ކަޝްމީރުގެ ލީޑަރު ޔާސީން މަލިކް އުމުރަށް ޖަލަށްލުމަށް އިންޑިޔާގެ ކޯޓަކުން ހުކުމްކޮށްފި

ޖޭކޭއެލްއެފްެެގެ ލީޑަރު ޔާސީން މަލިކް

ކަޝްމީރުގެ އިންޑިޔާ ފަޅި އިންޑިޔާގެ ދަށުން މިނިވަންކުރުމަށް މަސައްކަތްކުރާ ޖައްމޫ އެންޑް ކަޝްމީރް ލިބަރޭޝަން ފްރަންޓްގެ ޗެއާމަން ޔާސީން މަލިކް އުމުރަށް ޖަލަށްލުމަށް އިންޑިޔާގެ ކޯޓަކުން ހުކުމްކޮށްފިއެވެ. އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ އިންޑިޔާއިން ޓެރަރިސްޓް ހަރަކާތްތަަކަށް ޚަރަދުކުރި ކަމަށް ބުނާ މައްސަލައެެއްގައެވެ.

ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) ގެ ދަށުން އުފައްދާފައިވާ ކޯޓެެއްގައި ކުރިއަށް ޝަރީއަތުގައި އޭނާގެ ދިފާއުގައި ވާހަކަދައްކަމުން މަލިކް ބުނެފައިވަނީ، ހަތިޔާރު ބޭނުންކޮށްގެން މިނިވަންކަން ހޯދަން މަސައްކަތްކުރުން 1990 ވަނަ އަަހަރުން ފެށިގެން ހުއްޓާލިފަހުން އޭނާ މަސައްކަތްކޮށްފައި ވަނީ މަހާތަމާ ގާންދީ ގެންގުޅުއްވި ސުލްހަވެރި ހަރަކާތުގެ އުސޫލަށް ކަމުގައެވެ.

"އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާ ޔާސީން މަލިކް އުމުރަށް ޖަލަށްލުމަށް ހުކުމްކުރަން." މަލިކްގެ މައްޗަށް ހުކުމް އިއްވަވަމުން ވެރިރަށް ނިއުދިއްލީގެ ޕަޓިޔާލާ ހައުސް ކޮންމްޕްލެކްސްގައި ގާއިމުކޮށްފައިވާ ޚާއްސަ ކޯޓުގެ ފަނޑިޔާރު ޕަރްވީން ސިންގް ވިދާޅުވިއެވެ.

މަލިކްެެގެ އަންހެނުން މުޝާލް ޙުސައިން މަލިކް މި ހުކުމަށް ފާޑުކިޔަމުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކަޝްމީރުގެ ގިނަ ބަޔަކު އޭނާގެ ފަހަތުގައި ތިބި ލީޑަރު ދުވަހަކުވެސް އަމާންނުދޭނެ ކަމުގައެވެ.

"އިންޑިޔާގެ ކެންގަރޫ ކޯޓަކުން މަދު މިނިޓްކޮޅެއްގެ ތެރޭަގައި ކުރި ހުކުމެއް. ޔާސީން މަލިކަކީ މިޒަމާނުގެ ހިޓްލަރު މޯދީއާ ކުރިމަތިލި އެންމެ ހިތްވަރުގަދަ މީހާ. އަަހަރުމެން އެންމެންނަކި ޔާސީން މަލިކް. ކަޝްމީރު މީހުންގެ ސިންގާއަަށްޓަކައި ދުއާކުރޭ. ގިނަ ބަޔަކު އޭނާގެ ފަހަތުގައި ތިބި ލީޑަރު ދުވަހަކުވެސް އަމާންނުދޭނެ." މުޝާލްގެ ޓުވީޓުގައި ވެއެވެ.

މަލިކްގެ މައްޗަށް އިއްވި ހުކުމާއެކު ގިނަ ބަޔަކު ވަނީ މަލިކްގެ ގެ ކައިރިއަށް އެއްވެ އިންޑިޔާ ސަރުކާރާ ދެކޮޅަށް އަަޑުއުފުލައި ފުލުހުންނާ ދިމާއަށް ގާއުކައި ހަދާފައެެވެ. އަދި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމަށް ކަރުނަ ގޭސް ބޭނުންކޮށްފައެވެ.

މަލިިކްގެ މައްޗަށް ކުށްް ސާބިތުވާކަމަށް ކޯޓުން ނިންމާފައި ވަނީ މި މޭ މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި "ޓެރަރިސްޓް" ހަރަކާތްތަކެއް ހިންގުމާއި، ގާނޫނާއި ޚިލާފަށް ފައިސާ ހޯދައި އެއްކުރުމާއި، "ޓެރަރިސްޓް" ޖަމާއަތެއްގެ މެންބަރަކަށް ވުމާއި، ގައުމަށް ޣައްދާރުވުން ހިމެނެއެވެ.

އިންޑިޔާގެ ކޯޓުން ކުރި ހުކުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި މިހާރު ހުންނެވި ޝެހެބާޒް ޝަރީފުވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

"އިންޑީޔާގެ ޑިމޮކްރެސީއަށާއި، އެ ގައުމުގެ އަދުލުގެ ނިޒާމަށް ކަޅު ދުވަހެއް. އިންޑިޔާއަށް ޔާސީން މަލިކު ޖަލަށް ލެވިދާނެ. އެހެންނަމަވެސް، އޭނާ ރަމްޒުކޮށްދޭ މިނިވަންކަމުގެ ވިސްނުން ދުވަަހަކުވެސް ޖަލަށް ނުލެވޭނެ." ޝެހެބާޒް ޝަރީފުގެ ޓުވީޓުގައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.