އިންޓަނެޓްގެ ޒަމާނުގައި އަމިއްލަ ނަފްސާއި މީސްތަކުން ފަޟީޙަތް ކުރުން

މީހަކު ފާފައެއް ކުރުމުން، އެ ފާފައެއް ބޭޒާރު ނުކޮށް ފޮރުވުމުގެ މާނައަކީ އެ ފާފައަކީ މާބޮޑު ކަމެއް ނޫންކަމަށް ދުށުމެއްނޫނެވެ. ނުވަތަ އެ ފާފައެއް ތަކުރާރު ކުރުމަށް ހިތްވަރު ދިނުމެއްވެސް  ނޫނެވެ. އޭގެ ބަދަލުގައި އެއީ ތައުބާވުމުގެ ދޮރު، އެ މީހަކަށް ހުޅުވުމަށް ފުރުޞަތު ދިނުމާއި، ނުކިޔަމަންތެރިވުމަށް ބާރުއެޅުމުން ހިތްތައް ޠާހިރުކުރުމަށް މަގު ފަހިކުރުމުގެ މަޤްޞަދުގައި ކުރެވޭ ކަމެކެވެ.

އިންޓަރނެޓާއި ސޯޝަލްމީޑިއާގެ ވަސީލަތްތަކުން މުސްލިމުންގެ ޚަބަރުތައް ބަލަމުންދާ ބަޔަކަށް މިއަދު ފެންނަމުންދާނީ، ބިރުގަންނަން ޖެހޭފަދަ ޙާލަތަކަށް މިކަން ގޮސްފައިވާ ތަނެވެ. އެއީ، އެއްވެސް ފޮރުވުމެއް ނެތި، މީސްތަކުން ފަޟީޙަތްކުރުމާއި، ހަޑިމުޑުދާރު ޢަމަލުތައް، އެއްވެސް ޖެހިލުމެއްނެތި ފަތުރަމުންދާ ދިއުމެވެ. އަދި މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ފެތުރުންވަނީ އުފަލާއި ހިތްހަމަޖެހުމާއި ލައްޒަތު ލިބޭ ކަމަކަށް ބަދަލުވެގެން ގޮސްފައެވެ.

ދުނިޔެ މަތީގައި ﷲ ގެ އަޅާ ކުރާ ނުބައި ޢަމަލު ސިއްރުކޮށްދެއްވުން ހިމެނެނީ، އެކަލާނގެ ރަޙްމަތުގެ ތެރެއިންނެވެ. އެހެންކަމުން، އެ އަޅާ އެ ކުޅަ ނުބައި ޢަމަލު، ﷲ ތަޢާލާ ސިއްރުކޮށްދެއްވާފައިވަނިކޮށް، އޭނާ އަމިއްލައަށް، މީސްތަކުންގެ ތެރެއަށް ނިކުމެ، އެކަން ފާޅުކުރުމަކީ، ނުވަތަ އޭނާގެ މުސްލިމް އަޚުން އެކަން ފާޅުކުރުމަކީ، އެކަލާނގެ ހުއްދަކުރައްވާފައިވާ ކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އޭނާއަށްވެސް އަދި އޭނާގެ މުސްލިމް އަޚުންނަށްވެސް އޮތީ، އެކަން ސިއްރުކުރުމެވެ.

