(31 މެއި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެވަގުތު ފުލުހުންގެ ޖިޕެއް އައިސް މަގުގެ އަނެއް ފަރާތުގައި މަޑުކޮށްލައިފިއެވެ. ޖީޕް ފެނިފައި ކޮރުމީހާވެސް އަވަސް އަވަހަށް ޖިފުޓީގެ ފަހަތުގައިވާ ގޯޅިއަށް ވަދެގެން ހިނގައްޖެއެވެ. ރަޖްނީވެސް ކުޑަކޮށް ކަންބޮޑުވާގޮތް ވެއްޖެއެވެ. މާރިޔާއަށް ވެސް އެ ޖިޕް ފެނުމާއެކު މޭމަތީގައި އޭނާގެ އިނގިލިން ކްރޮސްއެއް އަޅާފައި ގޭގެ ދޮރުމަތީގައި އޮތްތަން ކުނިކަހަން ފަށައިފިއެވެ. ޖީޕުން ފުލުހުންގެ އިނިސްޕެކްޓަރަކު ފޭބިތަން ފެނިފައި ހުޝާމަދު ކުރާކަހަލަ ގޮތަކަށް މާރިޔާ ގޮވާލިއެވެ.
"ގުޑްމޯނިންގ އިނިސްޕެކްޓަރް"
"މާރިޔާ. ބުނެބަލަ ވިޔަފާރި ކިހިނެތްތަ؟ އިނިސްޕެކްޓަރް މާރިޔާގެ ގުޑްމޯނިންގއަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި ލާނެއް ގޮތަކަށް ސުވާލުކޮށްލިއެވެ.
" ކޮންކަހަލަ ވިޔަފާރިއެއްތޯ؟
"އިނިސްޕެކްޓަރ ސާހަބް؟ ކަލާ އަޅުގަނޑަށް އެކަން މަނާކުރެއްވި ފަހުން އަޅުގަނޑު މުޅިން ވިޔަފާރިކުރުން ހުއްޓާލައިފިން" މާރިޔާ އަވަސް އަވަހަށް ޖަވާބު ދިނެވެ. އަދި ކުޑަކޮށް މަޑުކޮށްލާފައި ބުންޏެވެ.
"ގޭގައި ކާނެ އެއްޗެއްވެސް ނެތް.. އެކަމަކު އަޅުގަނޑު ރަލުގައި އަތްވެސް ނުލާނަން.. އަޅުގަނޑު ދެން ދުވަހަކުވެސް އެ ކަހަލަ ވިޔަފާރިއެއްގެ މަގަކުން ވެސް ނު ހިނގާނަން.. މިއަދު އަނެއްކާ ކަލާ ތިޔަ އުޅުވަނީ ކޮންކަމަކާތޯ؟..."
"ކްރިޝްލޮޖަށް ދަނީ.." އިނިސްޕެކްޓަރު މަގުގެ އަނެއްފަރާތް ދައްކާލާފައި ބުންޏެވެ.
"ކްރިޝްނާ ލޮޖަށޭތޯ؟" އަނެއްކާ އެ ތާނގައި ވެސް ވިޔަފާރިއެއް ހިނގަނީތޯ؟" މާރިޔާ ސިހޭގޮތް ވެފައި ސުވާލުކޮށްލިއެވެ.
"ނޫން... ނޫނޭ... އަހަރެމެންގެ ރަޙްމަތްތެރިއަކު އެތާނގައި ހުންނަން އައީ "
"އޯހ.. އަޅުގަނޑު ހީކުރީ އެ ތަނަށް ރޭއިޑް ކުރައްވަން ދުރުވީކަމަށް." މާރިޔާ ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އޭރު އިނިސްޕެކްޓަރު މަގު ހުރަސްކޮށްލާފައި ކްރިސްނާ ލޮޖްގެ ގޯތިތެރެއަށް ވަދެއްޖެއެވެ.
