ކޯލް ގާރލް - 19

(16 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ރަޖްނީ!................" އަޝޯކް އޭނާގެ ކައިރިއަށް ރަޖްނީ ދަމާލަމުން އަވަސް އަވަސް އަދި ކުރު ކުރު ނޭވާތަކެއްގެ ތެރޭން ބުނެލިއެވެ.

"އަޝޯކް!...." އަޝޯކްގެ އުނގުތެރޭގައި ރަޖްނީ މޫނުފޮރުވާލަމުން ވަރަށް އަސަރުގަދަ އަޑަކުން ބުނެލިއެވެ.

ދެމީހުންނަށް ވެސް ބައްދާލެވިއްޖެއެވެ. ދެމީހުން ވެސް ވަނީ ދީވާނާވެގެން ގޮސް މަސްތުވެފައެވެ.

ކުއްލިއަކަށް ވަރަށް ބަރު ހަރު އެއްޗެއް އަޝޯކްގެ ބޮލުގައި ޖެހިއްޖެއެވެ. އެއިން ލިބުނު ވޭނުން އަޝޯކްގެ ލޯ ހުޅުވާލެވިއްޖެއެވެ. ކޮޓަރިއަށް ވަނީ ކަނުއަނދިރިކަން ފެތުރިފައެވެ. ކުޑައިރުކޮޅެއް ވަންދެން އަޝޯކަށް އޭނާއަށް އޮވެވުނީ ކޮންތަނެއްގައި ކަންވެސް ނުވިސްނުނެވެ.  އިރުކޮޅެއް ފަހުން އޭނާއަށް ހޭވެރިކަން ވެއްޖެއެވެ. އޭނާއަށް ރަނގަޅަށް ހޭލެވިގެން، ވެގެން އުޅޭގޮތް އެނގުނު އިރު އޭނާއަށް އޮވެވުނީ ބާލީހުގައި އޮޅުލައިގަނެގެން އޭގައި ވަސްގަނެގެންނެވެ. އެގޮތަށް އެބާލީހުގައި އޮޅުލަމުން ގެންދިޔުމުގެ ތެރޭގައި އެނދު ކައިރީގައި ހުރި މޭޒުމަތީ ބައްތި ކަރަންޓާއި ގުޅާފައިވާ ވާގަނޑުގައި، އޭނާއަށް ހިފައިގެން ދަމައިގަނެވުނީއެވެ. އަދި އޭގެ ސަބަބުން ބައްތި އޭނާގެ ބޯމައްޗަށް ވެއްޓުނީއެވެ. އަދި ބައްތި ކަރަންޓާއި ގުޅާފައިވާ ވާގަނޑު ދަމައިގަނެވިގެން އޭގެ ޕްލަގް ސޮކެޓުން ނެއްޓުމުން ބައްތި ނިވިގެން އަނދިރިވީއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އަޝޯކަށް އުޅެވުނީ އުފާވެރި ހުވަފެނެއްގައެވެ. އެ ހުވަފެން އޭނާއަށް ގެނެސްދީފައިވާ  މަސްތުން، ބޮލުގައި ބައްތިންޖެހިގެން ވީތަދުން ފިލައިގެން ހިނގައްޖެއެވެ. މިހާރު އޭނާއަށް އިހްސާސްކުރެވެނީ އޭނާގެ މުޅި ހަށިގަނޑުވެސް ފިނިވެގެން ގަނޑުވެފައިވާ ކަމުގައެވެ. އަދި އެއްވެސް ޙަރަކާތެއް ގެނައުމުގެ ބާރެއް އެ ހަށިގަނޑުގައި ނެތްހެންނެވެ.

އެ އަނދިރީގެ ތެރެއިން އޭނާގެ ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލިއެވެ. އެ ދޮރު ހުރީ އޭނާ ބަންދުކުރި ގޮތަށެވެ. އަދި ކޮޓަރީގެ ބޭރުގައި ވެސް ވަނީ ރޭގަނޑުގެ ހިމޭންކަމެވެ. އެތަނުން އެއްވެސްއަޑެއް ނީވެއެވެ.

