އުއްމީދު - 1

އެކެއް

އޭނާގެ ލޯ މަޑުން މަޑުން ހުޅެވޭން ފަށައިފިއެވެ. ހޭ އެރުމާއެކު އޭނާއަށް އެންމެ ފުރަތަމަ އިހުސާސް ކުރެވުނީ ފުއްކިބައަށް ވާ ތަދެވެ. ކުކުރައިލުމަށް ފަހު އޭނާ އަނެއްކާވެސް ލޯ މަރައިލިއެވެ. އެ ވަގުތު އޭނާގެ ކޮނޑުގައި މީހަކު އަތް ޖައްސައިލިއެވެ. އަދި އޭނާޔާ ދިމާއަށް ގުދުވެލައިފައި އަހައިލިއެވެ.

"މިހާރު ކިހިނެއް؟"

އޭނާ އަނެއްކާވެސް ލޯ ހުޅުވައިލެވޭތޯ މަސައްކަތް ކޮށްލިއެވެ. ކުޑަކުޑަ ދަތިކަމަކާއެކު ލޯ ހުޅުވިއްޖެއެވެ. އެނދު ކައިރިން ދެތިން މީހެއްގެ ހިލަން ވެއްޖެއެވެ. އޭނާ އެމީހުންގެ މައްޗަށް ނަޒަަރު ހުއްޓައިލެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ކާމިޔާބުވާ ގޮތެއް ނުވިއެވެ. ބޮލުގައި ރިއްސަނީ މާވަރަކަށެވެ. އޭނާ އަނެއްކާވެސް ލޯ މަރައިލުމަށް ފަހު ކުކުރައިލިއެވެ.

"ކަނބުލޮއަށް ކިޔަނީ ކޮން ނަމެއް؟" ކޮންމެވެސް މީހަކު އަހައިފިއެވެ. އޭނާ ލޯ މަރައިލައިގެން އޮވެ އަމިއްލަ ނަން ހަނދާން ކުރެވޭތޯ މަސައްކަތް ކޮށްލިއެވެ. ކުއްލިއަކަށް ވިދައިލި ވިދުވަރެއް ކަހަލަ ގޮތަކަށް ނަން ހަނދާން ވެއްޖެއެވެ. އޭނާ އިޚްތިޔާރަކާ ނުލައި މަޑުމަޑުން އަމިއްލަ ނަން ކިޔައިލިއެވެ.

"ގޭގެ ފޯނު ނަންބަރަކީ ކޮބާ؟"

އޭނާއަށް އަމާޒުވީ ދެވަނަ ސުވާލެވެ. އޭނާ ފޯނު ނަންބަރު ހަނދާން ވޭތޯ މަސައްކަތް ކޮށްލިއެވެ. އެކަމަކު ހަނދާނެއް ނުވިއެވެ. ސިކުނޑިއަށް ބުރަ ބޮޑުވުމާއެކު ކުކުރައިލުން ނޫން ކަމެއް ނުކުރެވުނެވެ.

"ގޭގެ ފޯނު ނަންބަރު ބުނެބަލަ." އަނެއްކާވެސް ބުނެލީ އަޑު އިވުނެވެ.

"ހަނދާނެެް ނެތް." އޭނާ އަނގައިން ވާގި ދޫވެފައިވާ ކަހަލަ ރާގަކަށް ބުނެފިއެވެ.

"އޮފީހުގެ ނަންބަރު އެނގޭތަ؟" ހިނދުކޮޅެއްގެ ހިމޭން ކަމަށް ފަހު އިވުނީ އަނެއް ސުވާލު ކުރި އަޑެވެ.

ބުރަ ބޮޑުވެފައިވާ ސިކުނޑިއަށް އިތުރު ބުރައެއް ޖައްސައިގެން ނަމަވެސް ހަނދާން ކުރެވޭތޯ އޭނާ މަސައްކަތް ކޮށްލިއެވެ. މި ފަހަރަކުވެސް ހަނދާނެއް ނުވިއެވެ. އޮފީހުގެ ފޯނު ނަންބަރު ހަނދާނަކަށް ނައެވެ.

"އޮފީހުގެ ފޯނު ނަންބަރު އެނގޭތަ؟"

"ނޫން." އޭނާ ބުންޏެވެ.

"ހަނދާން ކުރެވޭތޯ މަސައްކަތް ކޮށްލާ." އަނެއްކާވެސް މީހަކު އޭނާގެ ކޮނޑުގައި އަތްތިލައިން މަޑުމަޑުން ޖަހައިލިއެވެ.

