ހޮޅުދުއަށް ޖާގަ ބޮޑު މިސްކިތެއް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި އެރަށު ކައުންސިލުން ދަންނަވައިފިއެވެ.
މިކަން ރައީސް އަށް ދެންނެވީ މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ހޮޅުދޫގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާގައެވެ.
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލުގެ އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަން ފާހަގަކުރައްވާފައެވެ.
އެގޮތުން މޭނާ ސްކޫލު އެއް ކެންޕަސްއަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުންނާއި ކުޅިވަރު މަރުކަޒެއް ބިނާކުރުމާއި ހޮޅުމީދޫ ތަރައްޤީކުރުމާއި ގުޅޭގޮތުންނާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ އައު އިމާރާތާއި ގުޅޭގޮތުން ކައުންސިލުން ހުރި ކަންބޮޑުވުންތަކާއި ފުލުހުންގެ އިމާރާތުގެ މަސައްކަތް އަވަހަށް ފެށުމާ ގުޅޭގޮތުންނާއި މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމާ ބެހޭގޮތުން ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މޭނާ ސްކޫލް އެއް ކެންޕަސްއަކަށް ބަދަލުކުރުމުގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިޔަށްދާނެކަމަށާއި ހޮޅުމީދޫގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރެވުމުން އެ ރަށުގައި ސަރުކާރުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް، ފެނުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ފެށިގެންދާނެ ކަމަށާއި ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ މަޝްރޫޢު ވެސް ބަޖެޓުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފުލުހުންގެ އިމާރާތަށް ބޭނުންވާ ވަޞީލަތްތަކާއެކު ޤާއިމުކޮށް އެ މަސައްކަތް ވެސް ކަނޑައެޅިފައިވާގޮތަށް ކުރިޔަށް ގެންދަވާނެ ކަމަށާއި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ވެސް ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.