އަހްވާޒުގެ އަސްކަރީ ޕެރޭޑަކަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ

އަހްވާޒުގެ ޕެރޭޑަށް ދިން ހަމަލާގައި ޒަޚަމްވި މީހުން ވެއްޓިފައި

އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ ރަށެއް ކަމުގައިވާ އަހްވާޒުގައި ކުރިއަށް ދިޔަ އަސްކަރީ ޕެރޭޑަކަށް ދިން ހަމަލާއެއްގައި 29 މީހުން މަރުވެ 50 މީހުން ޒަޚަމްވެއްޖެއެވެ.

މިހަމަލާ ދީފައި ވަނީ 1980-1988 އަށް ހިނގި އީރާނު-އިރާގު ހަނގުރާމައިގެ އަހަރީ ދުވަސް ފާހަގަކުރަން ކުރިއަށް ދިޔަ ފެރޭޑަކަށެވެ. އީރާނުގެ ރަސްމީ ނިއުސް އެޖެންސީ އިރްނާއަށް މައުލޫމާތު ދެއްވަމުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ތަރުޖަމާނު ރަމަޟާން ޝަރީފު ވިދާޅުވި ގޮތުގައި ހަމަލާ ދީފައި ވަނީ "ސައޫދީ އަރަބިއްޔާ އިން އެހީ ލިބޭ ޓެރަރިސްޓު ޖަމައަތެއް ކަމުގައެވެ.

ރަމަޟާން ޝަރީފު އިތުރަށް ވިދާޅުވި ގޮޮތުގައި "ފެރޭޑު ކުރިއަށް ދިޔަ ވަގުތު އާއްމުންނަށާއި އަސްކަރީ ބާރުތަކަަށް ހަމަލާދީފައި ވަނީ ސައޫދީން ފައިސާދޭ އަހްވާޒުގެ ޖަމާއަތެކެވެ.

"ފެރޭޑު ކުރިއަށްދަނިކޮށް، ބަޑިހިފައިގެން ތިބި ބަޔަކު ސްޓޭންޑްގެ ފަހަތުން ބަޑިޖަހަން ފެށީއެވެ. އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައި ވެއެވެ." ޓީވީން ބުންޏެވެ. މިފަދަ ޕެރޭޑުތައް ވެރިރަށް ތެހެރާނާއި، އެހެން ރަށްރަށުގައި ވެސް ބާއްވާފައި ވެއެވެ. މިހަމަލާއާ ގުޅިގެން ރައީސު ޙަސަން ރޫޙާނި ވިދާޅުވެފައިވަނީ އެހަމަލާއަށް ވަރުގަދަ ރައްދެއް ދެއްވާނެކަމުގައެވެ.

އަހްވާޒަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ޚޯޒިސްތާނުގެ ވެރިރަށެވެ، އެރަށަކީ އަރަބި، ކުރުދީ އަދި ތުރުކީ ދަރިކޮޅުގެ ގިނަ ބަޔަކު ދިރިއުޅޭ ރަށެކެވެ. އަދި ފާއިތުވި ތާނގައި ސަރުކާރާ ދެކޮޅު އަރަބި ހަނގުރާމަވެރިން އެރަށުގެ ތެޔޮ ހޮޅިތަކަށް ހަމަލާދީފައި ވެއެވެ.

"އިސްލާމީ ޖުމްހޫރިއްޔާއަށް ކުރިމަތިވާ އެންމެ ކުޑަ ނުރައްކަލަށްވެސް އަހަރުމެން ދޭނީ ފުނޑުފުނޑުކޮށްލާފަދަ ރައްދެކެވެ." ރައީސު ރޫހާނީގެ ރަސްމީ ވެބްސައިޓުގައިވާ ބަޔާނެއްގައި ވެއެވެ. "ޖާސޫސީ މައުލޫމާތާއި، ޕްރޮޕެގެންޑާގެ އެހީތެރިކަން އެ ޓެރަރިސްޓުންނަށް ދޭ މީހުން އެކަމަށް ޖަވާބުދާރީވާން ޖެހޭނެއެވެ." އެބަޔާނުގައި އިތުރަށް ވެއެވެ.

އިރްނާއިން ޚަބަރު ދިން ގޮތުގައި މަރުވި މީހުންގެ ތެރޭގައި ރިވޮލިއުޝަނަރީ ގާޑުގެ ސިފައިންނާއި، ޕެރޭޑް ބަލަން  ގޮސް ތިބި އަންހެނުންނާއި، ކުޑަކުދިންވެސް ހިމެނެއެވެ.

ހަމަލާދިން 4 މީހުންވެސް ވަނީ މަަރުވެފައެވެ. 3 މީހުން ހަމަލާ ދިން ވަގުތު މަރުވެފައިވާ އިރު، ހަތަރުވަނަ މީހާ މަރުވީ ހައްޔަރުކުރުމަށްފަހު އޭނާއަށް ފަރުވާދެމުން ދަނިކޮށެވެ.

މި ހަމަލާއަށްފަހު ކުރެއްވި ޓުވީޓެއްގައި އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ވަކި ގަައުމެއް ހާމަ ނުކުރައްވައި، ހަމަލާގެ ފަހަތުގައި ވަަނީ "ބޭރު ގައުމެެއްގެ ސަރުކާރު" ކަމުގައި ތުހުމަތުކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.