"ހަނދާނެއް ނުވޭ." މި ފަހަރު އޭނާގެ ބޮލުގައި ރިއްސާ ރިއްސުން އިހަށްވުރެ ބޮޑު ވެއްޖެއެވެ.

"މިހާރު ތިޔަ އޮވެވެނީ ކޮން ތަނެއްގައިކަން އެނގޭތަ؟"

އޭނާ ލޯ ހުޅުވައިލުމަށް ފަހު އޭނާޔާ ވާހަކަދައްކަނީ ކާކުކަން ދެނެގަނެވޭތޯ އުޅުނެވެ. އެކަމަކު އެއީ ކާކު ކަމެއް އޭނާއަކަށް ނޭނގެއެވެ. ދަންނަ މޫނެއް ނޫނެވެ. އޭނާއަށް ލޯ ހުޅުވައިގެން އޮވެވުނީ ހިނދުކޮޅަކަށެވެ. އަނެއްކާވެސް ޖެހުނީ ލޯ މަރައިލާށެވެ.

"ހަސްފަތާލުގައި." ސިކުނޑިއަށް ވެރިވާން ފެށި އަނދިރިކަން ފެތުރިގެން ގޮސް މުޅީން އަނދިރިވުމުގެ ކުރިން އޭނާ މަޑުމަޑުން ބުނެލިއެވެ. އޭގެ ފަހުން އެއްވެސް އެއްޗެކޭ ބުނެވޭ ވަރެއް ނުވިއެވެ.

"ދެވަނަ ފަހަރު ހޭނެތުނީ." އެނދުގެ މަގަތުން ކޮޅަށް ހުރި ޑަކްޓަރު އޭނާގެ ވިންދު ބަލައިލުމަށް ފަހު ބުންޏެވެ.

"އިހަށް ވީހެން އަނެއްކާވެސް ކޯމާއަކަށް ހިނގައިދާނެތޯ؟" ކައިރީގައި ހުރި ނަރުސްކުއްޖާ އަހައިލިއެވެ.

"ކޯމާއަކަށް ނުދާނެ ދެނެއް. ބައިގަޑިއެއްހައި އިރުގެ ތެރޭގައި އަނެއްކާވެސް ހޭ އަރައިދާނެ." ޑަކްޓަރު ބުންޏެވެ.

"މީނާއަކަށް ނަން ނޫން އެހެން އެއްޗެއް ބުނެއެއް ނުދެވުނެއް ނޫންތޯ؟ މިފަދަ ހާލަތެއްގައި މީނާގެ ގެއަށް އެންގުމަކީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫނެއް ނޫންތޯ؟"

"ތިޔައީ ފުލުހުން ހައްލު ކުރަން ޖެހޭ ކަމެއް. އެމީހުން ކޮންމެވެސް މަގެއް ހޯދާނެތާ. އަހަރެމެންގެ ކަމަކީ މިތަނަށް ގެންނަ މީހުންގެ ފުރާނަ ސަލާމަތްކުރުން. އެކަން ކުރެވިއްޖެ." މި ފަހަރު ޑަކްޓަރުގެ އަޑުގައި ހުރީ ފަރުވާކުޑަ ކަމުގެ އަސަރެވެ. ނަރުސްކުއްޖާ ބަލިމީހާއާ ދިމާއަށް އެއް ފަހަރު ބަލައިލުމަށް ފަހު ޑަކްޓަރުގެ ފަހަތުން ގޮސް އެ ކޮޓަރިން ނުކުމެއްޖެއެވެ. މިހާރު ކޮޓަރީގައި އެ ނޫން އެހެން މީހަކު ނެތެވެ.

* * *

"ލޯތްބަކީ ކަނު އަނދިރިކަން ފެތުރިފައި އޮންނަ ޖަންގައްޔެއް ކަހަލަ އެއްޗެއް. އެތެރެއަށް ވަދެއްޖެއްޔާ ނުކުތަކަ ނުދޭނެ. އެތައް މަސައްކަތަކުން ނުކުމެވުނަސް އެ މީހަކު ހުންނާނީ ޖަންގަލީގެ އަނދިރިކަމަށް ހޭނިފައި. އެހެންވީމާ އަލިކަމުގެ ތެރޭގައިވެސް އެއްވެސް އެއްޗެއް ނުފެންނާނެ. ގަދަ އަލީގެ ތެރޭގައި ދިމާއަށް ފެންނާން ހުންނަ އެއްޗެހިވެސް ނުފެންނާނެ."

