މެލޭޝިއާގައި ބާއްވާ 22 ވަނަ އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް އެސެމްބްލީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރާއްޖޭގެ ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުން ބުނީ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވެސް ލިބިފައިވާ ކަމަށެވެ. އަދި ގައުމީ މުބާރާތަކުން އެއްވަނަ ލިބިފައިވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މެލޭޝިއާ ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 17 އިން 22 އަށް ކުއަލަ ލަމްޕޫރުގައެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އެ މުބާރާތުގައި މީގެކުރިން ބައިވެރިވެފައިވާ ނަމަ ބައިވެރިވި ފަހުން ތިން އަހަރު ހަމަވެފައިވުމާއި އެ މުބާރާތުގައި މީގެ ކުރިން ބައިވެރިވެ މުބާރާތުން އެއްވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހަށް 13 އަހަރު ފުރިފައިވުމާއި ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ޤުރްއާން ކިޔަވަން އެނގުން ހިމެނއެވެ.
ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުން ބުނީ މުބާރާތުގައި ބައިވެރިވާނެ މީހަކު ހޮވާނީ އެކަމަށް އެދި ހުށަހަޅާ މީހުން އިމްތިހާނު ކުރުމަށްފަހު ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ މީހުން ސިޓީއާއި ވަނަވަރު، އައިޑީ ކާޑުގެ ކޮޕީ އަދި ޝަރުތު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން ގުރްއާނާއިބެހޭ ގައުމީ މަރުކަޒަށް ހުށަހަޅަން ޖެހޭއިރު، މެއިލް ކުރާނަމަ info@nchq.gov.mv އަށް ވެސް ފޮނުވޭނެ ކަމަށް އެ މަރުކަޒުން ބުނެއެވެ.