ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި އުދައިގެ ސަބަބުން އެންމެބޮޑު ގެއްލުމެއް ލިބުނީ ދަނޑުވެރިންނަށް

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި އުދައިގެ ސަބަބުން އެންމެބޮޑު ގެއްލުމެއް ލިބުނީ ދަނޑުވެރިންނަށް ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވައިގަދަވެ، އުދަ އެރުމުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށެވެ.

އެ ހާދިސާ އާއި ގުޅިގެން 4 ރަށަކުން، 110 ގޭ ބިސީއަކުން ބަލަހައްޓާ ދަނޑު ބިންތަކަށް ގެއްލުން ލިބިފައިވާކަމަށް މިހައިތަނަށް އެ އޮތޯރިޓީއަށް ހުށަހެޅި ފޯމުތަކުން އެނގޭކަމަށް ވަނީ ބުނެފައެވެ. އަދި  މިއީ ލިބުނު އެސެސްމެންޓް ފޯމުތަކުގެ 46 އިންސައްތަ ކަމަށް ވެސް ބުނެފައިވެއެވެ.

" ދަނޑުބިންތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު މިރުސް، ފަޅޯ، ބިލެތް، ދޮންކެޔޮ، ބަނބުކެޔޮ އަދި އަނބު ގަސް މަރުވެގެން ވަނީ ރިޕޯޓްކޮށްފަ. ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ފޯމު ފޮނުވާފައިވަނީ ގދ.މަޑަވެލި، ގދ.ހޯނޑެއްދޫ، ގދ.ފިޔޯރި އަދި ތ.ތިމަރަފުށިން." އެންޑީއެމްއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން ވިޔަފާރިއާއި ސަރުކާރު ޢިމާރާތްތަކާއި އިޖްތިމާޢީ ޢިމާރާތް ފަދަ އެހެނިހެން ތަންތަނަށް ލިބިފައިވާ ގެއްލުން  %14 ފޯމުގައި ފާހަގަކޮށްފައިވާ ކަމަށާއި މިހައިތަނަށް އެ އޮތޯރިޓީއަށް ލިބިފައިވާ ޑެމޭޖް އެސެސްމެންޓް ފޯމުތަކުގެ ތެރެއިން މައުލޫމާތު ފުރިހަމަނޫން ބައެއް ފޯމުތަކުގެ މައުލޫމާތު ފުރިހަމަ ކުރުމަށް ކައުންސިލް އިދާރާތަކަށް ފޮނުވައިގެން އެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

ބައެއް ރަށްތަކުން ޑެމޭޖް އެސެސްމެންޓް ފޮނުވުމުގައި ލަސްތަކެއް ދިމާވެފައިވާކަން ފާހަގަކުރެވޭ ކަމަށާއި މިގޮތުން ބޮޑަށް ގެއްލުން ލިބުނު ރަށްތަކުން ޢާންމު ހާލަތަށް ރުޖޫޢަވުމަށް މަސައްކަތްކުރަން ޖެހުމާއި، ކައުންސިލް އިދާރާތަކުގައި މުވައްޒަފުންގެ ދަތިކަމާއިއެކު ގިނަ ޢަދަދެއްގެ ގޭގެއަށް ޒިޔާރަތްކޮށް އެސެސްމެންޓް ހަދަން ވަގުތު ނެގުމާއި އީދު ބަންދު ގެ ސަބަބުންވެސް ލަސްތަކެއް ކުރިމަތިވި ކަމުގައިވެސް އެންޑީއެމްއޭގެ އަދާހަމައިގާ ފާހަގަކޮށްފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.