އަމީރާ ސުލްޠާނާގެ ނާރެސް - 21

(21 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

"ޔަޤީނެވެ. ސުލްޠާނާއެވެ! މިދިޔައަހަރުގެ ރޯދަމަހު ، ރޯދަޔަށްހުރެ ސިނގިރެޓް ފޮށްޓަކަށްވުރެ ގިނައިން ސުލްޠާނާ ބުއިމަ ، ފަޤީރުންނަށް ކައްފާރާ ބެހިވަރަށްވުރެ ގިނައިން މިފަހަރު ބަހާކަށް ނުޖެހޭނެދޯއެވެ؟ އެހެންނޫން ހެއްޔެވެ؟" މިދިޔަ އަހަރުގެ ހަނދާންތައް އައުކުރަމުން މަލާމާތުގެ ބަސްތަކެއް ކަރީމް ރައްދުކުރިއެވެ." ދެން ހުއްޓައިލާށޭ ބުނެ ، އަޅުގަނޑު ރުޅިއައިސްގެން އަނެއްފަރާތަށް އެނބުރުނީމެވެ. އަދި އަޅުގަނޑާ ދިމާނުކުރާށޭވެސް ބުނީމެވެ.

"ފާޚާނާގެ ފެންދާ ވަޅުގަނޑުގައި ސިނގިރެޓް ފިލްޓަރުތައް ތާށިވެގެން އުޅުނު ހަނދާން ވޭދޯއެވެ؟" ކަރީމް އަނެއްކާވެސް އަޅުގަނޑާ ދިމާކުރިއެވެ. އަޅުގަނޑު ރަކިކޮށްލަން ހެމުން ހެމުން ކަރީމް ބުންޏެވެ. އަނެއްކާވެސް ކަރީމުގެ އަޑެވެ.

"އާދެ ބަލާށެވެ! ބުނެބަލާށެވެ! މިފަހަރު ކޮށްގެން ތިއުޅެނީ ކޮންކަހަލަ ފާފައެއް ހެއްޔެވެ؟" އަޅުގަނޑު އެދިއެދި ހުރިފަދައިން ، ކުށަށް އިޢުތިރާފުވުމަށް އެތައް ފުރުޞަތެއް ﷲ ތަނަވަސްކޮށްދެއްވައިފިއެވެ. އެކަމަކުވެސް ، ވަގުތުގެ ގޮތުން މިއަދު ހެނދުނު އެކަހަލަ ކަމެއްކުރާކަށް ފުރުޞަތެއް ނެތެވެ.

"އަހަރެން ކަމެއް ނުކުރަމެވެ. އަހަރެން އަޞްލު ބޭނުމީ ، އަހަރެމެންގެ މުއްސަނދިކަމުން ބައެއް ، ފަޤީރު ޙާލުގައި އުޅޭ  ނިކަމެތިންނާ ޙިއްޞާ ކުރުމަށެވެ. އެހެން ބޭނުމެއް ނެތެވެ." ދިފާޢުގައި އަޅުގަނޑުވެސް ބުނެލީމެވެ.

ސުއާލުތަކަކުން ދެބުމަ ގޮށްޖަހައިގެންހުރެ ފުންކޮށް ، އަޅުގަނޑާ ދިމާއަށް ، ކަރީމް ބަލައިލިއެވެ.

"އަހަރެމެންނަށް ﷲ ދެއްވާފައިވާ މުއްސަނދިކަމުން ބައެއް ނިކަމެތިންނަށް ދިނުމަކީ އަހަރެމެން ކުރަންޖެހޭނެކަމެއްނޫން ހެއްޔެވެ؟" އަޅުގަނޑު ސުއާލުކުރީމެވެ.

ރަސްގެފާނުގެ ގަނޑުވަރަށްގޮސް ، އޭނާގެ ތިމާގެމީހުންނާ ބައްދަލުވުމަށް ކުރަމުންދިޔަ އިންތިޒާރާއެކު ، މިފަހަރު ކަރީމަށް މަޖްބޫރުވީ އަޅުގަނޑު ބުނިއެއްޗެއް ޤަބޫލުކުރާށެވެ.