އޭނާ މަޑުމަޑުން ލޯ މަރައިލިއެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން އެ ގެންދަނީ މިއީ އޭނާ ކާކު ގާތު ކޮން އިރަކު ބުނި ވާހަކައެއްކަން ހަނދާން ކުރެވޭތޯއެވެ. މަޑުމަޑުން ހަނދާނަށް އަންނާންވެސް ފަށައިފިއެވެ.

"އާނ. އަހަންނަށް މި ވަދެވުނީ ޖަންގައްޔެއްގެ ތެރެއަށް. އެތެރޭގައި ހުރެވޭކަށް ނެތް. ބޭރަށް ނުކުމެވޭކަށްވެސް ނެތް. އެތެރޭގައި ހުރެގެން ލިބޭނޭ އެއްޗެއް ނެތް. ބޭރަށް ނުކުމެވުނީމާ ދެ ލޯ ހުރިނަމަވެސް އެއްވެސް އެއްޗެއް ނުފެންނާނެ. ވާނީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ވީ ގޮތަށް. އަހަރެން…"

"އުއްމީދު. އުއްމީދު." އޭނާއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ މަންމަގެ އަޑަށެވެ. "މިތާ އަނދިރީގައި އިނދެގެން ކީއްކުރަނީ؟"

"މަންމާ. އަހަރެން އަނދިރީގައި އިންނަ ހިތްވީ. އެތެރޭގައި ހުރީމާ ނޭވާ ހާސްވާ ގޮތް ވަނީ." ތަނަށް ވެރިވެފައި އޮތް އަނދިރިކަމެއްގެ ސަބަބުން އޭނާގެ ލޮލުގައި ހުރި ތެތްކަން މަންމައަކަށް ނުފެނެއެވެ. އޭނާ އިނީ ރޯންކަމެއް އަޑަކުން ފާހަގައެއް ނުކުރެވެއެވެ.

"ހާސް ވަނީ ގޭގައި ބަންދު ވެގެން ތިބެން ޖެހޭތީ. ކުޑަ އިރުކޮޅަކުން ޠޫފާން އަންނާނެ. ދެން ބޯކޮށް ވާރޭ ވެހޭނެ. އޭގެ ފަހުން މޫސުން ރަނގަޅު ވެދާނެ." މަންމަ އެ އުޅެނީ ކާކުގެ ހިތް ހަމަޖައްސައި ދޭން ކަމެއް އޭނާއަކަށް ނޭނގުނެވެ.

"ފެންޑާގެ ބޮކި ދިއްލައިލަންތަ؟" މަންމަ ސުވާލު ކޮށްލިއެވެ.

"ނޫނޭ. އަނދިރީގައި އިނީމާ ހިތްހަމަ ޖެހޭ. އަލިވީމާ އުނދަގޫ ވާނެ." އޭނާ އެނބުރި މަންމައާ ދިމާއަކަށް ބަލައެއް ނުލައެވެ.

"އަހަރެން މިހިރީ ކީއްކޮށްގެން ކަމާއި އަހަންނަށް މެދުވެރިވީ ކޮން ކަހަލަ ކަންތައްތަކެއްކަން މަންމައަށް އެނގިއްޖެއްޔާ މުޅި އުމުރު ދުވަހު އަހަރެން ބާއްވާނީ އަނދިރީގައެވެ." އޭނާގެ ހިތަށް އެރިއެވެ.

"ދަރިފުޅުގެ އާދަތައް ތިޔަ ހުންނަނީ އަޖައިބެއް ކަހަލަ ގޮތަކަށް. އަލިވުމަކީވެސް ހާސްވާ ވަރުގެ ކަމެއްތަ؟" މަންމަ އަދިވެސް ހުރީ އޭނާގެ ފުރަގަހުގައެވެ. "ތިޔަހެން އަނދިރީގައި އިނުމަކީ މާ ރަނގަޅު ކަމެއް ނޫން." މަންމަ ބުންޏެވެ.

"އަދި ކުޑަ އިރުކޮޅަކު އިނަދީ. މާ ގިނަ އިރުނުކޮށް އެތެރެއަށް ވަންނާނަން." ލޮލުން ފައިބަމުން ދިޔަ ކަރުނަޔާއެކު އޭނާ މަންމައަށް ޔަގީންކަން ދިނެވެ.

