ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރަމުންދާ މީހުން. މިއަދު (ބުދަ ދުވަހު) އެގައުމުގެ ރައީސުކަމަށް ހޮވިވަޑައިގަތް ރަނިލް ވިކްރަމަސިންހަ މަގާމުން އިސްތިއުފާދެއްވަން ގޮވާލައިފިއެވެ. ކުރީގެ ރައީސު ގޯތާބޭ ރާޖަޕަކްސާ ގައުމުދޫކުރައްވައި ވަޑައިގެން އިސްތިއުފާދިނުމަށް މަޖުބޫރުކުރި އިހުތިޖާޖުތައް ކުރި މީހުން ވަނީ އޭނާގެ ސަަރުކާރާ ގުޅުން އޮތް އެއްވެސް މީހަކު ވެރިކަމުގައި ހުންނަން ގަބޫލުނުވާނެ ކަމަށް ބުނެފައެވެ.
ކޮލޮމްބޯގެ ގޯލްފޭސް ގްރީންގައި 'ގޮޓާގޯގަމަ' ހަދައިގެން "ގޮޓާގޯހޯމް" ގޮވަމުން ދިޔަ މީހުންގެ އެދުމަކީ މުޅިން އާ ބޭފުޅަކު ރައީސުކަމަށް ވަޑައިގަތުމެވެ. އެެހެންނަމަވެސް، އާ ރައީސަކު ހޮވަން ބުދަ ދުވަހު ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓުގެ ނަތީޖާ އައިސްފައި ވަނީ އެމީހުން ބޭނުންވާ ގޮތަކަށް ނޫނެވެ.
225 މެންބަރުން ހިމެނިވަޑައިގަންނަވާ މަޖިލީހުގައި މިއަދު ނެގި ވޯޓު އުމުރުފުޅުން 73 އަހަރުފުޅުގެ ރަނިލް ކާމިޔާބުކުރައްވާފައި ވަނީ 134 ވޯޓުންނެވެ. ޔުނައިޓެޑް ނޭޝަަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރު ރަނިލްއަށް އެެންމެ ގިނަ ވޯޓުދެއްވާފައި ވަނީ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މިހާރުވެސް އޮތް ރާޖަޕަކްްސާގެ ޕާޓީ، ސްރީލަންކާ ޕޮދުޖަނަ ޕެރުމޫނާ (އެސްއެލްޕީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. އޭނާއާ ވާދަކުރެއްވީވެސް އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެއީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އަލަހައްޕެރުމާ އެވެ. އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާގެ ޕާޓީ، ސަމާގީ ޖަނާ ބަލަގެވަޔާ (އެސްޖޭބީ) ގެ ތާއީދާއެެކުގައި އޭނާ ވަނީ 82 ވޯޓު ހޯއްދަވާފައެވެ.
މިއަދު ނެގި ވޯޓުގައި އެސްއެލްޕީޕީ ދެބައިވެފައި ވާއިރު، ރާޖަޕަކްސާގެ އާއިލާއިން ތާއީދުކޮށްފައި ވަނީ ރަނިލްއާ ދެކޮޅަށް ވާދަކުރެއްވި ޑަލެސްއަށެެވެ.
"އަހަރުމެން ހުށަހެޅީ ޑަލެސް. އަހަރުމެން ވޯޓުލީ އޭނާއަށް. އެކަމަކު ދެރަވީ. ކޮިންމެސް އެކަކު މޮޅުވާނީ." ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތުދެއްވަމުން ކުރީގެ ރައީސު މަހިންދަ ރާޖަޕަކްސާ ވިދާޅުވިއެވެ.
"އެނާ (ރަނިލް) އަށް ގިނަ ވޯޓު ލިބިވަޑައިގަތީ. އެއީ ކަން ވީ ގޮތަކީ. އަހަރުމެން މިތިބީ މުސްތަގުބަލުގައި ކަން ވާނެ ގޮތެއްގެ އިންތިޒާރުގައި." މަހިންދަ އިތުރަށް ވިދާޅުވިއެވެ.
އިހުތިޖާޖުކުރާ މީހުންގެ ފިއްތުންތަކުގެ ސަބަބުން ވެރިކަމާ ދުރަށް ދާން މަޖުބޫރުވި ރާޖަޕަކްސާގެ އާއިލާގެ ތާއީދު ނެތްނަަމަވެސް، އެމީހުން އެދެމުން ގަބޫލުކުރަނީ ރަނިލް ހޮވިވަޑައިގަތީ އެއާއިލާގެ ތާއީދާއެކު ކަމަށެވެ.
"އޭނާ ހޮވާފައިވަނީ އާއްމުންގެ އެދުމާ ދެކޮޅަށް. އޭނާ (ވެރިކަމަށް) ގެނައީ ރާޖަޕަކްސާމެން. ވިކްރަމަސިންހަ އިސްތިއުފާދެއްވަންދެން އަހަރުމެންގެ މަސައްކަތް ކުރިއަށް ގެންދާނަން" އިހުތިޖާޖުކުރާ މީހުންގެ ގްރޫޕެއް ކަަމަށް 'އަރަގަލަޔާ'ގެ ފަރާތުން ވާހަކަދެއްކި ޖީވަންތާ ޕެއިރިސް ނޫސްވެރިންނާ ވާހަކަދައްކަމުން ބުންޏެވެ.