ހައްޖުވެރިން ފުރަން ފަށައިފި - އެއަރޕޯޓަށް ދާއިރު މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުން ފުރަން ފަށައިފިއެވެ.

ހައްޖުވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕު ރޭ ފުރާފައިވާއިރު، ފުރަތަމަ ގްރޫޕުގައި ސައުދީ އަރަބިއްޔާއަށް ދިޔައީ 157 ހައްޖާޖީންނެވެ. އެމީހުން ދަތުރުކޮށްފައިވަނީ ސައުދީ އެއަރލައިނުންނެވެ.

ސައުދީން މިއަހަރު ރާއްޖެއަށް ދީފައިވަނީ 453 މީހުން ހައްޖަށް ގެންދިއުމުގެ ކޯޓާއެވެ. އެ ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލު ގައެވެ.

ރާއްޖެއިން ރޭ ފުރަތަމަ ފުރި ހައްޖުވެރިންނާއި ބައްދަލު ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވިއިރު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު ވެސް އެއަރޕޯޓަށް ވަޑައިގެން ހައްޖާޖީންނާ ވަނީ ބައްދަލު ކުރައްވާފައެވެ.

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާލެ އާއި ހުޅުމާލެ އިން ހައްޖާޖީންނާއި އެ މީހުންގެ އާއިލާތަކަށް އެމްޓީސީސީ ބަހުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދެވޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އަދި ހައްޖުވެރިން އެއަރޕޯޓަށް ދާ ވަގުތުތަކުގައި ބަސް ދަތުރު ކުރާ މަގުތަކުގެ ޓްރެފިކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.

ރާއްޖެއިން ހައްޖުވެރިން ފުރަން ފަށާފައިވާއިރު، އެއަރޕޯޓަށް ދާއިރު މާސްކު އެޅުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ކުންފުނިން ވަނީ ހުރިހާ ވަގުތެއްގައިވެސް މާސްކު އެޅުމަށާއި ހައްޖާޖީން ފުރުވުމަށް ވީހާވެސް މަދު ބަޔަކު ދިއުމަށާއި ހައްޖުވެރިންނަށް ޚާއްސަ ކާބޯތަކެތީގެ ކައުންޓަރުތަކާއި ފެންފުޅި އެއަރޕޯޓުގެ އޮޕަރޭޝަނަލް އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން އިންޓަރނޭޝަނަލް ޑިޕާޗަރ އަދި ވޯޓަރ ފްރަންޓްގެ ގްރައުންޑް ފްލޯގައި ހައްޖުވެރިންނަށްޓަކައި އިތުރު ގޮނޑިތައް ބަހައްޓާފައިވާނެކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖެއިން ހައްޖާޖީން ފުރަން ދެންހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހާއި ހޮނިހިރު ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.