ސްރީލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ ރައްޔިތުންގެ ގިނަ ބަޔަކު ނުކުމު ސަރުކާރާ ދެކޮޅަށް ކުރި އިހުތިޖާޖުތަކަށް ފަހު ބޮޑުވަޒީރު އަދި ކުރީގެ ރައީސު މަހިންދަ ރާޖަޕަކްސަ ހޯމަ ދުވަހު އިސްތިއުފާ ދެއްވާފައި ވަނިކޮށް ކުރިން ފަސް ފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ރަނިލް ވިކްރަމަސިންހައަށް ބޮޑުވަޒީރުކަން ދެއްވައިފިއެވެ. ރައީސު ގޮތާބޭ ރާޖަޕަކްސާގެ ކުރިފުޅުމަތީގައި ރިޔާސީ ގަނޑުވަރުގައި ރަނިލް ބޮޑުވަޒީރުކަމުގެ ހުވައިކުރެއްވީ މިއަދު އިރު އޮއްސި 6:30 (ރާއްޖޭ ގަޑިން ހަވީރު 6:00) ގައެވެ. ހުވައިކުރެއްވުމަށް ފަހު އޭނާ ވަނީ ވަލުކަރަމަ ފައްޅިއަށް ވަޑައިގެންފައެވެ.
އަޣުލަބިއްޔަތު ނެތް މައިނޯރިޓީ ސަރުކާރެއްގެ ވެރިއަކަށް ނުހުންނަވާނެ ކަމުގައި ޔޫއެންޕީން ބުނެފައިވާއިރު، ރައީސު ގޮތާބޭގެ އޮފީހުން ކުރިން ބުނެފައި ވަނީ އަލުން އެކުލަވާލާ ސަރުކާރަށް 225 ގޮނޑީގެ އަޣުލަބިއްޔަތު އޮންނާނެ ކަމުގައެވެ. ސްރީލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ގާނޫނުހަދާ މަޖިލީހުގައި ތިއްބެވި މުސްލިމް އަދި ތަމަޅަ މެންބަރުންގެ ގިނަ ބޭފުޅުން ވަނީ ރަނިލް ވިކްރަމަސިންހައަށް ތާއީދުކުރަން ނިންމަވާފައެވެ.
މައުލޫމާތު ހުރި ބައެއް މަސްދަރުތަކުން ސްރީލަންކާގެ ބައެއް ނޫސްތަކަށް މައުލޫމާތުދީފައިވާ ގޮތުގައި، ރައީސު ރާޖަޕަކްސާ ވަނީ ތަފާތު ޕާޓީތަކުގެ ލީޑަރުންނަށް ބޮޑުވަޒީރުކަން ހުށަހަޅުއްވާފައެވެ. ނަމަވެސް، ޝަރުޠަކާ ނުލައި މަގާމާ ހަވާލުވެވަޑައިގަންނަވަން އެއްބަސްވެވަޑައިގަތީ ރަނިލް އެކަންޏެވެ.
މައި އިދިކޮޅު ޕާޓީ ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) ގެ ލީޑަރު ސަޖިތު ޕްރެމަދާސާއަށް ބޮޑުވަޒީރުކަން ހުށަހެޅުއްވުމުން އޭނާ ވަނީ ގިނަ ޝަރުޠުތަކެއް ކުރިމަތިކުރައްވާފައެވެ. އޭގެ ތެރޭގައި، ރައީސު ގޮތާބޭ ރާޖަޕަކްސާ ވަކި މުއްދަތެއްގެ ތެރޭގައި އިސްތިއުފާދެއްވުމާއި، ސަރުކާރު ހިންގުމާއި ރައީސު ބެހިވަޑައިނުގަތުމާއި، ރިޔާސީ ނިޒާމު އުވާލައި، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުން ފަދަ ޝަރުޠުތައް ހިމެނެއެވެ.
ރަނިލް ވިކްރަމަސިންހަ ވަނީ 1993 ވަނަ އަަހަރާއި، 2018 ވަނަ އަހަރާ ދެމެދު 5 ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައެވެ. ސްރީލަންކާގެ ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއް ވެފައި ވީނަމަވެސް، އެކި ފަހަރުމަތިން އެގައުމުގެ ރައީސުކަމަށް ވަޑަައިގަންނަވަން އޭނާ ކުރެއްވި މަސައްކަތްޕުޅު ވަނީ ނާކަމިޔާބުވެފައެވެ.