ފަތިހުގެ އަލިކަން ދުނިޔެއަށް ވެރިވަމުން ދަނީއެވެ. ނަމަވެސް އަދި އިރެއް ނާރައެވެ. ދޫނިތައް ހޭލައިގެން ރީތި އަޑުއަޑުން ގޮވަން ފަށައިފިއެވެ. ކައިރީގައި ހުރި ފައްޅިއެއްގެ ރަނގަބީލު ޖަހާ އަޑުވެސް ފަށައިފިއެވެ. އަދި ތަންކޮޅެއް ދުރުގައި ހުރި މިސްކިތަކުން ﷲއަކްބަރުގެ ބަރަކާތްތެރި އަޑު އުފުލެމުންދާ އަޑުވެސް އިވެއެވެ. ނަމަވެސް ރަޖްނީ އަދިވެސް ސޯފާގައި ނިދާފައި އޮތްގޮތަށް އޮތީއެވެ.

ކުއްލިއަކަށް ކޮންމެވެސް މީހަކު ހަޅޭއްލަވާ އަޑަށް ރަޖްނީއަށް ހޭލެވިއްޖެއެވެ. ކޮންމެވެސް މީހަކު ބޭރުން ގޭގެ ދޮރުގައި ޓަކި ޖަހަމުން ދަނީއެވެ. އޭނާ ލޯ ފޮހެމުން ކަހަލަ ގޮތަކަށްގޮސް، އެއްވެސް ވިސްނުމެއް ފިކުރެއް ނެތްގޮތަކަށް ދޮރު ހުޅުވާލައިފިއެވެ. ދޮރުމަތީގައި ހުރީ އަޝޯކްގެ ބައްޕަ ވަސަންތު ރާއޮއެވެ. އޭނާގެ އަތުގައި ސޫޓުކޭސްއެއް ވެސް އޮތެވެ. އޭނާ އެވަގުތު ހުރީ ވަރަށް ބޮޑަށް ހައިރާންވެފައެވެ. އޭނާގެ ހުސްހަށިބައި ޒުވާން ފިރިހެން ދަރިފުޅުގެ ގޭގައި ޒުވާން އަންހެންކުއްޖަކު އުޅޭތަން ފެނިފައެވެ. އަޖައިބުވެގެން އޭނާ ރަޖްނީއާއި ދިމާއަށް ބަލަން ހުއްޓެވެ.

"ކަލާ.ކަލާ ތިޔަ ދުރުވީ ކާކާ ބައްދަލުކުރައްވަންތޯ؟......" ރަޖްނީ އިސްޖަހާލައިގެންހުރެ ސުވާލުކުރިއެވެ.

"ކަލޭ ތިޔައީ ކާކު؟" ވަސަންތު ރާއޮ ޖަވާބު ދިނުމުގެ ބަދަލުގައި ނުރުހުމުގެ ގޮތް ދައްކާލާފައި ސުވާލުކުރިއެވެ.

"އަޅުގަނޑު ދެން ކޮންމެ މީހަކަށް ވެސް ވެދާނެ. އެކަމަކު ކަލާ ތިޔައީ ކޮން ބޭކަލެއްތޯ؟"

"މި ގޭގެ ވެރިމީހާ" މިހެން ބުނެފައި ރަޖްނީ އެއްފަރާތަކަށް ކޮށްޕާލާފައި ވަސަންތު ރާއޮ ހޯލުގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ.

"އަޝޯކް............އަޝޯކް..........."

ބައްޕަގެ އަޑު އިވިފައި އަޝޯކްއަށް ނިދިން ހޭލެވިއްޖެއެވެ. އަދި އަވަސް އަވަހަށް އެނދުން ފުންމާލައިގެން އައިސް ނިދާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނުކުމެއްޖެއެވެ. ބައްޕަ ވަރަށް ބޮޑަށް ރުޅި ދުރުވެފައި ހުއްޓާ ފެނުމުން އެ ރުޅި އަންނަން ޖެހުނު ސަބަބު އޭނާއަށް ވިސްނިއްޖެއެވެ. ރަޖްނީއާ ދިމާއަށް ބަލާވެސް ނުލާ އަޝޯކް އަވަސް އަވަހަށް ގޮސް އޭނާގެ ބައްޕަގެ އަތުގައި އޮތް ސޫޓްކޭސް އަތުލައިފިއެވެ. އަދި ކަން ބޮޑުވާގޮތް ދައްކާލާފައި ބުންޏެވެ.

