ފްރާންސުގެ އާއްމު އިންތިޚާބުގައި ރައީސު މެކްރޯންގެ ކޯލިޝަނަށް އަޣުލަބިއްޔަތު ގެއްލިއްޖެ

ރައީސު އިމާނުއެލް މެކްރޯން އިއްޔެ ވޯޓުލެއްވުމަށް ވަޑައިގަންނަވަނީ

ފްރާންސުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާ ދައްކާގޮތުން ރައީސު އިމާނުއެލް މެކްރޯންގެ ކޯލިޝަނަށް އަޣުލަބިއްޔަތު ގެއްލިއްޖެއެވެ. ސިޔާސީ މި ބަދަލާއެކު، ރައީސު މެކްރޯން އިތުރު ޕާޓީތަކާއެކު މަސައްކަތްކުރެއްވުމަށް އިއްތާދެއް ނަހައްދައިފިނަމަ، އޭނާއަށް ސިޔާސަތުތައް ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގަންނަވާނެއެވެ. އަދި ސަރުކާރަކީ 'ނުކުޅެދޭ' ސަރުކާރަކަށް ވުން ގާތެވެ.

އިއްޔެގެ އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ އިދިކޮޅު ކަނާތު ފިޔައިގެ ލީޑަރު އަދި އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގައި މެކްރޯންއާ ވާދަކުރި މެރީން ލެޕެންގެ ޕާޓީއެވެ.

"މި ގްރޫޕް ވާނީ އަހަރުމެންގެ ސިޔާސީ އާއިލާގެ ތާރީޚުގައި (ގާނޫނުހަދާ މަޖިލީހަށް ހޮވޭ) އެންމެ ބޮޑު ގްރޫޕަށް." އޭނާ ޕާޓީގެ ފަރާތުން ގާނޫނުހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި ކެންޑިޑޭޓުންނަށް އިޝާާރާތްކޮށް ލެޕެން ރޭ ބުނެފައި ވެއެވެ.

ވަގުތީ ނަތީޖާތަކަށް ބިނާކޮށް ހަދާފައިވާ ހިސާބުތައް ދައްކާގޮތުން އެންސެމްބްލް ކޯލިޝަން ވާނީ ގާނޫނުހަަދާ މަޖިލީހުގައި އެންމެ ބޮޑު އިއްތިހާދަށެވެ. އެ ކޯލިޝަނުން 210 އާއި 240 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބުކުރާނެ ކަމަށް ބެލެވޭއިރު، މިއީ 577 ގޮނޑީގެ މަޖިލީހުގެ އަޣުލަބިއްޔަތަށް ބޭނުންވާ 289 ގަޮނޑިއަށްްވުރެ މާ މަދު އަދަދެކެެވެ.

ފްރާންސުގެ ވެރިކަމުގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ވެރިކަން ހިންގުމުގައި ރައިސާ އެއްވަރުގެ ބާރުތަކެއް ގާނޫނުހަދާ މަޖިލީހަށް ލިބިދީފައި ވެއެވެ.

އިންތިޚާބުގެ ނަތީޖާ ސިފަކުރައްވަމުން ފިނޭންސް މިނިސްޓަރު ބްރޫނޯ ލެމެރީ ވިދާޅުވެފައި ވަނީ އެއީ "ސިޔާސީ ޝޮކެއް" ކަމުގައެވެ. އަދި ސަރުކާރު ހިންގުމުގައި އެހީވުމަށް ޔޫރަޕަށް ތާއީދުކުރާ ޕާޓީތަކުގެ އެހީ ހޯއްދަވާނެ ކަމުގައެވެ. އަދި އޭނާ ސިފަކުރެއްވި ގޮތުގައި އެެހެން ގުރޫޕްތަކުން ސަރުކާރަށް ތާއީދުނުކޮށްފިނަމަ "އިސްލާހު ގެނައުމާއި ފްރާންސް ރައްކާތެރިކުރުމުގެ ގާބިލުކަން ގެއްލިގެންދާނެ" އެވެ.

އަންދާސީ ހިސާބުތަކުން ދައްކާ ނަތީޖާ އެއީ ދާއިމީ ނަތީޖާ ކަމުގައި ވެއްޖެނަަމެ އަކަން ވެގެންދާނީ ފާއިތުވި އެޕްރީލް މަހު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތް ރައީސު މެކްރޯންގެ ވަރަށް ބޮޑު ސިޔާސީ ވެއްޓުމަަކަށެވެ.

މި އިންތިޚާބުގައި އެންމެ ބޮޑު ސިހުމެއް ގެނައި ޕާޓީ، ކަނާތު ފިޔައިގެ އިދިކޮޅު ލީޑަރު ލެޕެންގެ ނޭޝަނަލް ރެލީއިން 80 ގޮނޑި ކާމިޔާބުކުރާނެ ކަަމަށް ބެލެވޭއިރު، މިއީ ދައުރު ހަމަވީ ގާނޫނުހަދާ މަޖިލީހުގައި އެ ޕާޓީން ތަމްސީލު ކުރި ގޮނޑިއަށްވުރެ 10 ގުނަ އިތުރު އަދަދެކެވެ.

ރައީސު މެކްރޯންގެ ކޯލިޝަނަކީ މެދުމިނުގެ ސިޔާސަތަށް ތާއީދުރާ ކޯލިޝަނަކަށް ވާއިރު، ވެރިކަން ހިންގުމަށްޓަކައި ރައީސު މެކްރޯންއަށް އޮތް ގޮތަކީ ވާތު ފިޔައިގެ ޕާޓީތަކުގެ އެހީ ހޯދުމުވެ. ވާތު ފިޔައިގެ ޕާޓީތަކުން 149 އާ 180 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބުކުރާނެ ކަމަށް ބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.