"އެހެންތަ؟ ކެއުމޯ؟ ކަނީ ކޮން އިރަކު؟" މަންމަގެ ދެވަނަ ސުވާލުގެ ސަބަބުން އޭނާ އަނެއްކާވެސް ކަންބޮޑުވެއްޖެއެވެ.

"ފަހުން." އޭނާ ބުނެލިއެވެ.

"މަންމަ މި ވަންނަނީ އެތެރެއަށް. ދަރިފުޅުވެސް އަވަހަށް އާދޭ އިނގޭ؟" ކުޑަ ކުއްޖަކާ ވާހަކަދައްކާ ކަހަލަ ނަސޭހަތުގެ ރާގަކަށް މަންމަ ބުނެލިއެވެ.

އޭނާ އަނގަޔަކުން ނުބުންޏެވެ. އޭނާގެ ފުރަގަހުން އިވެނީ މަންމަގެ ފިޔަވަޅުގެ އަޑެވެ. މަންމަ ގޭތެރެއަށް ވަންނަނީއެވެ.

"މަންމަ އަހަރެންގެ ފުރަގަހުގައި ހުރުމުގެ ބަދަލުގައި ކުރިމަތީގައި ހުރި ނަމައެވެ. އަހަރެންގެ ކަރުނަ މަންމައަށް ފެންނާނެ ނަމައެވެ. ރޮނީ ކީއްވެގެން ހެއްޔޭ އަހާނެ ނަމައެވެ. ނޫން ނަމަ އަހަރެންގެ އަޑުން އަންދާސާ ކުރެވިގެން އަހައިލި ނަމައެވެ. އެހެންވީނަމަ އަހަރެން ހުރިހައި ވާހަކައެއް މަންމައަށް ކިޔައި ދިނީމުހެވެ. އަކުރުން އަކުރަށް ފިލިން ފިއްޔަށް ކިޔައި ދިނީމުހެވެ. މިހައިތަނަށް އަހަންނަށް ކިޔައި ނުދެވުނު ހުރިހައި ވާހަކައެއް ކިޔައި ދިނީމުހެވެ. އެ ވާހަކަތައް ސިއްރު ކުރުމަށްޓަކައި އަހަރެންގެ ވުޖޫދު މައްޔިތަކަށް ހަދާން މަޖުބޫރުވީ ވާހަކަތައް މަންމައަށް ސާފުކޮށް ކިޔައި ދިނީމުހެވެ." އޭނާ ފެންޑާގައި ހުރި ގޮނޑީގައި އިނދެގެން ވިސްނަމުން ގެންދިޔައެވެ.

"އޭނާ އަހަންނަށް މިހެން ހެދީ ކީއްވެގެން ހެއްޔެވެ؟ މި ކަހަލަ ކަމެއް ކުރަން އަހަރެން ޚިޔާރުކުރީ ކީއްވެގެން ހެއްޔެވެ؟ އަހަރެން... އަހަރެން…" އޭނާގެ ވިސްނުމަށް ހުއްޓުމެއް އަތުވެއްޖެއެވެ.

"އާނއެކެވެ. އަހަރެންވެސް ވަކިން ތެދުވެރިއަކީއެއް ނޫނެވެ. އަހަރެންވެސް ގަބޫލުކޮށްގެން ހުރީ އޭނާ އަބަދު އެއް ގޮތަކަށް ހުންނާނޭ ކަމުގައެވެ. އެކަމަކު އެއީ އަހަރެން އެދުނު ކަންކަމެއެް ނޫނެވެ. ދެން މިހާރު... މިހާރު މިހެން..."

އޭނާ އަމިއްލަ ތުންފަތުގައި ދަތް އަޅައިލިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަ މަޑުމަޑުން ފައިބައިގެން ގޮސް ހެދުމުގެ ގިރުވާނަށް ޖަޒުބުވަމުން ދަނީއެވެ.

ކުއްލިއަކަށް ވައި ގަދަވާން ފަށައިފިއެވެ. ވައިރޯޅީގެ މިސްރާބު ހުރީ އެއް މިސްރާބަކަށް ނޫނެވެ. އެނބުރެމުންދާ ކަހަލަ ގޮތަކަށެވެ. ދޮރުމަތީގައި ހުރި ގަސްތައް ވަޔާއެކު ބާރަށް ހެލެމުން ދަނީއެވެ. ވަޔާއެކު އުދުހެމުންދާ ފަތްތައް އޭނާގެ ގައިގައިވެސް ޖެހެމުން އެބަދެއެވެ. ވާގި ދޫވެފައިވާ ފައެއްގެ މައްޗަށް އޭނާ ތެދުވެއްޖެއެވެ. އޭނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ. އަދި މަޑުމަޑުން ގޮސް އެނދުގައި އޮށޯވެ، ލޯ މަރައިލިއެވެ.