"އެންމެ ރަނގަޅެވެ. ސުލްޠާނާއެވެ! 30 ޢާއިލާއަކަށް ކާންދެވޭނެ ވަރަށް ކާބޯތަކެތި ހޯދުމަށް އަހަރެން ، މުޙައްމަދު ގާތު ބުނާނަމެވެ. ކަލޭގެ ފާފައިގެ ކައްފާރާއަކަށް އެވަރު ފުދޭނެ ހެއްޔެވެ؟” ކަރީމް ސުއާލުކުރިއެވެ. އަދި އެމީހުންނަށް ފުދޭވަރަށް އަންނައުނުވެސް ހޯދަން މުޙައްމަދު ގާތު ބުނާށޭ ، އަވަސް އަވަހަށް އަޅުގަނޑު ބުނީމެވެ.

މުޙައްމަދަކީ ، އަޅުގަނޑުމެން މިޞްރުން ގެނެސްގެން ގެނގުޅޭ ނޯކަރެކެވެ. ވަރަށް ތެދުވެރި މީހެކެވެ. އަޅުގަނޑުމެންގެ ޢާއިލާ ، ހޯދައި އެއްކުރަމުންގެންދާ ފައިސާގެ ވާހަކަ  ، އެހެން ޚާދިމުންގާތަކު މުޙައްމަދެއް ނުދައްކާނެއެވެ. އަންނައުނުވެސް ގަންނާނީއޭބުނެ ، ކަރީމް ވެސް އެކަމަށް އެއްބަސްވިއެވެ.

އަޅުގަނޑަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ފަރުޟު ރޯދައެއް ނުހިފައި ދޫކޮށްލައިފިނަމަ ، ކައްފާރާ ދޭންޖެހޭނެއެވެ. 30 ޢާއިލާއަށް ކާންދީ އަންނައުނު ދިނުމުން ، އަޅުގަނޑު ބުއި ރަލާއި ދޫކޮށްލި ރޯދައިގެ ކައްފާރާއަކަށް ، މާރަނގަޅަށްވެސް ފުދޭނެކަމަށް އަޅުގަނޑު ނިންމީމެވެ. ކަރީމްނައްޓައިލުމާއެކު ، އަޅުގަނޑުމެންގެ ފިލިޕީން ޚާދިމެއްކަމުގައިވާ ލިއްބީއަށް ގޮވައިލީމެވެ. އެއީ އަޅުގަނޑު ފެންވަރަން ކުރަންޖެހޭ ތައްޔާރީތައް ކުރުމަށެވެ. ކައްފާރާ ދިނުމާބެހޭކަންކަން ރޭވި ހިނގަމުންދާނެތީ އަޅުގަނޑުގެ ހިތަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބުނެވެ. ކުރެވިފައިވާ ފާފަތައް ، ފަޤީރުންނަށް ޞަދަޤާތްކުރުމުން ފުހެވިދާތީ ހިތަށް ލިބުނު ހަމަޖެހުން އަދިވަކިން ބޮޑުވިއެވެ. ހަމަޖެހިލެވިފައިހުރި ވަރުން ، ފެންވަރަން ހުރެގެން ޢަރަބިން ލަވައެއްވެސް ކިޔައިލެވުނެވެ.

