ޓައިވާނުން މިނިވަންކަން އިއުލާންކޮށްފިއްޔާ ހަނގުރާމައެއް ފަށަން ނުޖެހޭނެކަމުގެ އިންޒާރު ޗައިނާގެ މިނިސްޓަރ އޮފް ޑިފެންސް ވެއި ފެންގޭ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޑިފެންސް މިނިސްޓަރ) ލޮއިޑް އޮސްޓިންއަށް ދެއްވައިފިއެވެ. ޗައިނާގެ ދިފާއީ ވަޒީރުގެ މި އިންޒާރު އައިސްފައި ވަނީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ޝަންގްރި-ލާ ސެކިއުރިޓީ ޑައިލޮގްގެ ހަވާސާގާއި ދެބޭފުޅުން ބޭއްވެވި ބައްދަލުވުމުގައެވެ.
ޗައިނާގެ މައި ސަރުކާރާ ވަކިން ހިނގާ، ޗައިނާގެ ހަގީގީ ސަރުކާރު ކަމަށް ދައުވާކުރާ ވަކި ސަރުކާރެއް އޮންނަ ޓައިވާނުގެ މައްސަލައިގައި އެމެރިކާއާއި ޗައިނާގެ ގުޅުން މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެެވެ. ޗައިނާ ދެކެނީ ޓައިވާނަކީ އެ ގައުމުގެ ބައެއް ކަމުގައެވެ. އަދި ކޮންމެ ވަގުތަކުވެސް ޓައިވާން ހިފުމުގެ ހައްުގު ޗައިނާއަށް ލިބިގެންވާ ކަމުގައެވެ. އެހެންކަމުން، ޓައިވާނު އަބަދުވެސް އޮންނަނީ ކޮންމެ ވަގުތަކުވެސް ޗައިނާއިން ހަމަލާދީފާނެކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. ޗައިނާއާއި ކުރިމަތިލުމަށް ޓައިވާނަށް އެންމެ ބޮޑަށް ހިތްވަރު ލިބެނީ އެމެރިކާގެ ފަރާތުންނެވެ.
"ޗައިނާއިން ޓައިވާން ވަކިކުރުމުގެ ހިތްވަރު އެއްވެސް ފަރާތަކަށް ލިބިއްޖެއްޔާ، އެކަމާ ގުޅިގެން ހަނގުރާމައެއް ފެށުމަށް ޗައިނާގެ ސިފައިން ފަސްނުޖެހޭނެެ. އެކަމަށް ކޮންމެ އަގެއް ދައްކަން ޖެހުނަސް މައްސަލައެއް ނެތް." އެ ބައްދަލުވުމުގައި ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވިކަމަށް ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވޫ ކިއާން ބުނެފައި ވެއެވެ.
މިނިސްޓަރު ވެއި ފެންގޭ ދެއްވި އިންޒާރުގައި އިތުރަށް ވިދާޅުވި ގޮތުގައި ޗައިނާއިން "ޓައިވާން މިނިވަންވުމަށް ރާވާ ކޮންމެ ރޭވުމެއް ފުނޑުފުނޑުކޮށްލައި، ޗައިނާގެ އެއްބއިވަންތަކަން ދެމެހެއްޓާނެ"އެވެ.
"އޭނާ ފާހަގަކުރެއްވި ގޮތުގައި ޓައިވާނަކީ ޗައިނާ. ޗައިނާ 'މައިތިރިކޮށްފައި ބޭއްވުމަށް' ޓައިވާން ބޭނުންކުރުގެ ފައިދާއެއް ނުކުރާނެ." ތަރުޖަމާނު ހާމަކުރިއެވެ.
"އޮސްޓިން ވަނީ ޓައިވާން ކަނޑުއޮޅީގައި އަމާންކަން ދެމެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، މިހާރު އޮތް ހާލަތަށް ބަދަލުގެނައުމަށް އެއްވެސް ފަރާތަކުން އެކަނި މަސައްކަތް ކުރުމާ ދެކޮޅު ހައްދަވާފައި. އަދި ޓައިވާނާ ގުޅިގެން ނުތަނަވަސްކަން އިތުރުވާފަދަ ކަންކަމުން ދުރުވުމަށް ޗައިނާއަށް ގޮވާލައްވާފައި އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.
ޗައިނާއިން ޓައިވާނަށް ހަމަލާދީފިނަމަ އަސްކަރީ ފިޔަވަޅުނޭޅުމުގެ ސިޔާސަތު އެމެރިކާއިން ދަމަހައްޓަމުން އައިސްފައި ވަނިކޮށް، ފާއިތުވި މޭ މަހު ޖަޕާނަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ރައީސު ޖޯ ބައިޑަން ވިދާޅުވިގޮތުގައި، ޗައިނާއިން ޓައިވާނަށް ހަމަލާދީފިއްޔާ އެމެރިކާއިން އަސްކަރީގޮތުން ޓައިވާން ދިފާއުކުރާނެއެވެ.
އެހެންނަމަވެސް، ވައިޓް ހައުސްއިން ފަހުން ބުނެފައި ވަނީ ޓައިވާނާމެދު އެމެރިކާގެ ސިޔާސަތަށް ބަދަލު އައިސްފައި ނުވާ ކަމުގައެވެ.