ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާ ދިމާވަމުންދާ އެކި އެކި ގޮންޖެހުންތަކަށް އެމްއެމްސީން ކަންބޮޑުވުން ފާޅުކޮށްފި

ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާ ދިމާވަމުންދާ އެކި އެކި ގޮންޖެހުންތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްއެމްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް މި ކައުންސިލަށް އެންމެ ގިނައިން ޝަކުވާ ލިބެމުންދަނީ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވާ އެކި ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާއި އިންޒާރުތަކާއި ގުޅިގެން ކަމަށެވެ.

މީގެ އިތުރުން އެނޫންވެސް އެތައް ގޮތަކުން އެކި މީޑިއާތަކަށާއި ނޫސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން އެކަމުގެ ކަންބޮޑުވުން އެ ކައުންސިލުން ފާޅުކުރާ ކަމަށް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އެމްއެމްސީން ބުނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ފަރުދަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤަކަށްވީހިނދު، ޤާނޫނު އަސާސީން ލިބިދީފައިވާ އިމުގެ ތެރެއިން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، މީޑިއާ އިދާރާތަކަށް ވަދެގަނެ، ނޫސްވެރިޔާގެ ޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސް، ބިރުދައްކައި އިންޒާރުދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.

"އެހެންކަމުން، "މިހާރު" ނޫހާ އެ ނޫހުގެ ބައެއް ނޫސްވެރިންގެ އަގު ވައްޓާލަން ބަޔަކު ގަސްތުގައި ސާބިތު ނުހިފޭ ވާހަކަތައް ފަތުރާ، ނޫހުގެ މުވައްޒަފުންނަށް ބިރު ދައްކައި ފުރައްސާރަކޮށް ނޫސްވެރިންނަށް ނުރައްކާވާ ހިސާބަށް ކަންތައްތައް ގޮސްފައިވާތީ، އެކަން މި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލަމެވެ." މޯލްޑިވްސް މީޑިއާ ކައުންސިލުގެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މީގެކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރައާ ކުރިމަތިލާންޖެހި، ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ. އެހެންކަމުން އެފަދަކަމެއް ތަކުރާރުނުވާނެހެން ދުރާލައި ފިޔަވަޅު އެޅުމަކީ، ކަމާބެހޭ މުއައްސަސާތަކާއި، މީޑިއާތަކުންނާއި އަދި ނޫސްވެރިންވެސް ސަމާލުކަންދޭންޖެހޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

އެމްއެމްސީން ބުނީ ދިވެހި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަމާން މާހައުލެއް ހޯދައިދިނުމުގެ ޒިންމާއަކީ ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި، އެނޫން ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ފަރާތްތަކުން ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ނުވާހާ ހިނދަކު، އެއްވެސް ފަރާތަކުން ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅައި ބިރު ދައްކައި އިންޒާރުދިނުން ފަދަ ކަންކަމަކީ، އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

ޚާއްސަގޮތެއްގައި އެކި އެއްވުންތަކާ މުޒާހަރާ ކަވަރުކުރުމުގެ ތެރެއިން ދިވެހި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް އަނިޔާއާއި، އިންޒާރުދީ ބިރު ދެއްކުންފަދަ ތުހުމަތުތަކަކީ، ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަންޖެހޭ ކަންކަން ކަމުގައި އެކައުންސިލުން ދެކޭ ކަމަށާއި އެހެންކަމުން އެ ކައުންސިލުން ވާނީ، އެފަދައިން ލިބިފައިވާ ވަކިވަކި ޝަކުވާތަކާ ގުޅިގެން، މައްސަލަތައް ބަލައިދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި ކަމަށް ވެސް އެމްއެމްސީން ބުނެފައިވެއެވެ.

މީގެ އިތުރުން، ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދާއި އުސޫލުތަކަށް ރިއާޔަތްކުރުމަށާއި، ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.