އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުން އިތުރުވެ މުއައްސަސާތަކުގެ ކަންބޮޑުވުން

އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލަ ކޮވިޑާ ގުޅިގެން އިތުރު ވެފައިވާ ކަމަށް ކަމާބެހޭ މުއައްސަސާތަކުން ހާމަކުރައްވައިފިއެވެ.

އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގަމުންދާ މައްސަލައިގައި ކަމާ ބެހޭ މުއްއައްސަސާތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ބޭއްވި  ބައްދަލުވުމުވުގައި ހުރިހާ މުއައްސަސާތަކުން ވެސް ވަނީ މިމައްސަލަ އިތުރުވަމުންދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ބައްދަލުވުމުގައި ޔުނިސެފުން ވިދާޅުވީ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުދިން އިންޓަރނެޓް ބޭނުންކުރާ ގޮތް ދެނެގަތުމަށް ސާރވޭއެއް ހެދުންކަމަށެވެ. އެކަން ދެނެގަނެގެން ނޫނީ އެމައްސަލައަށް ޙައްލު ހޯދަން އުދަނގޫވާނެކަން ޔުނިސެފުން ފާހަގަކުރެއްވިއެވެ. އިންޓަރނެޓްގެ ވަސީލަތްތައް، ކުދިން ބޭނުން ކުރަމުން ދަނީ އެކުދިންނަށް އަލަށް އެފަދަ ވަސީލަތައް ބޭނުންކުރަން ލިބުމުން އެކަމަށް ހުންނަ ޝައުޤެއްގެ ބޮޑުކަމުން ކަމަށްވެސް ކޮމެޓީގައި ޔުނިސެފްގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވިއެވެ. ގިނަ ފަހަރަށް ކުދިންގެ ނާޖާއިޒު ފައިދާ ނަގަމުން ދަނީ ކުދިން އިންސްޓަގްރާމްގައި ހަދާ ޕަބްލިކް އެކައުންޓްތައް ބޭނުންކޮށްގެން ކަމަށް ފާހަގަ ކުރެއްވިއެވެ. ބައިނަލް އަޤްވާމީ ޤާނޫނުތަކުން، އެކުދިންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބުނު ކަމުގައިވިއަސް އެކުދިންގެ ޕްރައިވެސީއަކީ އެއަށް ވުރެ މުހިންމު ކަމެއްކަން ފާހަގަ ކުރެއްވިއެވެ. އެކަމަށް އެކުދިންވެސް ހޭލުންތެރި ކުރުވަން ޖެހޭކަންވެސް ފާހަގަ ކުރެއްވިއެވެ. ރާއްޖެވެސް ހިމެނޭ ގޮތަށް އެކި ޤަމުތަކުގެ 40 މިލިއަން ކުދިން ބޭނުންކޮށްގެން 2017 ގައި ހަދާފައިވާ ސާރވޭއެއްގެ ނަތީޖާވެސް މިއަދުގެ ބައްދަލުވުމުގައި ޔުނިސެފުން ވަނީ ކޮމެޓީއާ ޙިއްސާ ކޮށްފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ އެފަދަ މައްސަލަތަކުގައި ހެކިހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަށް، ގްރޫމްކޮށްގެން ނުވަތަ ކުޑަކުދިން މޮޔަހައްލައިގެން ކުރާ ޖިންސީ ގޯނާގެ ކުށް އިތުރަށް ތަފްޞީލްކުރުމުން ހެކި ހޯދުމުގައި މިހާރު ހުރި ދަތިތަކަށް ކޮންމެވެސް ވަރެއްގެ ފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ.  