މިތަނަށް އައި ފަހުން ވީ ދުވަހެއް އޭނާ ހަނދާނެއް ނެތެވެ. އެތައް މަސައްކަތަކާއެކުވެސް މި ތަނުން ދާން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

"ދަރިފުޅުގެ އާދަތައް މިހާރު ތިޔަ ދަނީ ނުބައި ގޯޅިއެއް އަޅަމުން. އޭނާ އައީމާ މަންމަ ވާހަކަދައްކާނަން. ދަރިފުޅާ ދިމާއަށް އެއްޗެކޭ ނުބުނަނީ ކީއްވެގެން ހެއްޔޭ އަހާނަން. ހިތަށް އެރިހައި ގޮތަކަށް އުޅޭ ވާހަކަވެސް ބުނާނަން." އޭނާގެ ކަންފަތަށް މަންމަގެ ވާހަކަތައް ވަދެގެން ދިޔަ ނަމަވެސް ގޮސް ޖަމާވަނީ ހުސް ސިކުނޑިއަކަށެވެ.

"އަމިއްލަ ނަފުސަށް ސަމާލުކަން ދޭން އެބަ ޖެހޭ. ތިޔަހައި ފަރުވާ ކުޑަކޮށް އުޅޭކަށް ނުވާނެ." އޭނާ ހިމޭންކަމާއެކު އޮވެފައި ލޯ ހުޅުވައިލިއެވެ. މަންމަ މޫނަށް ފުންކޮށް ބަލައިލިއެވެ.

އެޔަށް ފަހު އަނެއްކާވެސް ލޯ މަރައިލިއެވެ. އޭނާ މަސައްކަތް ކުރަމުން އެ ދަނީ މުޅި ޙަޔާތް އެކީގައި އެއް ފަހަރާ ބަލައިލެވޭތޯއެވެ. އޭނާއަށް ކަތި ފިޔަވަޅެއް އެޅުނީ ކޮން އިރަކު ކިހިނެއްކަން ދެނެގަނެވޭތޯއެވެ. ކަތިފިޔަވަޅެއް؟ އަހަންނަށް ހަމަ ހަގީގަތުގައިވެސް ކަތިފިޔަވަޅެއް އެޅުނީ ހެއްޔެވެ؟ އޭނާ ދިރިއުޅުމުގައި ހިފަހައްޓަމުން އައި އަޚްލާގީ ހަމަތައް ހަމަ ނުބައީ ހެއްޔެވެ؟ އޭނާ އެހެރީ ނުބައި ފިޔަވަޅެއްގެ މަތީގައި ހެއްޔެވެ؟ މިހާރު... އޭނާ އެހެރީ އަޚްލާގިއްޔާތުގެ ވާހަކައެއް ދެކެވޭ ފަދަ މަރުހަލާއެއްގައި ހެއްޔެވެ؟ މި ޚިޔާލު ކުރެވުމާއެކު އޭނާއަށް ލިބެމުން ދިޔަ ތަކުލީފު ބޮޑުވެގެން ދިޔައެވެ.

* * *

އޭނާ ލޯ ހުޅުވައިލިއެވެ. އެ އިވެނީ ޤުރްއާން ކިޔަވާ އަޑެވެ. ކިޔަވަނީ ކާކުކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ކުޑަ އިރުކޮޅެއް ފަހުން އެ މީހަކު އައިސް އޭނާއަށް ގޮވާނެކަންވެސް އެނގެއެވެ. އޭނާ ލޯ އުނގުޅަމުން ތެދުވެ އިށީނދެއްޖެއެވެ. ދެ އަތުން މޫނު ރަނގަޅަށް ފޮހެލިއެވެ.

"ބައްޕަ މިހައި ފަތިހާ ހޭލަނީ ކިހިނެއް ހެއްޔެވެ؟ ރޭގަނޑު އެއްގޮތަކަށްވެސް ނުނިދަނީ ބާވައެވެ؟"

(ނުނިމޭ)

މި ވާހަކަ ޝާއިއުކުރާނީ ކޮންމެ ބުރާސްފަތި ދުވަހަކާއި ހޯމަ ދުވަހަކުއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.