ލީބިޔާގެ އިންތިޚާބުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވާދަވެރި ފަރާތްތަކުން ބައްދަލުކޮށްފި

ލީބިޔާގެ ހުޅަނގުގައި އޮތް ސަރުކާރުގެ ހައި ސްޓޭޓް ކައުންސިލް (އެޗްއެސްސީ) ގެ ވެރިޔާ ޚާލިދު އަލްމިޝްރީ (ކ) އާއި އިރުމަތީގައި އޮތް ސަރުކާރުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސު ޢަޤީލާ ޞާލިޙު (ވ) އަދި އދ. ގެ ސްޕެޝަލް އެޑްވައިޒަރ އޮން ލީބިޔާ ސްޓެފަނި ވިލިއަމްސް އަންގާރަ ދުވަހު ޓްރިޕޮލީގައި ބައްދަލުކުރައްވަނީ

ލީބިޔާގެ އިރުމަތީގައި ގާއިމުވެފައިވާ ގާނޫނުހަދާ މަޖިލީހުގެ ނުފޫޒުގަދަ ރައީސު ޢަޤީލާ ޞާލިޙުއާއި، ހުޅަނގުގައި ގާއިމުވެފައި އޮތް ސަރުކާރުގެ ހައި ސްޓޭޓް ކައުންސިލް (އެޗްއެސްސީ) ގެ ވެރިޔާ ޙާލިދު އަލްމިޝްރީ އަންގާރަ ދުވަހު ވެރިރަށް ޓްރިޕޮލީ (ޠަރާބުލުސް) ގައި ބައްދަލުކުރައްވައިފިއެވެ. އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދުލުވުމުގައި މަޝްވަރާކޮށްފައި ވަނީ އިންތިޚާބު ބޭއްވުމަށްޓަކައި ހަމަޖައްސަންޖެހޭ ގާނޫނީ އިންތިޒާމުތަކާ ބެހޭގޮތުންނެވެ.

އދ.ން ބުނިގޮތުގައި، މި އިންތިޒާމުތަކާ ގުޅޭގޮތުން ސުވިޒަލޭންޑުގެ ޖެނީވާގައި ހުންނަ އދ.ގެ މަރުކަަޒުގައި ބާއްވާ މަޝްވަރާތަކުގެ އަމާޒަކީ އިންތިޚާބުތަކާގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. ލީބިޔާގެ ވާދަވެރި ފަރާތްތަކުން އެންމެ ފަހުން ޤާހިރާ (ކައިރޯ) ގައި ބޭއްވި މަޝްވަަރާތައް ވަނީ އެއްބަސްވުމަކާ ހަަމައަށް ނާދެވި ނިމިފައެވެ.

އދ. ގެ ސްޕެޝަލް އެޑްވައިޒަރ އޮން ލީބިޔާ ސްޓެފަނީ ވިލިއަމްސް ވިދާޅުވި ގޮތުގައި ވާދަވެރި ފަރާތްތަކުން މަޝްވަރާކުރާނީ ޓައިމްލައިނާއި، އުސޫލުތަކާއި، ވީހާވެސް އަވަހަކަށް ގައުމީ އިންތިޚާބުތައް ބާއްވާނެ މަގެއް ކަށަވަރުވާނޭ ގޮތްތަކާ ބެހޭގޮތުންނެވެ.

"މިއީ ލީބިޔާާއި، ގައުމުގެ ރައްޔިތުންނާއި، ގައުމުގެ މުއައްސަސާތަކުގެ އިތުބާރުގެ ހައްގުގައި ތާރީޚީ ދޫދިނުން ހަގީގަތަަކަށް ހެދޭނެކަން ކަށަވަރުކުރުމަށް އެންމެ ފަހުގެ ހިތްވަރުގަަދަ ނިންމުން ނިންމަންވީ ވަގުތު." ވިލިއަމްސް ވިދާޅުވިއެވެ.

ލީބިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި މަޝްވަރާތަކުގައި އެންމެ ހައްލުކުރަން އުނދަގޫ މައްސަލައަކަށް ވެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްކުގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތައް ކަނޑައެޅުމެވެ. ޓްރިޕޮލީގައި ގާއިމުވެފައި އޮތް ސަރުކާރުން ދަނީ އަސްކަރީ މީހުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމާ ދެކޮޅުހަދަމުންނެވެ. މިއީ އިރުމަތީގައި ގާއިމުވެފައި އޮތް ސަރުކާރަށް ތާއީދުކުރާ އަސްކަރީ ލީޑަރު ޚަލީފާ ޙަފްތަރު ކުރިމަތިވާ ހުރަހަކަށް ވާނެއެވެ.

ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގައި ބާއްްވަން ހަމަޖެހިފައި އޮތް އިންތިޚާބުގައި ވާދަކުރަން ޙަފްތަރު ކުރިމަތިލިއެވެ. އެހެންނަމަވެސް، އެތައް ސަބަބުތަކަކާ ހެދި އެ އިންތިޚާބު ވަނީ ނުބޭއްވިފައެވެ.

ވާދަވެރި ދެ ފަރާތުގެ ދެމެދުގައި މަސްރަހު ހޫނުވެ ވެރިރަށް ޓްރިޕޮލީގައި ދާދިފަހުން ހަމަލާތަކެއް ބަދަލުކޮށްފައިވެސް ވެއެވެ. ތެލުގެ މުއްސަނދިކަން ލިބިގެންވާ ލީބިޔާގައި އާއްމުންނަށް ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން އާއްމު ދިރިއުޅުމުގެ ހާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ގަބީލާތަކުގެ ވެރިން ވަނީ ގައުމުގެ ގިނަ ތެޔަވަޅުތަކެއް ބަންދުކޮށްފައެވެ. އޭގެތެރޭގައި ލީބިޔާގެ އެންމެ ބޮޑު ތެޔޮ ވަޅުވެސް ހިމެނެއެވެ. ތެޔޮ ވަޅުތައް ބަންދުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބޮޑުވަޒީރު ޢަބްދުލްޙަމީދު ދުބައިބާގެ ސަރުކާރަށް ފައިސާ ލިބޭނެ މަގު ބަންދުކުރުމެވެ. ޑިސެންބަރު މަހު އިންތިޚާބު ބޭއްވިފައި ނުވުމާއެކުވެސް، އޭނާ ވަނީ އިސްތިއުފާދެއްވަން ދެކޮޅުހައްދަވާފައެވެ.

ދުބައިބާއާއި، އިރުމަތީގައި ގާއިމުވެފައިވާ ސަރުކާރުން ބޮޑުވަޒީރުކަމަށް އައްޔަންކޮށްފައިވާ ފަތުޙީ ބާޝާޣާއާ ދެބޭފުޅުންވެސް ގެންދަވަނީ ގާނޫނީ ބޮޑުވަޒީރުކަަމަށް ދައުވާކުރައްވަމުންނެވެ.

ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުޢައްމަރުލް ޤައްޒާފީގެ ސަރުކާރު ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ އެހީތެރިކަމާއެކު 2011 ވަނަ ވައްޓާލިފަހުން ލީބިޔާވަނީ ސިޔާސީގޮތުން ދެބައި ވެފައި ގައުމުގެ ދެބިތުގައި ވެރިކަން ކުރަމުން ދަނީ ވާދަވެރި ދެ ސަރުކާރުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.