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ކުދިން ގެ ނާޖާއިޒު ފައިދާ އިންޓަރނެޓް މެދުވެރިކޮށް ނަގަމުން ދަނީ ހަމައެކަނި ޗެޓްކޮށް ފޮޓޯ ޝެއަރކޮށްގެން ނޫންކަމަށެވެ. ތަފާތު ވީޑިއޯ ގޭމްތަކުގެ ތެރެއިންވެސް އެފަދަ ކަންކަން ކުރަމުން ދާކަން ޖެންޑަރ މިނިސްޓްރީން ފާހަގަ ކުރެއްވިއެވެ. އެމިނިސްޓްރީން ވިދާޅުވީ ކުޑަކުދިން ބައިވެރިކޮށްގެން އިންޓަރނެޓްގެ ޒަރީޢާއިން ހިންގާ ކުށްތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން ކަމާބެހޭ ދާއިރާތަކާއެކު މަޝްވަރާތައްކޮށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި އެމައްސަލަ ތަކަކީ އިންޓަރނެޓް ޕްރޮވައިޑަރ ބޭނުންކޮށްގެން ހައްލެއް ހޯދަން ޖެހިފައިވާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ފާއިތުވި ތިން އަހަރަށް ބަލާއިރުވެސް އަހަރުން އަހަރަށް ސައިބަރ ކްރައިމް  އިތުރުވެފައިވާކަމަށެވެ. މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ސައިބަރ ކްރައިމްގެ 18 މައްސަލައަކާއި ބްލެކްމެއިލްގެ ތޭރަ މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ. މިހާރު ފުލުހުން ބަލަމުންދާ ކުޑަކުދިން ގްރޫމްކޮށް އެކުދިންގެ ނާޖާއިޒު ފައިދާ ނެގުމުގެ ދެ މައްސަލައިގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނޭ އެފަދަ ސައިބަރކްރައިމްގެ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ފާހަގަ ކުރެއްވިއެވެ. މިފަދަ ކޭސްތައް ބެލުމުގައި ސައިބަރ ލޯ އެއް ނެތުމާއި ސާރވިސް ޕްރޮވައިޑަރ ތަކުން މަޢުލޫމާތު ލިބުމުގެ ދަތިކަން ހުރިކަން ފުލުހުން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ރަޖިސްޓްރީ ނުކުރާ ސިމް ކާޑުތައް ބޭނުންކުރުންވެސް ފުލުހުން ފާހަގަ ކުރެއްވިއެވެ. ރާއްޖޭގައި ނެޓް ބޭނުންކުރާ މީހުންގެ ޢަދަދު އެހާ މަތިވެފައި، ބޭނުންކުރާ ފޯނުންވެސް އިންޓަރނެޓްގެ ތެރޭގައި އުޅޭތީ އެ ބިރުވެރިކަން ވަރަށް ބޮޑަށް އޮތްކަން ފުލުހުން ވެސް ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުން ނިންމާލުމުގެ ކުރިން ވާހަކަ ދައްކަވަމުން ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުޤައްރިރު ވިދާޅުވީ މިފަދަ މައްސަލަތައް ޙައްލުކުރުމަށް ބައެއް ޤައުމުތަކުގައި އިންޓަރނެޓް ގެ ޚިިދުމަތްދޭ ފަރާތްތަކަށް، ޤާނޫނާ ޚިލާފް އަދި ކުދިންނަށް ނުރައްކާ ބޮޑު ކޮންޓެންޓްސް ހިމެނޭ ގައިޑްލައިންތަކެއް ނުވަތަ ޕްރޮޓޮކޯލްތަކެއް ފޯރުކޮށްދޭ ކަމަށެވެ. ރާއްޖޭގައި މިވަގުތުން ވަގުތަށް ވެސް ކުރެވިދާނެ ކަމެއްތޯ އެއްސެވުމުން ކޮމިޔުނިކޭޝަން މިނިސްޓްރީން ވިދާޅުވީ މިހާރުވެސް އެފަދަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނާއި ބަންޑާރަ ނާއިބް އޮފީހާއި  ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާޢަތްތަކުންނާއި އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން އުރީދޫ އާއި އާރްއޯއެލް އިންވެސް ބައިވެރިވެ މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.