ރައީސު އިމާނުއެލް މެކްރޯގެ ސަރުކާރުން ފްރާންސުގެ މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެގައުމުގައި ހިންގާ މުސްލިމް އެންޖީއޯއެއްގެ ރައީސު ހައްޔަރުކޮށްފިއެވެ.
ފްރާންސުގެ ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި މުސްލިމް އެންޖީއޯ 'ބަރަކާ ސިޓީ'ގެ ރައީސު އިދްރީސް ސީ ޙަމީދީގެ ގެއަށް ވަދެ އޭނާ ހައްޔަރުކޮށްފައެވެ.
ބަރަކާ ސިޓީގެ މީސްމީޔާ ޗެނެލްތަކުން ވަގުތުން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި ޙަމީދީ ހައްޔަރުކޮށްފައިވަނީ އޭނާގެ ހަތަރު ކުދިންގެ ކުރިމަތީގައި އޭނާގެ ގައިގައި ތަޅައި އަނިޔާކުރުމަށް ފަހުއެވެ. އަދި ފުލުހުން ވަނީ އޭނާގެ ގޭގައި ހުރި އެނދާއި، މޭޒާއި، ގޮނޑި ފަދަ ތަކެތި އެފުށް މިފުށަށް ޖަހައި ކަރަންޓު ސުވިޗުތަކާއި ސީސީޓީވީ ކެމެރާތައް ހަލާކުކޮށްފައެވެ.
އޭނާ ހައްޔަރުކުރި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު ފްރާންސުގެ ދާޚިލީ ވަޒީރު ޖެރާލްޑް ޑަރްމަނީން ދާދި ފަހުން ވަނީ ޙަމީދީއަކީ "ޓެރަރިޒަމަށް ތާއީދުކުރާ މީހެއް" ކަމަށް ތުހުމަތު ކުރައްވާފައެވެ.
މުސްލިމުންނާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތައް ހާމަކުރައްވަމުން ދާޚިލީ ވަޒީރު ވިދާޅުވެފައި ވަނީ މި އަހަރު ފެށުނީއްސުރެ "ހަރުކަށިކަމާ" ދެކޮޅަށް ކުރާ މަސައްކަތުގައި 73 މިސްކިތަކަތާއި، މަދަރުސާއަކާއި، މުސްލިމުންގެ މަސައްކަތް ހިނގާ ތަންތަން ބަންދުކޮށްފައިވާ ކަމުގައެވެ.
އިއްޔެ ޙަމީދީ ހައްޔަރުކުރުމަކީ "އިސްލާލީ ވަކިވެގަތުމާ" ދެކޮޅަށް ހަނގުރާމަކުރައްވާނެ ކަމަށް ރައީސު މެކްރޯން ވިދާޅުވިފަހުން ކުރިއަށްދާ މުސްލިމުންގެ އިސް މީހުން ހައްޔަކުރުމުގެ ސިލްސިލާގެ ބޮޅެކެވެ. މެކްރޯން ވިދާޅުވެފައިވަނީ "މުސްލިމުން މުޖުތަމައާއ ވަކިވެގަތުމަށް" ކުރާ މަސައްކަތަކީ މައްސަލަ އުފައްދާ މަސަކަތެއްކަމުގައެވެ. އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ ކަމުގައެވެ. އަދި އިސްއިސްލާމްދީން ދެކޭ ގޮތުގައި އެދީނުގެ ޝަރީއަތަކީ ފްރާންސުގެ ޖުމްހޫރިއްޔާއަށްވުރެ މަތީގައިވާ އެއްޗެކެވެ.
ފްރާންސުގެ މުސްލިމުން ވަނީ މެކްރޯންގެ ސަރުކާރުން މުސްލިމުންގެ ޒާތީ ދިރިއުޅުން ކޮންޓުރޯލުކޮށް، އެމީހުން ގަބޫލުކުރާ އުސޫލުތައް ބަދަލުކުރުމަށް ކުރާ މަސައްކަތް ކުށްވެރިކޮށްފައެވެ.
ފްރާންސުގައި 5.7 މިލިއަން މުސްލިމުން ދިރިއުޅެއެވެ. އެއީ އެ ގައުމުގެ އާބާދީގެ %8.8 އެވެ. މުސްލިމުންގެ ތެރޭގައި ގިނައީ އަލްޖީރިއާ، ޓިއުނީޝިޔާ އަދި މޮރޮކޯގެ އިތުރަށް ހުޅަނގު އެފްރިކާއާއި، މެދުއިރުމަތީގެ ގައުމުތަކުން ހިޖުރަކޮށްފައިވާ މީހުންނެވެ.