"ބައްޕާ.........ބައްޕާ..............."

"މީ ކޮން ކުއްޖެއްތަ؟" ވަސަންތު ރާއޮ ރަޖްނީއާ ދިމާއަށް އިނގިލި ދިއްކޮށްލާފައި ސުވާލުކުރިއެވެ. ބައްޕަގެ މި ސުވާލުގެ ސަބަބުން އަޝޯކް ވަރަށް ކަންބޮޑުވެއްޖެއެވެ. އަދި އޭނާއަށް ޖަވާބެއް ނުދެވުނެވެ. އޭނާއަށް ޖަވާބެއް ނުދެވުމުން އަދި އޭނާގެ ބައްޕަގާތަށް ވަކިން ބޮޑަށް ރުޅިއަތުވެއްޖެއެވެ.

"އަހަރެން މިއަހަނީ މީ ކޮން އަންހެން ކުއްޖެއްހޭ.........؟"

"ބައްޕާ.މީ....މި އަންހެން...މި އަންހެން ކުއްޖަކީ......." އަޝޯކް ތުރުތުރު އަޅައިގެންފައި ވާހަކަ ނުދެއްކޭ ގޮތްވެއްޖެއެވެ.

"މީނާ.........މީނާ........ކުރަނީކީއް........މީ އަންހެން ކުއްޖެއްކަން އަހަރެންނަށް ވެސް އެނގޭ..އެކަމަކު މިގެއަށް އައީ،....ކީއްކުރަންތަ؟"

"ވަރަށް ނިކަމެތި ކުއްޖެއް......ރޭގަނޑު ބޯހިޔާ ކޮށްލާނެ ތަނެއް ހޯދަން އައީ" އަޝޯކް ކޮންމެ ވެސް ގޮތަކުން މައްސަލަ ހަމަޖެއްސޭތޯ އުޅުނެވެ.

"ދެން ކަލޭ އޭނާ ބޯ ހިޔާކޮށްލާނޭ ތަން ދިނީދޯ........އަހަރެން މޮޔަ ހައްދަން އުޅޭނެކަމެއް ނެތް............ސިޓީގެ ދިރިއުޅުމުގައި ހުރިހާ އެއްޗަކީ ވެސް ގަނެ ވިއްކާ އެއްޗެތިކަން އަހަރެން ދަންނަން. އެކަމަކު ކަލޭގެ ސަބަބުން އަހަރެން މިހާ ދަށުދަރަޖައަކަށް ވެއްޓި ބަދުނާމު ވެދާނެއޭ އަހަރެން ފަހަރެއްގައި ވެސް ހިއެއް ނުކުރަން............"

"ބައްޕާ..........." އަޝޯކްގެ ދޫވެސް ތުރުތުރު އަޅަން ފަށައިފިއެވެ. ޖަވާބު ދިނުމުގެ ގޮތުން އޭނާއަށް އިތުރަށް ވާހަކަ ނުދެއްކުނީކަން އެނގުމުން ރަޖްނީ ބުންޏެވެ.

