މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ޢާންމުންނަށް ހުޅުވާލި ފުރުޞަތުތަކަށް އެދުނު މީހުންގެ މެދުގައި ގުރުއަތުލުން މިމަހު 16 ގައި ބާއްވަން ނިންމައިފިއެވެ.
ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ސައުދީން މިއަހަރު ދީފައިވާ 453 ޖާގަ އެއްކޮށް ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އޭގެތެރެއިން 352 ޖާގަ އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށް ދީފައިވާއިރު، ބާކީ 100 ޖާގަ ޚާއްސަކުރީ ޢާންމުންގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށެވެ.
އެގޮތުން ހުޅުވާލި ފުރުޞަތުގައި 500 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން 100 މީހުން ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެންނެވެ.
އެހެންވެ، ގުރު އަތުނެގުން އަންނަ ހޯމަ ދުވަހުގެ މެނދުރު 14:30 އިން 17:00 އަށް ބޭއްވުމަށް މިހާރުވަނީ ނިންމާފައެވެ.
ޢާންމުކޮށް ހުޅުވާލި ފުރުޞަތުން ގުރުއަތުން ހޮވޭ ފަރާތްތައް ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވަނީ 76960 ރުފިޔާއަށެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.
މި ކޯޓާގެ ދަށުން ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހެއްކަމުގައި ނުވުމާއި އަންނަ މަހުގެ 15 އަށް އުމުރުން 65 އަހަރު ފުރިފައިވާ މީހެއްކަމުގައި ނުވުން ހިމެނޭކަމަށެވެ. އަދި ކޯވިޑް ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށް ވެސް ވާންޖެހެއެވެ.