އެފްރިކާ ބައްރުގެ 350 މިލިއަނެއްހާ މީހުން (އެ ބައްރުގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި) ތިބީ ހައިހޫނުކަން ފިލާވަރުގެ ކާއެތިކޮޅެއް ނުލިބިފައި ކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން އިއްޔެ ބުނެފިއެވެ.
އައިސީއާރްސީން ބުނި ގޮތުގައި އެފްރިކާގައި ކާބޯތަކެތި ނުލިބި ހާލުގައި ޖެހިފައިިވާ މީހުންގެ އަދަދު 346 މިލިއަނަށް އަރައެވެ.
"އަހަރުމެންނާ ކުރިމަތިވެފައި މިވަނީ ހަލުވިކަމާއެކު ބަދަލުވަމުން އާލަމީ ކާބޯތަކެތީ ރައްކާތެރިކަމުގެ ހާލަތެއް. ޚާއްސަކޮށް އެފްރިކާއާއި، މެދުއިރުމަތީގެ ބައެއް ހިސާބުތަކުގައި. އަސްކަރީ ކުރިމަތިލުންތަކާއި، ސިޔާސި ހަމަނުޖެހުމާއި، މޫސުމަށް އަންނަމުންދާ ކުއްލި ބަދަލުތަކާއި، ކޮވިޑް-19 ގެ ސަބަބުން ކާބޯތަކެތި ލިބުމަށް އަންނަ ކުއްލި ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން ވަނީ ކުޑަވެފައި." އައިސީއާރްސީގެ ޑިރެކްޓަރ ޖެެނެރަލް ރޮބަޓް މަރްޑީނީ ވިދާޅުވިއެވެ.
"ޔުކްރޭނުގެ ހަނގުރާމައިގެ ލިބުނު ކުއްލި ސިހުމާއެކު ކުރީގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައި." އޭނާ ވިދާޅުވިއެވެ.
"މިއީ އަވަސް ފިޔަވަޅު އަޅަންޖެހޭ ކުއްލި ހާލަތެއް. އަމަލީ ފިޔަވަޅު އަލަން ލިބިފައިވާ ހަނި ފުރުސަތު ދަނީ އިތުރަަށް ކުޑަވަމުން. މެދުނުކެނޑި ކުރިއަށްދާ، ގުޅިފައިވާ މަސައްކަތްތަކެއް ނުކުރެވިއްޖެނަމަ، މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު ބަދަލުނުކުރެވޭ ހިސާބަށް ގޮސް، ހިތަށްވެސް ނުގެނެވޭފަދަ ނުރައްކާތެރި ނަތީޖާތަކެއް ފެނިދާނޭ އިންސާނީ ކާރިސާއަކަށް މިކަން ވެދާނެ." އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.
ކުރީއްސުރެ ހަނގުރާމައާއި، ސިޔާސީ ހަމަނުޖެހުމާއި، ހަނގުރާމަވެރި ޖަމާއަތްތަކުގެ ވާދަވެރިކަން ތަހައްމަލްކުރަމުންދާ، ސީރިޔާ، ޔަމަން، މާލީ، ސޯމާލިޔާ، އަފްޣާނިސްތާން، އަދި އިތިއޯޕިޔާ ފަދަ ގައުމުތުގެ ހާލަތު ވަކިން ނާޒުކެވެ. \
ދުނިޔޭގެ ގިނަ ގައުމުތަކަަކަށް ގޮދަން އެސްޕޯޓްކުރަމުން ދިޔަ ޔުކްރޭންއާއި ރަޝިޔާގެ އެކްސްޕޯޓް ހުއްޓުވުމަކަށް އައުމާއެކު ކުރީއްސުރެ ކާބޯތަކެތީގެ ހާލަތު ނުރައްކާތެރި ހިސާބެއްގައި އޮތް ގައުމުތަކަށް ޔުކްރޭންގެ ހަނގުރާމައިގެ އަސަރު ވަނީ ވަކީން ބޮޑަށް ކޮށްފައެވެ. މީގެ އެއް މިސާލަކީ ސޯމާލިޔާއެވެ. އެގައުމަށް އެތެރެކުރާ ގޮދަނުގެ %90 އަކީ ރަޝިޔާއާއި ޔުކްރޭނުން އަންނަ ގޮދަނެވެ.
ޔަމަނުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ހައިހޫނުކަން ފިލާވަރަށް ކާބޯތަކެތި ނުލިބެއެވެ.