ދޮރުގައި ޓަކިދިންއަޑު އަހާފައި ކަމަލް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ފެނުނީ އޭނާގެ ރަޙްމަތްތެރިޔާ ކަމުގައިވާ އިނިސްޕެކްޓަރު ދިލިޕް އޭނާއާ ބައްދަލުވާން އައިސް ހުރި ތަނެވެ. އެކަމުގެ ސަބަބުން ކަމަލް ވަރަށް ބޮޑަށް އުފާވެގެން ދިޔައެވެ.
"އޯހް...ދިލިޕް... ކަލޭދޯ! އާދޭ..އާދޭ" ކަމަލް މިހެން ބުނަމުން ދިލިޕްގެ އަތުގައި ހިފައިގެން ކޮޓަރިތެރެއަށް ވަނުމާއެކު ސުވާލުކުރިއެވެ.
"އާނ ވަރަށް ބޮޑު ކުށެއްކުރީ..."
"ތިޔަ އައީ އަނެއްކާ އަހަރެން ހައްޔަރު ކުރަންތަ!"
"ހަމަގައިމު ވެސް ހައްޔަރުކުރަން ޖެހޭނެ .. ކަލޭ އަންނަކަން އަންގާނުލާ ތިޔަ އައީ ކީއްވެތަ؟"
"ބުނާނީވެސް ކީކޭ... އިނިސްޕެކްޓަރ އޮފް ސްކޫލްސް އަހަރެން މިތަނަށް ބަދަލުކޮށްލީ ހަމަ ކުއްލިއަކަށް... މީހަކަށް އަންގާލަން ފުރުޞަތު ވެސް ލިބޭހައެއް ނުވި"
"އެންމެ ރަނގަޅު- ޤަބޫލުކޮށްފިން.." އެހެން ބުނަމުން އިނިސްޕެކްޓަރ ދިލިޕް އިށީނދެއްޖެއެވެ. އަދި ހަމަޖެހިލާފައި ބުންޏެވެ.
"އަހަރެން ހުއްޓާ ކަލޭ މިތާނގައި - މިކަހަލަ ލޮޖެއްގައި- ހުންނަންވީ ކީއްވެގެން؟"
"ލޮޖެއްގައި ހުންނަން ހަމަޖެއްސީ ކޮންމެހެން މި ލޮޖްގައި ހުންނަން ވެގެންނެއްނޫން- އަހަރެންނަކީ އެކަނި ހުރި މީހެއް.. ކަލޭ މީހަކާ އިނީ ދާދި އިހަކަށް ދުވަހު. އާ ކައިވެނީގެ ދުވަސްތައް އަދި ތިޔައުޅެނީ ނުނިމިގެން … އެހެންވީމާ އޭގެ ތެރެއަށް އަހަރެން ވަނުން އަދި މާރަނގަޅެއް ނުވާނެ.."
"އެކަމަކު އަހަރެންގެ ކައިރީގައި ގޭގައި ހުންނައިރު ކަލެއަށް ލިބޭނެ ފަސޭހަތައް މި ތަނަކުން ނުލިބޭނެ."
"އެކަމާ ހާސްނުވޭ.. އުނދަގުލެއް ކުރިމަތިވެއްޖެނަމަ ހަމަވަގުތުން ކަލެއަށް އަންގާނަން...!"
އެވަގުތު ކްރިޝްނާލޮޖްގެ މެނޭޖަރު ރަޖިސްޓްރީ ކުރާ ފޮތް ހިފައިގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.
"މީގައި ސޮއިކޮށްލައްވާ!.... މާސްޓަރްޖީ!" އޭނާ ކަމަލްއާ ދިމާއަށް ފޮތް ދިއްކޮށްލަމުން ބުންޏެވެ.
ކަމަލް ފޮތް އަތުލައިފިއެވެ. މެނޭޖަރ އިނިސްޕެކްޓަރު ދިލިޕްއަށް އޭނާއަކީ ކާކުކަން ތަޢާރަފްކޮށްދޭން ފަށައިފިއެވެ. ކަމަލް ރަޖިސްޓްރީ ފޮތުގައި ސޮއިކޮށްލުމަށް ފަހު މެނޭޖަރުގެ އަތަށް ފޮތް ދިއްކޮށްލިއެވެ. އެ ވަގުތު ދިލިޕް މެނޭޖަރާ ދިމާއަށް ބުންޏެވެ.
