މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވޭ: އެންޑީއެމްއޭ

މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާތީ، ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމުގެ ފުރިހަމަކަން ޔަޤީން ކުރުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭ އިން ބުނީ ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ، ކުރިއާލާ ވައު ފަދަ އެއްޗެއް ބޭނުން ކޮށްގެން ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ހައްޔަރުކުރުމަށް އެދޭ ކަމަށެވެ. އަދި ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން ފަދަ ކަންކަމަށް ސަމާލުވުމަށާއި މޫސުން ގޯސްވާނެތީ، ރައްޔިތުންގެ މުދަލާއި އިމާރާތްތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.