ބޮޑުވަޒީރު ޖޮންސަން އިތުބާރުނެތްކަމުގެ ވޯޓުން ސަލާމަތްވެވަޑައިގެންފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން މަގާމުން ދުރުކުރުމަށް އޭނާގެ ޕާޓީ، ކޮންޒާވެޓީވް ޕާޓީގެ ތެރޭގައި ނެގުނު އިތުބާރުނެއްކަމުގެ ވޯޓު ކާމިޔާބުކުރައްވައިފިއެވެ.

ކޮވިޑް-19 ގެ ތެރޭގައި އުސޫލުތަކާ ޚިލާފަށް ބޮޑުވަޒީރުގެ އޮފީހުގައި ޕާޓީ ބޭއްވިކަން ފެންމަތިވެ އުފެދިފައިވާ 'ޕާޓީގޭޓް' މައްސަލައިގައި ވަރަށް ބޮޑަށް ތާއީދުގެއްލިފައިވާ ޖޯންސަން މަގާމުން ދުރުކުރުމަށް އޭނާގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންތަކެއް ހުށަހެޅި މައްސަލައަށް އިއްޔެވަނީ ވޯޓުލައިފައެވެ. ވޯޓުގައި ގާނޫނުހަަދާ މަޖިލީހުގައި ތިއްބަވާ ކޮންޒާވެޓިވް ޕާޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭން 148 މެންބަރަކު ވަނީ އޭނާއާ ދެކޮޅަށް ވޯޓުދެއްވާފައެވެ. 201 މެންބަރަކު އޭނާއަށް ތާއީދުކުރެއްވިއެވެ. އެހެންކަމުން 'ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގަތް' ނަމަވެސް މިފަހަރު އޭނާ ސަލާމަތްވެވަޑައިގެންފިއެވެ.

'ޕާޓީގޭޓް' މައްސަލައިގައި ޕާޓީގެ ތާއީދު އޭނާއަށް ކުޑަވެފައިވާ މިންވަރު މި ވޯޓުން އެނގެއެވެ. ވޯޓު ކާމިޔާބުކުރެއްވުމަށް ފަހު ބޮޑުވަޒީރު ޖޮންސަން އެކަން ސިފަކުރެއްވީ 'ފައިސަލާކުރަނިވި' ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި އޭނާ ވިދާޅުވީ އަވަސް އިންތިޚާބެއް ބޭއްވުމަށް ނުވިސްނަވާކަމުގައެވެ.

2018 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ޓެރޭސާ މޭގެ އިތުބާރުނެތްކަމަށް ނެގި ވޯޓުގައި އޭނާއާ ދެކޮޅަށް ވޯޓުދެއްވި ވަރަށްވުރެ ގިނަ މެންބަރުން ޖޮންސަންއާ ދެކޮޅަށް ވޯޓުދެއްވި ނަމަވެސް އޭނާ ސަލާމަތްވެވަޑައިގަތީ އޭނާއާ ވާދަކުރައްވާނެ ލީޑަރެއް ޕާޓީތެރޭން ފެންނަން ނެތުމުންނެވެ.

ވޯޓަށް ފަހު ބޮޑުވަޒީރުގެ އޮފީސް، 10 ޑައުނިންގް ސްޓްރީޓް، އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވޯޓާއެކު "އެތައް މަހަކަށް ކުރިއަށް ދިޔަ ޔަގީންކަމެއް ނެތް ހާލަތު ނިމުމަަަކަށް އައިސް، އެ ހިސާބުން ރޮނގެއް ދަމާލައި ކުރިއަށް ދިއުމުގެ ފުރުސަތު ތަނަވަސްވެފައިވާ" ކަމުގައެެވެ.

2019 ވަނަ އަހަރު ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ބޮޑުވަޒީރު ޖޮންސަންގެ ސަރުކާރުން ވަނީ އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން (އީޔޫ) ވަކިވުމުގެ މަސައްކަތް ނިންމަވައި، ކޮވިޑް-19 ކޮންޓުރޯލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ، އެހެންނަމަވެސް، ކާބޯތަކެއްޗާއި، ހަކަތައިގެ އަގު ބޮޑުވަމުން ދާތީ ސަރުކާރަށް ކުރިމަތިވާ ފިއްތުންތައް ދަނީ އިތުރުވަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.