އެއްދުވަހަކު މީހަކު، ޤަޟާޙަޖަތް ކުރާ ތަނުގައި އޮރިޔާމުންހުރެ ފެންވަރާތަން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފެނިވަޑައިގަތެވެ. އެ ހިނދު މިމްބަރަށް އަރައިވަޑައިގެން ﷲ އަށް ޙަމްދުޘަނާ ދެންނެވުމަށްފަހު ޙަދީޘްކުރެއްވިއެވެ. [إِنَّ اللهَ عَزَّ وَجَلَّ حَلِيْمٌ حَيِيٌّ ، سِتِّيرٌ ، يُحِبُّ الْحَيَاءَ ، وَالسِّتْرَ ، فَإِذَا اغْتَسَلَ أَحَدُكُمْ فَلْيَسْتَتِرْ] މާނައީ: "ހަމަކަށަވަރުން ﷲ ޢައްޒަ ވަޖައްލައީ ޢުޤޫބާތް ދެއްވުމުގައި އަވަސްވެވޮޑިނުގަންނަވާ، ލަދުވެތިވަންތަ، ގިނަގިނައިން ސިއްރުކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ޒާތުފުޅެކެވެ. ލަދުވެތިކަމާއި ސިއްރުކުރެއްވުމަށް، އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު ފެންވަރާނަމަ، މީސްތަކުންނަށް ޢައުރަ ނުފެންނަގޮތަށް ނިވާވެގެންހުރެ ފެންވަރާށެވެ!"

އަދި ހަމަ އެހެންމެ، ﷲ ތަޢާލާގެ އޯގާވަންތަކަމުގެ ބޮޑުކަމީ، އެކަލާނގެ އަޅުންނަށް ކުރެވޭ ފާފަތައް، މިދުނިޔޭގައި ސިއްރުކުރެއްވުމަށްފަހު، އާޚިރަތުގައިވެސް ސިއްރުކޮށްދެއްވައި، އެ އަޅުންގެ ފާފަ ފުއްސަވައިދެއްވުމެވެ. މިކަން އަންގަވައި، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. [إنَّ اللَّهَ يُدْنِي الـمُؤْمِنَ، فَيَضَعُ عَلَيْهِ كَنَفَهُ وَيَسْتُرُهُ، فَيَقُوْلُ: أَتَعْرِفُ ذَنْبَ كَذَا؟ أتَعْرِفُ ذَنْبَ كَذَا؟ فيَقُوْلُ: نَعَمْ أيْ رَبِّ، حَتَّى إِذَا قَرَّرَهُ بِذُنُوْبِهِ، وَرَأَى فِيْ نَفْسِهِ أَنَّهُ هَلَكَ، قَالَ: سَتَرْتُهَا عَلَيْكَ فِيْ الدُّنْيَا، وَأَنَا أَغْفِرُهَا لَكَ الْيَوْمَ، فَيُعْطَى كِتَابَ حَسَنَاتِهِ...،] (صحيح البخاري) މާނައީ: "ޤިޔާމަތްދުވަހު، ﷲ ތަޢާލާ، މުއުމިން އަޅާއާ ކުއްތަންވެވޮޑިގަންނަވާނެއެވެ. އަދި، އެހެން މީހުންނަށް ނުފެންނަގޮތަށް ފަރުދާކުރެއްވައި އޭނާއަށް ވަޙީކުރައްވާނެއެވެ. މިވެނި ފާފައެއް ކުޅަ ހަނދާން ތިބާ އެބަހުރިހެއްޔެވެ؟ އެވެނި ފާފައެއް ކުޅަ ހަނދާން ތިބާ އެބަހުރިހެއްޔެވެ؟ ދެންފަހެ އޭނާ ދަންނަވާނެތެވެ؟ އާދޭހެވެ. އޭ އަޅުގެ ވެރި ރަސްކަލާނކޯއެވެ. މިގޮތުން އެ އަޅާ، އޭނާ ހަލާކުވެއްޖެކަމަށް އޭނާއަށް ހީވަންދެން އެއަޅާ އެއްބަސްކުރުވުމަށްފަހު ވަޙީކުރައްވާނެއެވެ. ތިމަން ރަސްކަލާނގެ ވަނީ، ދުނިޔެގައި، ތިބާ ގެފާފަތައް ސިއްރުކުރައްވާފައެވެ. އަދި މިއަދު އެ ފާފަތައް ފުއްސަވައިދެއްވައިފީމެވެ.  ދެން އޭނާއަށް އޭނާގެ ހެޔޮކަމުގެ ފަތް ދެއްވޭނެއެވެ...."

