ސީރިޔާގައި ފައްޅިއެއް ހުޅުވުމުގެ ރަސްމިއްޔާތަށް ހަަމަލާދީ 2 މީހުން މަރާލައިފި

ސީރިޔާގެ ހަމާގައި އިއްޔެ ހުޅުވި ފައްޅި

ސިރީޔާ (ސޫެރިޔާ) ގެ ހަމާގައި ބިނާކުރި ނަޞާރާ ފައްޅިއެއް ހުޅުވުމުގެ ރަސްމިއްޔާތަށް ބަޔަކު ދިން ހަމަލާއެއްގައި 2 މީހުން މަރުވެ 12 މީހުން ޒަޚަމްވެއްޖެއެވެ.

"ހަމާގެ ކައިރީގައި އޮންނަ ސުޤައިލަބިއްޔާ އަވަށުގައި އޮތް ދީނީ އެއްވުމަކަށް ޓެރަރިސްޓް ޖަމާއަތަކުން އަމާޒުކުރި ރޮކެޓް ހަމަލާއެއްގައި ދެ މީހުން މަރުވެ 12 މީހުން ވަނީ ޒަޚަމްވެފައި." ސީރިޔާގެ ރަސްމީ ޚަބަރުފަތުރާ އެޖެންސީ ސަނާއިން ބުނެފައި ވެއެވެ. ސަަނާއިން އިތުރަށް ބުނިގޮތުގައި ދީނީ އެއްވުމަކީ 'އާޔާ ސޯފިޔާ' ގެ ނަމުގައި ބިނާކުރި ފައްޅިއެއް ހުޅުވުމުގެ ރަސްމިއްޔާތެވެ.
އަނެއްކޮޅުން، 'ނޭޝަނަލް ޑިފެންސް މިލިޝިޔާ' އިން ބުނެފައިވާ ގޮތުގައި ފައްޅި ހުޅުވުމުގެ ހަފްލާގައި 2 މީހުން މަރުވެ، 12 މީހުން ޒަޚަމްވެފައި ވަނީ ޑްރޯނަކުން ދިން ހަމަލާއެއްގައެވެ.

ސީރިޔާގައި ހިނގަމުންދާ ކަންކަން ގާތުން ބަލަމުންދާ ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވެސް ވަނީ މި ހަމަލާ ދީފައިވާކަން ކަށަވަރުކޮށްދީފައެެވެ. އެ ޖަމާއަތުން ވެސް ބުނެފައިވަނީ ހަމަލާދީފައި ވަނީ ޑްރޯންއަކުން ކަަމަށެވެ.

'ބަލަދީ ނިއުސް' އިން ހާމަކުރި ގޮތުގައި ފައްޅި ހުޅުވުމުގެ ރަސްމިއްޔާތުގައި ސީރިޔާއާއި ރަޝިޔާގެ އިސް އަސްކަރީ އޮފިސަރުންނާއި، ދީނީ މީހުން ބައިވެރިވެފައި ވެއެވެ. އެ އަވަށުގައި ދިރިއުޅޭ މީހުންގެ ފަރާތުން ޚަބަރު ލިބޭ ގޮތުގައި ފައްޅި ބިނާކުރުމަށް ޚަރަދުކޮށްފައި ވަނީ ރަޝިޔާއިންނެވެ. އަދި 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެ ފައްޅީގެ ބިންގާ އަޅާފައި ވަނީ 'ނޭޝަނަލް ޑިފެންސް މިލިޝިޔާގެ ކޮމާންޑަރު ނާބިލް އަލްޢަބްދުﷲ އެވެ.

އާދީއްތަ ދުވަހު މި ހަމަލާދީފައި މިވަނީ އިދްލިބް ޕްރޮވިންސުގައި ދިން ހަމަލާއެއްގައި 7 މީހުން މަރުވެފައި ވަނިކޮށެވެ. މަރުވި މީހުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ.

އޮބްޒަވޭޓަރީން ހާމަކޮށްފައިވާ ގޮތުގައި އުތުރު ސީރިޔާގެ ޖިސްރުއް ޝުޣޫރް ސަރަހައްދުގައި ދިން މި ހަމަލާއަކީ ރަޝިޔާގެ ވައިގެ ސިފައިން ދީފައިވާ ހަމަލާއެކެވެ.

އިދްލިބް ޕްރޮވިންސުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔާއި، ހަލަބާއި، ހަމާއާއި ލަޓާކިޔާ (ލާޒިޤިއްޔާ) ގެ ބައެއް ސަރަހައްދުތައް އަދިވެސް ކޮންޓުރޯލުކުރަނީ ހައިއަތު ތަޙްރީރިއްޝާމް ޖަމާއަތުންނެވެ.

2011 ވަނަ އަހަރު ފެށުނު ސީރިޔާ ދާޚިލީ ހަނގުރާމައިގައި ބައި މިލިއަނެއްހާ މީހުން މަރުވެފައި ވާއިރު، ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ހިޖުރަކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.