ރީތިވެ މީރުވަސްދުވާ ސެންޓްޖަހަން އަޅުގަނޑަށް އޮތީ އާދަވެފައެވެ. މިޞްރުން ގެނެސް އަޅުގަނޑު ގެންގުޅޭ ބޮލުފުނާ އަޅައިދޭ ކުއްޖާ އައު ފެޝަންތަކަށް އަޅުގަނޑުގެ ދިގު ، ކަޅު އިސްތަށިގަނޑު ގަތައިދޭނެއެވެ. ދާދިފަހަކުން ، ލަންޑަނުން ހުޅިއަށްޖަހާ ވަރަށް އަގޮބޮޑު ދަތިތަކެއް އަޅުގަނޑު ގެނައީމެވެ. ފެނވަރާ ނިމިގެން ، ރީތިވުމަށްފަހު އަޅުގަނޑުލީ ، ކްރިޝްޓިއަން ޑިއޯރ ގެ ޑިޒައިން ހެދުމެކެވެ. އެއީ ރަތް ރޮނގުތަކެއް ދަމާފައިހުރި ޖުއްބާ އެކެވެ. އެއީ އަޅުގަނޑު  އެންމެގަޔާވާ އެއް ހެދުމެވެ. އަދި އެއަށްފަހު ދާންވީ ތަންތަން ސިކުނޑީގެ ޗާޓުގައި ފާހަގަކޮށލީމެވެ. އަދި ހަދިޔާތައް ގެންގޮސް ، ދާދިމިދާކަށްދުވަހު އަޅުގަނޑުމެން ގަތް މަރސީޑިސް ބެންޒްގެ ޑިކީއަށް އަރުވައިދޭން ، ތިން ކާދިމަކަށް އެންގީމެވެ. މަހާ އާއި އަމާނީ ތައްޔާރު ވެއްޖެތޯ އެކުދިންނަށް ގޮވައިލީމެވެ. އަޅުގަނޑުހުރީ ލަސްވެފައެވެ. ޢީދުދުވަހު ، ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ބަދިޔާ ބަދަލުކުރުމަކީ ، އަޅުގަނޑުވެސް އަދި ކުދިންވެސް ވަރަށް ގަޔާވާ ކަމެކެވެ.

އަޅުގަނޑުމެން ތައްޔާރުކުރި ހަދިޔާތައް ހުރީ ، އަގުބޮޑު އަދި ރީތި ކަރުދާހުން ބަންދު ކުރެވިފައެވެ. ހަދިޔާއަށް ހޯދީ މިސްކިތުގެ ޑިޒައިނަށް ހަދައިފާ ހުރި އަގުބޮޑު ޗޮކްލެޓާއި ، ރަނުން ޖަރީކޮށްފައިހުރި ސްކާރފް އަދި ފަރަންސޭސި ވިލާތުން ގެނެސްފައިހުރި ، އަގުބޮޑު ސެންޓެވެ. މީގެ އިތުރަށް ކަރުގައި އަޅާ އަގޮބޮޑު ހާރުވެސް ހުންނާނެއެވެ. އެންމެ ފުރަތަމަ ޒިޔާރަތްކުރަންވީ ކޮން ގަނޑުވަރަކަށްކަން އަޅުގަނޑަށް އެނގެއެވެ. މާރައްޓެހިނޫން ދުރުތާތިމާގެ ކުއްޖަކު ، މިދިޔައަހަރު މާމޮޅު ގަނޑުވަރެއް ބިނާކުރިވާހަކަ ރައްޓެހިންގެ ފަރާތުން އަޅުގަނޑަށްއޮތީ އެނގިފައެވެ. ވަރަށް އަޖައިބު ކުރުވަނިވި ކަންތައްތަކެއް އެތަނުގައި ހުރިކަމަށް ވެއެވެ. އެއިރުއްސުރެ ފެށިގެން ، އެގަނޑުވަރަށް ޒިޔާރަތްކޮށްލަން އަޅުގަނޑުހުރީ ކެތްމަދުވެފައެވެ. ފަޟްލު އެވެ ކިޔާ އެކުއްޖާ ބިނާކުރި އެ ގަނޑުވަރަކީ ، ހީވެސް ނުކުރާ ވަރަށް ޚަރަދުކޮށްގެން ވަށައިގެން ބަގީޗާ ލެވިފައިވާ ، ދުނިޔެމަތީގެ ސުވަރުގެޔެއްފަދަ ތަނެކެވެ.