ތިމާގެ މުސްލިމް އަޚާ ކުރާ ނުބައި ޢަމަލުތައް ފޮރުވައިދިނުމަކީ، އެއްގޮތަކަށްވެސް އެކަން ކުޑަކަމެއްގެ ގޮތުގައި ދުށުމެއްނޫނެވެ. އަދި އެއީ އެފާފަތައް ތަކުރާރުކުރުމަށް ދެވޭ ހިތްވަރެއްވެސް ނުމެނޫންމެއެވެ. އަދި ކީއްހެއްޔެވެ؟ އެއީ ތައުބާވުމަށް ހުޅުވައިދެވޭ ދޮރެކެވެ. އަދި ފާފަތަކުގެ މަތީގައި ދެމިހުރުމުން ހިތްތައް ދުރުކުރުވައި ސާފުކުރުމަށް ދެވޭ ފުރުޞަތެކެވެ. އަދި ހަމަ އެހެންމެ، އެފަދަ ޢަމަލުތައް ފޮރުވުމަކީ، ފާފަތަކުގެ ދޮރު ހަނިކޮށް، އަބުރު ރައްކާތެރި ކުރުމަށް ދެވޭ ފުރުޞަތެކެވެ. އަދި މީސްތަކުންގެ މެދުގައި ފާޙިޝް ޢަމަލުތައް ޢާއްމުވެގެން ނުދިއުމަށް އެޅޭ ބާރެކެވެ. އަދި އެއީ އިސްލާމީ މުޖްތަމަޢަކީ ރައްކާތެރި މުޖްތަމަޢަކަށް ހެދުމަށް ދެވޭ ހިތްވަރެކެވެ.

ފާފަކުރާ މީހުންގެ ތެރެއިން އެއްބަޔަކީ، ފަސާދަކުރުމާއި ވިޔާނުދާ ޢަމަލުތައް ކުރުމުގައި މީސްތަކުންގެ މެދުގައި މަޝްހޫރުވެ، ނަން ހިނގާފައިނުވާ، ހެޔޮކަމުގެ ވެރި ފަރާތްތަކެވެ. މިފަދަ މީސްމީހުން ބޭޒާރުކޮށް އެ ކަންކަން ސޯޝަލް މީޑިއާގައި އިސްތިހާރުކޮށް ހެދުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. މީގެ މާނައަކީ އެފަދަ މީހުން ފަޟީޙަތް ނުވާ ގޮތަށް، ސިއްރުން ނަޞީޙަތް ނުދިނުމެއް ނޫނެވެ. ނަޞީޙަތް ދިނުމަށްފަހުވެސް އެފަދަ ޢަމަލުތަކަށް އަރައިގަންނަނަމަ، އެކަން އިޢްލާންކޮށް ބޭޒާރުކުރުމުގެ ބަދަލުގައި، އެކަން ބަލައި ފިޔަވަޅު އެޅުމަށް، ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނީއެވެ.

ނަމަވެސް އެއްވެސް ޖެހިލުމެއްނެތި، މުޖްތަމައުގައި މިފަދަ ވިޔާނުދާ ޢަމަލުތައް ހިންގައި، މުޖްތަމަޢުގެ ތެރޭގައި އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތްކޮށް ހިތްވަރުދޭ މީހުންގެ ފުށުން މުޅި މުޖްތަމަޢު ސަލާމަތްކުރުމަށްޓަކައި،  އެފަދަ މީހުންގެ ނުބައިކަން، މީސްތަކުންނަށް ބަޔާންކޮށްދީ ހޭލުންތެރި ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ، އެންމެންގެ ރައްކާތެރިކަމަށްޓަކައެވެ. ނަމަވެސް އެފަދަ ވީޑިއޯތައްސޯޝަލްމީޑިއާއަށް ލައި، އެތަކެތި އެކަކު އަނެކަކަށް ޝެއަރ ކުރުމަކީ، އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ.