"އަޝޯކް ބާބޫއާމެދު ކަލާކުށް ހީ ނުކުރައްވާ! އޭނާގެ ފުށުން އެއްވެސް ގޯހެއް ނުހިނގާ"

"ބަސް..ބަސް.. މާބޮޑަށް ވަކާލާތު ކުރުމުގެ ބޭނުމެއް ނެތް." ވަސަންތު ރާއޮ ނުލާހިކު ނަފްރަތު ވެފައިވާ ގޮތެއްގައި ވަރަށް ބާރަށް ބުންޏެވެ. "ދާންއުޅޭ. މިތަނުން އަވަހަށް ދާން އުޅޭ..............އޭ........ދާނަންތަ.....ނުވަތަ ދާނީ ކޮންމެވެސް އެއްޗެއް ހިފައިގެންތަ؟"

ވަސަންތު ރާއޮ އެހާބޮޑަށް ރުޅިއައިސްފައި ހުރިތަން ފެނިފައި ރަޖްނީވެސް ބިރު ގެންފިއެވެ. އެހެންކަމުން މަޑުމަޑުން އިސްޖަހާލައިގެން ހުރެ އެގެއިން ނުކުމެގެން ހިނގައްޖެއެވެ.  އޭނާ ނުކުމެގެން ދިޔުމުން ވަސަންތު ރާއޮ އޭނާގެ ދަރިފުޅާ ދިމާޔަށް ތަންކޮޅެއް މަޑުމަޑުން ބުންޏެވެ.

"އަހަންނާމެދު ފިކުރު ނުކުރިޔަސް އެންމެ ކުޑަމިނުން ކަލޭގެ މަންމައާމެދު ޚިޔާލުކުރަންވާނެއެއްނު. އޭނާ ކަލެއާމެދު ކޮންފަދަ މަތިވެރި އުއްމީދުތަކެއް ކުރަމުން ގެންދާކަން ކަލެއަށް އެނގޭތަ؟........ކަލޭ ކިހާ މޮޅުމީހަކަށް ރަނގަޅުމީހަކަށް ވާން އޭނާ އެދޭކަން ކަލެއަށް އިޙްސާސްކުރެވޭތަ!"

"ބައްޕާ. ޔަގީން ކުރައްވާ.....އަޅުގަނޑު ގޯސް އެއްވެސް ކަމެއް ނުކުރަން.........." އަޝޯކް ހިސާބަކަށް ކޮންޓްރޯލް ކުރެވިގެން ބުނެލިއެވެ.

"ތިޔައީ އެކަށީގެން ނުވާކަމެއް. ރޭގަނޑެއްގެ ހަތަރުދަމު ޒުވާން އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު އެއްތަނެއްގައި ތިބެފައި ދެން އެއްވެސް ކަމެއް ނުވެޔޭ..................އެހެން ބުނީމާ ގަބޫލުކުރާނީ ކާކު.............؟ ދެން އެންމެ ރަނގަޅު. ޒުވާންކަމަކީ މޮޔަކަމެއް. އެކަން މާބޮޑު ކަމަކަށް ހަދައިގެން އެއްވެސް މީހަކު ނޫޅޭ............"

"ބައްޕަ އަޅުގަނޑާމެދު ތިކުރައްވަނީ މުޅިން ކުށްހީއެއް." އަޝޯކް ކުރާނެ ކަމެއް ނެތިގެން އަނެއްކާ ވެސް ބުންޏެވެ.

"އެންމެ ރަނގަޅު ދެން އަޅާ ނުލާ.....ވީ ކަންތައްވެ ނިމިއްޖެ........" ވަސަންތު ރާއޮ އަޝޯކްއަށް ވިސްނާދޭ ކަހަލަ ގޮތަކަށް ބުންޏެވެ. "ދަރިފުޅާ! ބުނަން. ތިއުމުރުގައި މީހުންނަށް ގޯސްކަންތައް ވެސް ކުރެވިދާނެ. ބައްޕައަށް ވެސް ކުރެވިފައި ހުންނާނެ. ނަމަވެސް ދަރިފުޅާ. މުހިންމުކަމަކީ މުޅި ދިރިއުޅުމަށް ޓަކައި މުޞީބާތަކަށް ވެދާފަދަ ގޯހެއް ނެހެދުން. ބައްޕަ މިހުރިހާ ވާހަކައެއް ވެސް މިދައްކަނީ ހަމަ ދަރިފުޅުގެ ރަނގަޅަކަށް....."

އަޝޯކް ހިމޭން ކަމާއެކު އޭނަގެ ބައްޕަގެ ނަޞޭޙަތް އަޑުއަހަން ހުއްޓެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.