ބޮޑުވަޒީރު ޖޮންސަން ވެރިކަން ހިންގަވާ ގޮތާމެދު ހިތްޕުޅުހަމަނުޖެހޭތީ އިނގިރޭސި ދެ މިނިސްޓަރަކު އިސްތިއުފާދެއްވައިފި

ރިޝީ ސުނާކް (މ) އާއި ސާޖިދް ޖާވީދް (ވ) ބޮޑުވަޒީރު ބޮރިސް ޖޮންސަންއާއެކު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވެރިކަން ހިންގަވަމުން ގެންދަވާގޮތާ މެދު ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވައި އެގައުމުގެ ދެ މިނިސްޓަރަކު މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އިސްތިއުފާދެއްވާފައި ވަނީ ޖޮންސަންގެ އަރިސް ދެބޭފުޅުންގެ ގޮތުގައި ތިއްބެވި، ޗާންސެލާ އޮފް އެކްސްޗެކާ (ފިނޭންސް މިނިސްޓަރ) ރިޝީ ސުނާކްއާއި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ހެލްތު އެންޑް ސޯޝަލް ކެއާ (ހެލްތު މިނިސްޓަރ) ސާޖިދް ޖާވީދްއެވެ.

ބޮޑުވަޒީރު ޖޮންސަންގެ ލީޑަރޝިޕާމެދު ވެރިކަންކުރާ ކޮންޒާވެޓިވް ޕާޓީގެ އިސް ގިނަ ބޭފުޅުންތަކެއް ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވަން ފައްޓަވާފައި ވަނީ، ގާނޫނުހަދާ މަޖިލީހުގެ (ހައުސް އޮފް ކޮމަންސްގެ) ބަދު އަޚްލާގީ އަމަލުތަކެއްގެ ތުހުމަތު ކުރެވިފައިވާ މެންބަރަކު ސަރުކާރުގެ އިސް މަގާމަކަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ޖޮންސަން ވަނީ މެންބަރު ކްރިސްް ޕިންޗާގެ ބަދުއަޚްލާގީ މައްސަލަަތަކެއް ފެންމަތިވެފައި ވަނިކޮށް އޭނާ ޑެޕިއުޓީ ޗީފް ވިޕްގެ މަގާމަށް އައްޔަންކުރައްވާފައެވެ.

ބޮޑުވަޒީރު ޖޮންސަން ވަނީ އޭނާގެ މި ފިޔަވަޅާ މެދު "އިންތިހާއަށް ދެރަވާކަން" ފަހުން ހާމަކުރައްވާފައެެވެ. އެހެންނަމަވެސް، ޕާޓީގެ އިސް ފަރާތްތަކުން އޭނާއަށް ރައްދުވަމުންދާ ފާޑުކިއުން މަދުވެފައި ނުވެއެވެ.

"ކުރެވުނު ކަންތަކާ މެދު ވިސްނައި ބަލާއިރު، އެއީ (ކްރިސް ޕިންޗާއަށް މަގާމު ދިނުމަކީ) ގޯސްކޮށް ކުރެވުނު ކަމެއް. އެކަމުގެ ނުބައި އަސަރުކުރި އެންމެންގެ ކިބައިން އަހަރެން މާފަށް އެދެން. ތިމާގެ އަމިއްލަ ފައިދާއަށްޓަކައި އަނެކުންގެ ބޭނުން އަދި މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފާ އެއްވެސް މީހަކަށް މިސަރުކާރުގައި ޖާގައެއް ނެތްކަން ވަރަށް ސާފުކޮށް ހާމަކޮށްދޭން އަހަރެން ބޭނުން." ޖޮންސަން ވިދާޅުވެފައި ވެއެވެ.

އޭނާގެ މިވާހަކަފުޅުތަކަކުން ދެ މިނިސްޓަރުން ހުއްޓުވޭ ގޮތެއް ނުވިއެވެ.

"ސަރުކާރު ރަނގަޅަށް، ގާބިލުކަމާ، ސީރިޔަސް ކަމާއެކު ހިނގާނެކަމަށް ރައްޔިތުން އުއްމީދުކުރޭ. އެއީ އެމީހުންގެ ހައްގެއް... މިއީ މިނިސްޓަރެއްގެ ގޮތުގައި އަހަރެން އަދާކުރާ ފަހު ވަޒީފާއަށް ވެދާނެ. އެހެންނަމަވެސް، އަހަރެން ގަބޫލުކުރާ ގޮތުގައި މިދެންނެވި މިންގަނޑުތަކަކީ އޭގެ ހައްގުގައި މަަސައްކުރަންޖެހޭ މިންގަނޑުތަކެއް. އެހެންވެ އަަހަރެން އިސްތިއުފާ މި ދެނީ." މަގާމުން އިސްތިއުފާދެއްވަމުން އިންޑިޔާއިން ހިޖުރަކުރި އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ރިޝީ ސުނާކް ވިދާޅުވިއެވެ.

ރިޝީ ސުނާކްއާއެކު އިސްތިއުފާ ދެއްވި ހެލުތު މިިނިސްޓަރުވެސް ވަނީ މިފަދަ ގޮތަކަށް ވާހަކަފުޅުދައްކަވާފައެވެ.

"އަހަރުމެންނަކީ (ކޮންޒާވެޓިވް ޕާޓީއަކީ) އެންމެ މަގުބޫލު މީހުންކަމުގައި ނުވެދާނެ. އެކަމަކު އަހަރުމެންނަކީ ގައުމުގެ މަސްލަހަތުގައި މަަސައްކަތްކުރުމުގައި ގާބިލު ބައެެއް. ހިތާމައާއެކު ދަންނަވަން ޖެހެނީ، މިހާރުގެ ހާލަތުގައި އަހަރުމެންގެ ކިބައިގައި މި ދެ ސިފަވެސް ނެތްކަމަށް އާއްމުން ނިންމައިފި ކަމުގައި." ޕާކިސްތާނުގެ އާއިލާއަކަށް ނިސްބަތްވެވަޑައި ގަންނަވާ ސާޖިދު ޖާވީދް ބޮޑުވަޒީރު ޖޮންސަންއަށް ފޮނުއްވި އިސްތިއުފާގެ ސިޓީފުޅުގައި ވެއެވެ.

ދެ މިިނިސްޓަރުންގެ އިިތުރަށް ކޮންޒާވެޓިވް ޕާޓީގެ ވައިސް ޗެއާމަން ބިމް އަފޮލާމީއާއި އިތުރު ބައެއް ބޭފުޅުންވެސް ވަނީ އިސްތިއުފާދެއްވާފައެެވެ. އެހެންނަމަވެސް، ގިނަ މިނިސްޓަރުން އަދިވެސް ގެންދަވަނީ ބޮރިސް ޖޮންސަންއަށް ތާއީދުކުރައްވަަމުންނެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.