ތިމާގެ އަމިއްލަ ނަފްސުގެ ފާފަތަކާއި އެހެނިހެން މީސްތަކުންގެ ފާފަތައް ބޭޒާރުނުކޮށް ފޮރުވުމަކީ އިސްލާމީ އެންމެ ރިވެތި އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޒިނޭފަދަ ޢަމަލުތައް ސާބިތުކުރުމުގައި އިސްލާމްދީން އެހާ ފަސޭހަކޮށް އެކަން ސާބިތު ކުރެވޭނެގޮތަށް ހައްދަވާފައި ނުވަނީ،  މީސްތަކުންގެ އަބުރު ސަލާމަތް ކުރުމުގެ މަޤްޞަދުގައެވެ. އަދި ހަމަ އެއާއެކު، ޤަޛްފުކުރާ މީހާގެ މައްޗަށް ޙައްދު ކަނޑައެޅިފައިވަނީވެސް އެ ސަބަބަށްޓަކައެވެ.  އަދި ހަމަ އެއާއެކު، ފާޙިޝްކަންތައްތައް މީސްތަކުންގެ މެދުގައި އިޝްތިހާރުކޮށް ފަތުރައިހެދުމުގެ ބޮޑުކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴾ (سورة النور: ‎١٩) މާނައީ: "ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން ދަންނާށެވެ! ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ."

އަދި މީގެ އިތުރުންވެސް ﷲ ތަޢާލާ ވަނީ، މީހުންގެ ޢައިބުތައް ހޯދައި ބަލައި، ޖާސޫސުކޮށްހެދުން މަނާކުރައްވާފައެވެ. މި ކަންކަން މިގޮތަށް ހަމަޖައްސަވާފައި ވަނީ، އުއްމަތުގެ މެދުގައި އިސްލާމީ އަޚުވަންތަކަމާއި، އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް އޮންނަ ކުލުނުވެރިކަން ދެމެހެއްޓުމަށްޓަކައެވެ.  ނަމަވެސް މީސްތަކުން ބޭޒާރުކޮށް ހަދާނަމަ، އެ އެކުވެރިކަމާއި ކުލުނު ކެނޑި، މީސްތަކުން ބައިބައިވެ، އެއްބަޔަކު އަނެއްބަޔަކަށް ބޭޒާރުކުރުމާއި ފުރައްސާރަކުރުމުގެ އާދަ އަށަގަތުން އޮންނާނީ ދާދި ގާތުގައެވެ.

ވީމާ، މީސްތަކުންގެ ޢައުރައިގެ ވާހަކަތައް އިނގިލި ކުރީގައިވާ ޒަމާނެއްގައި އަހަރުމެން އުޅެމުންދާއިރު، އެ މަޢްލޫމާތުތައް އިނގިލިކުރިން ދޫކޮށްލުމުގެ ކުރިން، އެތައްހާސް ފަހަރަކު، ތިމާ މި ކުރަނީ ކޮންފަދަ ކަމެއް ކަމާމެދު ވިސްނާކަށް ނުޖެހޭބާވައެވެ؟

(މިލިޔުމަކީ: البيان މަޖައްލާގެ 19 ذو الحجة 1443 هـ ގެ ޢަދަދުގައި "ستر الزلات في عصر الفضائيات" މި ސުރުޚީގެ ދަށުގައި ޑޮކްޓަރ އަޝްރަފް ޒާހިރު މުޙައްމަދު ލިޔުއްވާފައިވާ ލިޔުމެއް އަޞްލަކަށް ބަލައިގެން، ތައްޔާރު ކޮށްފައިވާ ލިޔުމެކެވެ.)

2 ޚިޔާލު

  1. މިގައުމުގަ ފަަާފަ ކުރާ މީހުން ނަށް އެމައްސަލަ ތައް ބަލާ ކަނޱަ އެލިފައިވަަާ ހައްގު އަދަބު ނުދެވޭ ތީ މައްސަލަޔަކައްވެގެން އުލެނި. އެކަން ކުރަމުން ދަާ ބަޔަކަށް އިތުރު ހިއްވަރެއް ލިބިގެން ދަނީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.