"މިއީ އަހަރެންގެ ރަޙްމަތްތެރިއެއް އެއްވެސް ކަހަލަ އުނދަގުލެއް އޭނާއަށް ވެގެން ނުވާނެ އިނގޭ!"
"އެއްގޮތަކަށް ވެސް ނުވާނެ..ސާހިބާ! މެނޭޖަރު އަވަސް އަވަހަށް ޖަވާބުދިނެވެ. ހިނިތުން ވެވޭތޯ މަސައްކަތްކުރަމުންނެވެ.
"އެއްވެސް އުނދަގުލެއްގެ ޝަކުވާއެއް ލިބިލައްވައިފިނަމަ އަޅުގަނޑުގެ ކަންފަތުގައި ހިއްޕެވިޔަސް އެންމެރަނގަޅު"
އެތަންވަޅު ކްރިޝްނާލޮޖްގެ ނޯކަރަކު ދެ ތަށި ސައި ހިފައިގެން ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އަދި މޭޒުމަތީގައި ބަހައްޓާފައި ކަމަލްއާއި ދިލިޕްއާ ދިމާއަށް ވަރަށް އަދަބުވެރި ގޮތަކަށް ބަލާލުމަށްފަހު ސައި ބުއިމަށް އިޝާރާތްކޮށް ލައިފިއެވެ. ކަމަލް ސުވާލުކުރާ ކަހަލަ ގޮތަކަށް އޭނާއާ ދިމާއަށް ބަލާލާފައި މެނޭޖަރާ ދިމާއަށް ބަލާލުމާއެކު މެނޭޖަރު ބުންޏެވެ.
"ތިޔައީ އަޅުގަނޑުގެ ފަރާތުން އައި ސައެއް" އިނިސްޕެކްޓަރ ސާޙަބް ވަންނަވާ ތަން ފެނުނީމާ އަޅުގަނޑު ސަޔަށް އޯޑަރު ދިނީ.."
ދިލިޕްއާއި ކަމަލް މެނޭޖަރަށް ޝުކުރު އަދާކޮށްފައި ސައި ބުއިމަށް އިންކާރުކުރިއެވެ. ނަމަވެސް މެނޭޖަރު ކުރުނުކޮށް އާދޭސް ކުރުމުގެ ސަބަބުން އެންމެފަހުން އެމީހުންނަށް ޖެހުނީ ސައިބޯށެވެ.
"މިރޭ ކާންވާނީ އަހަރުމެންނާ އެކުގައި.." ސައިބޯން އިނދެފައި އިނިސްޕެކްޓަރ ދިލިޕް ކަމަލްއާ ދިމާއަށް ބުންޏެވެ.
"ތިޔަކަން އެނގިއްޖެ" ކަމަލް ހީނލާފައި ޖަވާބުދިނެވެ. ދިލިޕް ސައިތަށި ހުސްކޮށްލުމާއެކު ޖޯޑު މޭޒުމަތީގައި ބަހައްޓާފައި ގޮނޑިން ތެދުވަމުން ބުންޏެވެ.
"އާނ.. ދެން މިހާރު އަހަރެން ދަނީ.. ޑިއުޓީއަށް ދާންވެފައި އެބައޮތް"
އިނިސްޕެކްޓަރު ކޮޓަރިން ނުކުތްތަނާ ލޮޖްގައި ވަރަށް ގިނަދުވަހުއްސުރެ ހުންނަމުން އަންނަ މީހެއްކަމަށްވާ ދޭވީ ދަޔާލް ދޫބޭ ނޫސްކިޔަމުން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.
"މިއަދުގެ ތާޒާ ޚަބަރު."
(ނުނިމޭ)