އީރާނުގައި ރޭލެއް ފުރޮޅާލުމުގެ ސަބަބުން 21 މީހުން މަރުވެ 47 މީހުން ޒަޚަމްވެއްޖެ

މިއަދުގެ ހާދިސާގައި ފުރޮޅާލާފައިވާ ރޭލުގެ ބައިތަކެއް

އީރާނުގައި ރޭލެއް ދަގަނޑުން ނައްޓާލައި ފުރޮޅާލުމުގެ ސަބަބުން އެެއިން ދަތުުރުކުރި މީހުންގެ ތެރޭން 21 މީހުން މަރުވެ 47 މީހުން ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ.

ވެރިރަށް ތެހެރާނުގެ އިރުދެކުނުން 550 ކިލޯމީޓަރު ދުރުގައި އޮންނަ ޠަބަސްއާ 50 ކިލޯމީޓަރު ދުރުގައި މިއަދު ފަތިހު މިހާދިސާ ހިނގިއިރު އެރޭލުން 350 މީހުން ދަތުރުކުރަމުން ދިޔައެެވެ. ރޭލު ދަތުުރުކުރަމުން ދިޔައީ ޠަބަސްއިން ފުރައިގެން ޔަޒްދަށް ދިއުމަށެެވެ، އީރާނުގެ ރަސްމީ ޓީވީން ބުނި ގޮތުގައި މިހާދިސާގައި ރޭލުގެ ހަތް ބައިގެ ތެރޭން 4 ބައި ވަނީ ދަގަނޑުން ނައްޓާފައެވެ.

މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ މީހުންނާ ހަވާލާދީ ބައެއް ޚަބަރުތައް ބުނާގޮތުގައި ރޭލު ދަގަނޑުން ނައްޓާލީ އެކްސްކަވޭޓަރެއްގައި ޖެހުމުގެ ސަބަބުންނެވެ، އެމީހުން ފާހަގަކުރި ގޮތުގައި ހާދިސާގައި ޒަޚަމްވި ބައެއް މީހުންގެ ހާލު ދެރަކަމުން މަރުވާ މީހުންގެ އަދަދު އިތުރުވުުމަކީ އެކަށީގެންވާ ކަމެެކެވެ.

"ފަސިންޖަރުން ދިޔައީ ބޯޅަތަކެއްހެން ވައިގެ ތެރޭގައި އުދުހެމުން." ރޭލުގައި ދަތުރުކުރަމުން ދިޔަ މީހަކު ޒަޚަމްވެފައިވާ ހާލު ބައެއް ނޫސްތަކަަށް މައުލޫމާތުދެމުން ބުންޏެވެ.

ސިއްހީ އެހީތެރިންނާ، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުން ވަނީ އެމްބިއުލެންސާ ހެލިކޮޕްޓަރުގައި ރޭލުގެ ހާދިސާ ހިނގި ސަރަަހައްދަށް ގޮސްފައެވެ.

އީރާނު ރައީސު އިބްރާހީމް ރައީސީ ވަނީ މި ހާދިސާގެ އަސަރުކުރި އާއިލާތަކަށް ހަމްދަރްދީ ފާޅުކުރައްވާފައެވެ. އަދި ހާދިސާ ހިނގިގޮތް ތަހުގީގުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

14000 ކިލޯމީޓަރުގެ ރޭލްވޭ ލައިން އޮންނަ އީރާނުގައި ރޭލުގެ އެންމެ ހިތާވެރި ހާދިސާއެއް ހިނގާފައި ވަނީ 2004 ވަނަ އަހަރުއެވެ. ތާރީޚި ރަށެއް ކަމުގައިވާ ނޭސާބޫރުގައިރީގައި ހިނގި އެހާދިސާގައި 320 މީހުން މަރުވެ 460 މީހުން ޒަޚަމްވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.