އީރާނުގެ ހުޅަނގުގައި އޮންނަ ޒާގްރުސް ފަރުބަދަ ސިލްސިލާގެ ބިމު އަޑީގައި ބިނާކޮށްފައިވާ އަސްކަރީ ޑްރޯން މަރުކަޒެއް އީރާނުގެ ގައުމީ ޓީވީން ދައްކާލައިފިއެވެ.
މި ބިންގަރާސް ހަދާފައިވަނީ ސީދާ ކޮން ތަނެއްގައިކަން ޓީވީން ހާމަކޮށްފައި ނުވިޔަސް، ޚަބަރު ގެނެސްދިން ރިޕޯޓަރު ބުނިގޮތުގައި އެތަނަށް އޭނާއަށް ދެވުނީ ކިރްމާންޝާހް ސިޓީން ފުރައިގައި ހެލިކޮޕްޓަރުގައި 40 މިނިޓްގެ ދަތުރެއް ކުރުމަށް ފަހުގައެެވެ.
އީރާނުން އެންމެ ފުރަތަމަ ޑްރޯން އުފައްދަން ފަށާފައި ވަނީ އިރާގު-އީރާން ހަނގުރާމައިގެ ދުވަސްވަރު، 1980 ގެ އަަހަރުތަކުގެ ތެރޭގައެވެ.
އެމެރިކާއާއި އިސްރާއީލުން ތުހުމަތުކުރަމުން އައިސްފައިވާ ގޮތުގައި އީރާނުން ދަނީ، މެދުއިރުމަތީގައި އެގައުމުގެ އެންމެ ގާތް އެކުގވެރިން ކަމުގައިވާ ސީރިޔާގެ ރައީސު ބައްޝާރު އަލްއަސަދުގެ ސަރުކާރާއި، ޔަމަނުގައި ހަނގުރާމަކުރާ ޙޫޘީ ޖަމާއަތަށާއި، ލެބެނާން (ލުބްނާން) ގެ ޙިޒްބުﷲ އަށް ޑްރޯން ފޯރުކޮށްދެމުންނެެވެ.
ގައުމީ ޓީވީން ދެއްކި ވީޑިޔޯއިން ފެންނަނީ އީރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް މުޙައްމަދު ބާޤިރީއާއި އެއްގަމު ސިފައިންގެ ކޮމާންޑަރު މޭޖާ ޖެނެރަލް ޢަބްދުއްރަޙީމް މޫސަވީ ޑްރޯން މަރުކަަޒަށް ޒިޔާރަތްކުރައްވާ ތަނެވެ. މި ޒިޔާރަތުގައި އެމަޒުކަޒާ ބެހޭގޮތުން ވާހަަކަފުޅުދައްކަވަމުން ޖެނެރަލް ބާޤިރީ ވިދާޅުވެފައި ވަނީ އެމަރުކަޒަކީ "އިސްތިރާތީޖީ (ސްޓްރެޓީޖިކް) ޑްރޯންތަކަށް ރައްކާތެރި މަރުކަޒެއް" ކަމުގައެވެ.
"އަހަރުމެން ދުވަހަކުވެސް ދުޝްމަން ބަލިކަމަކަށް ނުދެކެން. އަދި ދުޝްމަނުން ތިބެނީ ނިދާފައި ކަމަށް އެއްގޮތަކަށްވެސް ނުދެކެން. އެހެންކަމުން އަހަރުމެން އަބަދުވެސް ތިބެނީ ސަލާމުވެ." ބާޤިރީ ވިދާޅުވިއެވެ.
"ދުޝްމަނުންގެ ހަމަލާތައް ދިފާއުކުރުމަށާއި، މައުލޫމާތު ހޯދައި އެއްކުރުމަށާއި، ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ 100 އަށްވުރެ ގިނަ ޑްރޯން ޒާގްރުސް ފަރުބަދަތަކުގެ މެދުގައި ހަދާފައިވާ މިމަރުކަޒުގައި ތައްޔަޔާރީ ހާލަތުގައި ބަހައްޓާފައި އެބަހުރި."ގައުމީ ޓީވީގެ ރިޕޯޓުގައި ވެއެވެ.
ގައުމީ ޓީވީން ބުނެފައިވާ ގޮތުގައި ޑްރޯންތަކުގެ އެންމެ ސިފުގައި ވާ ޑްރޯނަކީ 'ކަމާން-22" މަރުކާގެ ޑްރޯނެވެ. އެ ޑްރޯނަކީ މިސައިލް ހަރުކޮށްފައިވާ، 2000 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެކެވެ.