ރަޝިޔާއިން ސީރިޔާގެ ރައީސު ބައްޝާރުލް އަސަދަށް ތާއީދުކުރުމާއި، އޭނާ ހިމާޔަތްކުރުން ހުއްޓާލައި ސީރިޔާއަށް ހަމަޖެހުން ގެނައުމަށް ހަގީގީ ވާހަކަތަކެއް ފެށުމަށް ރަޝިޔާ އެއްބަސްވޭތޯ، ފަރުދާގެ ފުރަގަހުގައި ރަޝިޔާއާއެކު ކުރެވޭ ސިއްރު މަޝްވަރާތަަކުގައި ހުޅަނގުން ތިން ހުށަހެޅުމެއް ހުށަހަޅައިފިކަމަށް ޖަރުމަނުގެ ނޫހަކުން ޚަބަރު ދީފިއެވެ.
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްގެ ޚާރިޖީ ސިޔާސަތު ރޭވުމުގައި އިސްކޮށް އުޅޭ، ނުފޫޒުގަދަ ފަރާތްތަކަކާ ހަވާލާދީ ޖަރުމަނުގެ މަޝްހޫރު ނޫހެއް ކަމުގައިވާ ފްރެކްފާޓާ އެލްގަމައިން ސޭޓުންގ ނޫހުން ބުނާ ގޮތުގައި މިއީ އެމެރިކާއާއި، ޖަރުމަނާއި، ޔޫރަޕްގެ ބައެއް ގައުުމުތައް ގުޅިގެން ހުށަހެޅި ކަންތައް ތަކެކެވެ.
ޖަރުމަނުގައި ވެރިކަންކުރާ ކްރިސްޓިއަން ޑިމޮކްރެޓިކް ކޯލިޝަނާއި، އިދިކޮޅު ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިންނާއި ހަވާލާދީ އެނޫހުން ބުނާ ގޮތުގައި ރަޝިޔާއެކު ދެކެވޭ ވާހަކަތައް ބިނާވެފައި ވަނީ 'އެއްޗެއް ހޯދައިގެެން، ބަދަލުގައި އެއްޗެއް ދިނުމު' ގެ އުސޫލުގެ މައްޗަށެވެ.
ހުޅަނގެ ގައުމުތައް ރަޝިޔާއިން ހޯދަން ބޭނުންވާކަަމަކީ ރައީސު ބައްޝާރުލް އަސަދަށް ތާއީދުކުރުން ނިމުމަކަށް ގެނެސް، އޭނާގެ ސަރުކާރު ހިމާޔަތްކުރުން ހުއްޓާލުމެވެ. މިކަމުގެ ބަދަލުގައި ހުޅަނގުން ރަޝިިޔާއަށް ހުށަހަޅަނީ ތިންކަމެކެވެ.
އޭގެ ތެރެއިން ފުރަތަމަ ކަމަކީ ސީރިޔާގެ ސަރުކާރު ބަދަލުވުމަށް ފަހު، އެގައުުމުގެ ޠަރްޠޫސުގައި އޮތް ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަރުކަޒާއި، އައްލާޒިގިއްޔާގައި އޮތް ރަޝިޔާގެ ވައިގެ ސިފައިންގެ މަރުކަޒުން ރަޝީޔާ ސިފައިން ނުފައިބައި، އެދެތަން މިހާރުވެސް ބޭނުންކުރާ ގޮތަށް ރަޝިޔާ ސިފައިންނަށް ބޭނުންކުރެވޭނޭ ކަމުގެ ގެރެންޓީ ރަޝިޔާއަށް ދިނުމެވެ. އޭރުން ދަރްދަނީލް ކަނޑުއޮޅިއާއި، ޖިބްރޯލްޓާ ކަނޑުއޮޅިއާއި، ސުވޭސް ކެނެލާ ދެމެދުގައި ހަރަކާތެރިވާ ރަޝިޔާގެ ސަބްމެރިންތަކަށާއި، މަތިންދާބޯޓު އުފުލާ އުޅަނދުތަަކަށް މިތަންތަނުން ޚިދުމަތް ދެވޭނެއެވެ.
ދެވަނަ ކަމަކީ މާލީ އެހީތެެރިިކަން ފޯރުކޮށްދިނުމެވެ. ހަގީގަތުގައި ބައްޝާރު ހިމާޔަތްކުރަން ރަޝިޔާ ސިފައިން ސީރިޔާއަށް ވަނުމުގެ ސަބަބުން ރަޝިޔާއަށް މިވަނީ އެތައް ބިލިއަން ޑޮލަރެއްގެ ޚަރަދު އިތުރަށް އުފުލަން ޖެހިފައެވެ. އަދި ހަނގުރާމައިގެ ސަބަބުން ސީރިޔާ ވަނީ ފުނޑުފުނޑުވެފައެވެ. ސީރިޔާ އަލުން ބިނާކުރުމަށް ހުޅަނގުގެ ގައުުމުތަކުންނާއި އަރަބި ގަލްފުގެ މުއްސަނދި ގައުމުތަކުން އެތައް ބިލިއަން ޑޮަލަރެއް ޚަރަދުކުރާނެ ކަމުގެ ޔަގީންކަން ހުޅަނގުުން ރަޝީޔާއަށް ދޭނެއެވެ.
ތިންވަނަ ކަމަކީ ބައިނަލް އަގްވާމީ މައިދާނުގެ ނުފުޒު ގަދަ ބޮޑު ދައުލަތެއްގެ ދައުުރު އަދާކުރުމުގެ ފުރުސަތު ރަޝިޔާއަށް ހޯދައިދިނުމެވެ.
މިހުށަހެޅުންތަކަށް ރަޝިޔާއިން އިން ވަކި ޖަވާބެއް ދިންކަން އެނޫހުން ހާމަކޮށްފައި ނުވެއެވެ.