މިއަހަރު ހައްޖަށް ދިއުމަށް 100 ކޯޓާއަށް ކުރިމަތިލާން ހުޅުވާލައިފި

މިއަހަރު ހައްޖަށް ދިއުމަށް 100 ކޯޓާއަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ މިއީ މިއަހަރު ހައްޖަށްދިއުމަށް އާއްމުންނަށް ހުޅުވައިލި 100 ކޯޓާ ކަމަށެވެ.

އެ ކޯޓާގައި ހައްޖަށްދާނެ ފަރާތްތައް ކަނޑައެޅުމަށް، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެމެދުގައި އާންމުކޮށް ހުޅުވާލައިގެން ގުރުއަތު ނަގާއިރު، ވެއިޓިންގ ކިއުއަށް އިތުރު 25 ޖާގައަށް މީހުން ނަގާނެކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ވެއިޓިންގ ކިޔޫއަކީ ފުރަތަމަ 100 ޖާގައަށް ނަގާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން އެއްވެސް ސަބަބަކާހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ އެ ފުރުސަތު ދިނުމަށް ނަގާ ކިޔޫ އެކެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ގުރުއަތުން ހޮވޭ ފަރާތުގެ ޖާގަ އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެ ކަމަށާއި ފައިސާދެއްކުމަށް ކަނޑައަޅާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެފަރާތެއްގެ ޖާގަ ގެއްލޭނެ ކަމަށެވެ.

ރާއްޖެއަށް ލިބުނު 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައާޅާފައިވާ އަގަކީ 76,960.00 ރުފިޔާއެވެ. އެ ކޯޓާގައި ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވަގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެއެވެ.

މިއަހަރު ހައްޖަށްދިއުމަށް އާއްމުންނަށް ހުޅުވާލި 100 ކޯޓާއަށް ކުރިމަތިލާ ފަރާތްތަކީ ފަރުޟު ހައްޖު އަދާކޮށްފައިވާ ފަރާތެއްކަމުގައި ނުވުމާއި ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 65 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެއެވެ. އަދި ހައްޖަށް ދިއުމަށް ކުރިމަތިލާ ފަރާތަކީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށްވާން ޖެހޭނެއެވެ.

އެ ކޯޓާގެ ދަށުން ކުރިމަތިލުމަށް ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައި ކަމަށާއި ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނީ އެއް ކެޓަގަރީއަށް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އެއީ އެއްބޭފުޅުންގެ ކެޓަގަރީ އާއި ދެ ބޭފުޅުންގެ ކެޓަގަރީއެވެ.

ދެ ބޭފުޅުންގެ ކެޓަގަރީއަށް ކުރިމަތިލެވޭނީ އުމުރުން 45 އަހަރު ނުފުރޭ އަންހެން ބޭފުޅުންނާއި، ދެމަފިރިންނާއި، ބަލިހާލަތު ހުރިގޮތުން އެކަނި ހައްޖުގެ އަޅުކަން އަދާ ނުކުރެވޭ މީހުންނަށެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 13:00 އިން ފެށިގެން 18:00 ޖެހުމާ ހަމައަށެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ 18:00 ގެ ކުރިން admin@mhcl.mv އަށް މެއިލްކުރަން ޖެހޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.