"މާފުށި ޢީދު އުފާ" ގެ ޑިޖިޓަލް ޕާރޓްނަރއަކީ ދިރާގު

މާފުށީގައި މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޢީދު ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އެރަށު ރަށު ކައުންސިލުން އިންތިޒާމްކޮށްގެން "މާފުށީ ޢީދު އުފާ" ގެ ނަމުގައި ބާއްވާ މި ޢީދު ފެސްޓިވަލް ކުރިއަށްދާނީ ޖުލައި 8 އިން 11 ގެ ނިޔަލަށެވެ.

މި ފެސްޓިވަލްގައި ބޮޑުމަސް ބޭނުން، ކޯޑި ނެރުން އަދި މާލި ޕެރޭޑް ހިމެނެއެވެ. އަދި ކަލަރ ރަންއަކާއި، ވޯޓަރ ޕާކްގެ ހަރަކާތްތަކާއި  ޚާއްސަ ޢީދު ޝޯވ އެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ ޢީދު ހަރަކާތްތަކުގައި ބައިވެރިވުމަށް 7000 މީހުން މާފުށްޓަށް އަންނާނެ ކަމަށް އެ ރަށު ކައުންސިލުން ވަނީ ލަފާކޮށްފައެވެ.

މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާޙް ވިދާޅުވީ އިޖްތިމާޢީ އަދި ސަގާފީ އެކި ކަންކަމާއި އިވެންޓްތަކަށް ދިރާގުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިފަދަ ޢީދު ހަރަކާތްތަކުގެ ސަބަބުން ރަށްރަށަށް ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަން ޔަޤީން ކަމަށެވެ.

" މިގޮތުން އަޅުގަނޑުމެންގެ މިފަދަ ބޮޑެތި އިވެންޓްތަކަށް ދިރާގުން މެދުކެނޑުމެއްނެތި ވެދެއްވާ އެހީތެރިކަމަށްވެސް ޝުކުރު އަދާކުރަން،" ސަލާހް ވިދާޅުވިއެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ "މާފުށީ ޢީދު އުފާ" ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ސަގާފީ ހަރަކާތްތައް ޕްރޮމޯޓް ކުރާ މިފަދަ އިވެންޓްތަކަށް އެއްބާރުލުން ދިނުމަކީ ލިބޭ ފަޚުރެއް ކަމަށެވެ. އަދި ދިރާގުން ކުރިއަށް އޮތް ތާނގައިވެސް މިފަދަ ކަންކަމަށް އެއްބާރުލުން ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މުޖުތަމަޢު ބާރުވެރިކުރުމަކީ ދިރާގުގެ ސީ.އެސް.އާރު ސްޓްރެޓެޖީގެ މައިގަނޑު އެއް އަސާސެވެ. މިގޮތުން ރާއްޖޭގެ އިޖްތިމާޢީ ކުރިއެރުމަށް ފުރުޞަތު ތަނަވަސްކޮށްދޭ ތަފާތު މަޝްރޫޢުތަކަށް އެކުންފުނިން އަންނަނީ އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދިރާގުން ދަނީ ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއަށް ބާރުއަޅާ އެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.