ރަނގަޅު މުސްލިމެއްގެ ގޮތުގައި ހެޔޮޢަމަލުކޮށްގެން ދުނިޔޭގެ ދިރިއުޅުން ވޭތުކޮށްފިމީހަކަށް ހުރި ދަރުމައާއި ސަވާބުގެ ވާހަކަ ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައި ވެއެވެ. ކިޔަމަންތެރި ، ތަޤުވާވެރިން ، އެތަނެއްގެ ވަށައިގެން ފެންކޯރުތަކާއި މީރުވަސްދުވާ މާމެލާމެލީގެ ބަގީޗާތަކުން ޒީނަތްތެރިކުރެވިގެންވާ ސުވަރުގެތަކުގައި ، ސުވަރުގޭގައި ދިރިއުޅޭނެކަން އަންގަވައިފައި ވެއެވެ. ފަޟްލުގެ ގަނޑުވަރަށް ދިޔަމަގުމަތީގައި އެތަނުގައި ހުންނާނެ ޢަޖައިބުތަކުގެ މައްޗަށް ކުޑަކޮށް ވިސްނައި ލެވުނެވެ. ކޮންމެވެސް ނޭނގޭ ސަބަބަކަށްޓަކައި ، އެތަނަށް ނުދިއުމަށް އަޅުގަނޑުގެ ހަވަނަ ޙިއްޞު އެބަ އަންގައެވެ. އަނބުރައިލުމަށް އެބަ ވިސްނައި ދެއެވެ. އެހެނަސް ، ވަކިގޮތެއް ނިންމަން ނޭނގި އަޅުގަނޑަށް ކުރިޔަށް ދެވުނެވެ. ދެ އަންހެންކުދިންވެސ ގޮވައިގެންނެވެ.

      "ޕެރެޑައިސް ޕެލަސް" ނުވަތަ ސުވަރުގޭގެ ގަނޑުވަރު ، މިނަމަކީ ، އަޅުގަނޑަށް ބޮޑުދައިތަކިޔާ ކުއްޖަކު މަޖަލަކަށް އެގަނޑުވަރަށް ކީ ނަމެކެވެ. ކުރިމައްޗަށް އެރިއިރު ، ލެވިފައިވާ ދަގަނޑު ދޮރު ހުރީ ތަޅުލެވިފައެވެ. އެއްވެސް ދިމާއަކުން ދޮރުވާނެއް ފެންނާކަށް ނެތެވެ. ކުރިމަތީގައި ކާރު ބާއްވާފައި ، ދޮރުވާނަކު ފެނޭތޯ އަޅުގަނޑުމެންގެ ޑްރައިވަރު ފައިބައިގެން ހިނގައްޖެއެވެ. ހަދާނެގޮތެއް ނޭނގި ތިއްބައި ، ޔަމަނުން ގެނެވިފައިހުރި ޚާދިމަކު އައިސް ދޮރުހުޅުވައިފިއެވެ. މައިގޭޓުން ވަދެގެން ދިޔައިއިރު ފެންނަމުންދިޔައީ އަގުބޮޑު އެކިކުލައިގެ މާބްލް ތަކެވެ. ހައިބަތުހުރި މަގެކެވެ. ވަށައިގެން ޖަހައިފާހުރި ގަސްތަކުން މުޅި މާޙައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ. ފަޟްލުގެ ގަނޑުވަރަކީ ހަމައެކަނި ޢިމާރާތް ފުރިހަމަވެގެންވާ ތަނެއްނޫނެވެ. ޢިމާރާތުގެ ވަށައިގެން ހިތްގައިމު މާޙާއުލެއް ޤާއިމްކޮށްދީފައިވާ އިރު ދާންވީ ހިސާބަށް ކާރު ފޯރައިފިއެވެ. ބިންމަތި ފުރިހަމަވެފައިވަނީ ފެހިކަންގަދަ ވިނަތަކުންނެވެ. މަދުން ނޫނީ ނުފެންނަ ރީތިމާގަސްތަކުން ، ހަމައެކަނި ތަން ފަޅުފިލުވައިދީފައިވަނީކީ ނޫނެވެ. މީރުވަހުންވެސް ތަންވަނީ އިތުރަށް ފުރިހަމަވެފައެވެ. އެއީ އަދި އަޅުގަނޑަށް މިހާތަނަށް ފެނިފައިވާ ތަނެއްނޫނެވެ. އަޅުގަނޑަށް ބުނެވުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.