"އެމެރިކާއަށް އަހަރުމެން ފުނޑުފުނޑުކޮށްލެވޭނޭ އެއްވެސް ގޮތެއް ނެތް": ހުވާވޭގެ ބާނީ

ހުވާވޭ ޓެކްނޮލޮޖީސް ކޮމްޕްނީ ލިމިޓެޑްގެ ބާނީ އަދި ސީއީއޯ ރެން ޒެންގްފެއި

އެމެރިކާ ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް، އެކުންފުނި ފުނޑުފުނޑުކޮށްނުލެވޭނޭކަމަށް، ޗައިނާގެ މުވާސަލާތީ ބިޔަ ކުންފުނި ހުވާވޭ ޓެކްނޮލޮޖީސް ކޮމްޕްނީ ލިމިޓެޑްގެ ބާނީ އަދި ސީއީއޯ ރެން ޒެންގްފެއި ވިދާޅުވެއްޖެއެވެ.

ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވެފައި ވަނީ "އެމެރިކާއަށް އަހަރުމެން ފުނޑުފުނޑުކޮށްލެވޭނޭ އެއްވެސް ގޮތެއް ނެތް" ކަމުގައެވެ.

އޭނާ ވިދާޅުވީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި އޭނާގެ ދަރިކަނބަލުން މެންގް ވާންޒޫ ހައްޔަރުކޮށްގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމުގައެވެ. އޭނާއަކީ ވާވޭ ކުންފުނީގެ ވައިސް ޗެއާޕާސަން ވެސްމެއެވެ.  

މެންގް ހައްޔަރުކޮށްފައި  ވަނީ ފާއިތުވި އަހަރު ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކެނެޑާގެ ވެންކޫވާގައެވެ. އޭނާ ހައްޔަރުކުރި ސަބަބެއް ކެނެޑާއިން ހާމަނުކުރި ނަމަވެސް، އޭނާ ހައްޔަރުކުރީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހުވާވޭ ޚިލާފުވެފައިވާކަމަށް ބުނެ އެމެރިކާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެމެރިކާގެ އެދުމުގެ މަތިންނެވެ. މީގެ އިތުރަށް، ކަޅުފައިސާ ދޮވުމާއި، ބޭންކު މުއާމާލަތްތަކުގައި މަކަރު ހެދުމާއި، ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގެމުގު ތުހުމަތުވެސް އެމެރިކާއިން ހުވާވޭގެ މައްޗަށް ކޮށްފައި ވެއެވެ.

މެންގް ކެނެޑާގައި ހައްޔަރުކުރުމާ ވިދިގެން އެމެރިކާން އިން ދަނީ މެންގް އެގައުމަށް ގެންދިއުމަށް މަސައްކަތްކުރަމުންނެވެ. އެމެރިކާއިން މިކަމަށް ރަސްމީކޮށް އެދިފައިވާއިރު، އޭނާ އެމެރިކާއަށް ނުފޮނުވައި ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ކެނެޑާގެ ބައެއް ޑިޕްލޮމޭޓުން ގަބޫލުކުރެއެވެ. ސަބަބަކީ ވައިޓްހައުސްއިން އެކަމުގެ ތެރެއަށް ސިޔާސީ ގޮތުން ވަދެފައިވުމާއި، އީރާނަށް ދެކޮޅަށް އެމެރިކާއިން ފިޔަވަޅުތުގައި ކެނެޑާއިން ބައިވެރިވެފައި ނުވުމެވެ.

"ދުނިޔެއަށް އަހަރުމެން ދޫކޮށްނުލެވޭނެ. އެއީ އަހަރުމެން މާ ކުރިއަރާފައިވާތީ. އެމީހުން (އެމެރިކާ) އެދިގެން އިތުރު ގައުމުތަކުން އަހަރުމެންނާ ގުޅުން ކަނޑާލަން އެއްބަސްވިޔަސް، އަބަދުވެސް ކުޑަކޮށް މަޑުޖައްސަލުމުގެ ޖާގަ އަހަރުމެންނަށް އޮންނާނެ." ރެން ވިދާޅުވިއެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ ވަނީ ހުވާވޭގެ ޓެކްނޮލޮޖީ ބޭނުންނުކުރުމަށް އެމެރިކާގެ ރަހުމަތްތެރި ގައުމުތަކަށް އިންޒާރުދީފައެވެ. އެހެންނޫނިއްޔާ އެމެރިކާއަށް އެގައުމުތަކުގެ ބައިވެރިއެއްގެ ގޮތުގައި އޮތުން އުނދަގޫވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި، އޮސްޓްރޭލިޔާއާއި ނިއުޒީލޭންޑުން މިހާރު ވަނީ މުސްތަގުބަލުގައި އެގައުމުތަކުގައި ގާއިމުކުރާ 5ޖީ މޯބައިލް ނެޓުވާކުތަކުގައި ހުވާވޭގެ އާލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކުރުން މަނާކޮށްފައެވެ. ކެނެޑާއިން ދަނީ ހުވާވޭގެ އާލާތްތަކަކީ ސަލަމަތީ ގޮތުން ނުރައްކަލެއްތޯ ޔަގީންކުރުމުގެ މަސައްކަތްކުރަމުންނެވެ. ޔޫރަޕިއަން ޔުނިއަން (އީޔޫ) އިންވެސް ދަނީ އެޖަމާއަތުގެ މެންބަރު ގައުމުތަކުގައި ހުވާވޭގެ އުފެއްދުންތައް ބޭނުންކުރުން މަނާކުރުމާމެދު ވިސްނަމުންނެވެ. އެހެންނަމަވެސް ޓެކްނޮލޮޖީ ކުންފުނިތަކުން ގަބޫލުކުރާ ގޮތުގައި ހުވާވޭއާއި ޒެޑްޓީއީ ފަދަ ޗައިނާގެ ކުންފުނިތަކުގެ އުފެއްދުންތައް މަނާކޮށްފިނަމަ ޔޫރަޕަށް 5ޖީ ތައާރަފުވުން ލަސްވެގެން ދާނެއެވެ.

"ހުޅަނގުން ބޮކިތައް ނިވުނަސް އިރުމަތި އޮންނާނީ ދިއްލިފައި. އުތުރު އަނދިރި ވިޔަސް ދެކުނުގައި އަލިކަން އޮންނާނެ. އެމެރިކާއަކީ މުޅި ދުނިޔެއެއް ނޫން. އެއީވެސް ދުނިޔޭގެ ބައެއް." ހުވާވޭގެ ބާނީ ވިދާޅުވިއެވެ.

1987 ވަނަ އަހަރު ވުޖޫދަށް އައި ހުވާވޭ ޓެކްނޮލޮޖީސް އަކީ ދުނިޔޭގެ މުވާސަލާތީ އާލާތް އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި 1 ލައްކަ 80 ހާސް މީހުން މަސައްކަތްކުރާއިރު، 2017 ވަނަ އަހަރު އެ ކުންފުނިން ވަނީ 92.5 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިކޮށްފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.