަކަށް ބަލިކުރެވިފައެއް ނުވެއެވެ. އާލް ސަޢުދުގެ ލަޝްކަރު އެއްވެސްބަޔަކަށް ބަލިކުރެވިފައެއް ނުވެއެވެ. އެހެނެއްކަމަކު، ދުޝްމަން ބަދަވީންގެ ޤަބީލާތަކުގެ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން މަރައި، އާލް ސަޢުދު ޢާއިލާއިންވަނީ، އެމީހުންގެ ލަޝްކަރަކީ، އަޑުއިވުނަސް ބިރުގަންނަވަރުގެ ބަޔަކަށް ހަދާފައެވެ.

ހަނގުރާމައިގެ ވާހަކަތައް ކުރިޔަށްދަނިކޮށް، އަޙްމަދަށް ފޯރިއައިސް އޭނާގެ ކަނޑި ގެނެސްދިނުމަށް ނޯކަރުންގާތު ބުންޏެވެ. ހަމައެއާއެކު، އަޅުގަނޑުމެންގެ ފިރިންވެސް އަޙްމަދާ ބައިވެރިވިއެވެ. އެއަށްފަހު، ފިރިހެނުން ނަށާ އަރުދާ އެވެކިޔާ ނެށުމެއް ނަށަން ހުރިހާ ފިރިހެނުން ކުރިމަތިލިއެވެ. އަޅުގަނޑުމެންގެ ބޭބެ ޢަލީވެސް ނަށަމުން ގެންދިޔައެވެ. އެކަމަކު ޢަލީއަށް ނަށަން ހުރެވުނީ ދާދިކުޑަ ހިނދުކޮޅަކަށެވެ. އޭނާގެ ބިޔަ ހަށިގަނޑާއި ބޮޑުބަނޑުގެ ސަބަބުން ރަނގަޅަކަށް ހެލިފެލިއެއްވެސް ނުވެއެވެ. އަސަދު އެއާ ޚިލާފެވެ. އަސަދުގެ ހަށިގަނޑު އޭނާ ވަރަށް ރަނގަޅަށް ބަލަހައްޓައެވެ. ނެށުންނިމިގެން، ގުނބުހިލިފައިތިބި ފިރިހެނުންތައް އައިސް މާނޭވާލަމުން އަލިފާންގަނޑު ކައިރީ އަނެއްކާވެސް އިށީނދެއްޖެއެވެ.

ނޯކަރުންލައްވައި ފެންޖަގުތައް ގެނެސް އެމީހުން ކަރުމައްޗަށް ނަގައި ޖަގުން އަނގަޔަށް ފެން އަޅަން ފެށިއެވެ. ބޭރަށް އެންމެ ތިއްކެއްވެސް ނުވައްޓައި އެމީހުން ޖަގުން ފެން ބޮމުން ގެންދިޔައެވެ. ތަހާޏީ، ބަދަވީންގެ ލޯބީގެ ވާހަކައެއް ފެށިތަނާ ޢަލީ އެކަން ހުއްޓުވިއެވެ. ކުޑަކުދިން ތިބުމާއެކު އެއީ އެތާނގައި ކިޔަން އެހާ ރަނގަޅު ވާހަކައެއް ނޫންކަމަށް ބުންޏެވެ. ތަހާނީގެ އަނގަ ވަޤުތުން ބަންދުވިއެވެ. ބަދަވީންގެ އެވާހަކަތަކުން ކުދިންގެ ވިސްނުމާއި ފިކުރަށް ބަދަލު އަތުވެދާނެކަމުގައި އެކުދިންގާތު ޢަލީ ބުންޏެވެ. ހުރިހާ ވާހަކަޔަކަށްވުރެ މުހިންމު ވާހަކަޔަކީ، އަހަރެން މިކިޔައިދޭ ވާހަކައެވެ. އަޅުގަނޑަށް ސާރާ އާދިމާއަށް ބަލައިލެވުނެވެ. ކަރީމުގާތު، ޢަލީއާ މިދަތުރުގައި ދެބަސް ނުވުމަށް ކަރީމުގާތު އަޅުގަނޑު ވަޢުދުވީކަން ހަނދާންވިއެވެ. އަދި އަޑުއަހާހިތްވާކަމަށް ހަދައިގެން އިނީމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.