ކަޝްމީރުގެ އިންޑިޔާ ފަޅީގައި އެގައުމުން މުވާސަލާތީ އަދި ސަލާމަތީ ލޮކްޑައުންއެއް ތަންފީޒުކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް ކަޝްމީރަށް 4ޖީ އިންޓަނެޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.
4ޖީ ޚިދުމަތް އަލުން ދިނުމަށް ކަޝްމީރުގެ ހޯމް ސެކްރެޓަރީ ޝާލީން ކަބްރާ ހުކުރު ދުވަހު އަމުރު ނެރުއްވި އިރު، އޭނާ ވަނީ "ހިފެހެއްޓުންތައް ދޫކޮށްލުމުން ނުކުންނަ ނަތީޖާ ގާތުން ބެލުމަށް" ފުލުހުންނަށް އަންގަވާފައެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން "ޑިޖިޓަލް ނަސްލީ އިމްތިޔާޒު" އަދި "ޖަމާއީ އަދަބު" ގެ ގޮތުގައި ސިފަކުރާ ލޮކްޑައުން އިންޑިޔާއިން ކަޝްމީރުގައި ހިންގަން ފެށީ 5 އޮގަސްޓު 2019 ގައެވެ. އެއީ އިންޑިޔާގެ ގާނޫނު އަސާސީގައި ކަޝްމީރަށް ދީފައި އޮތް ޚާއްސަ އިމްތިޔާޒުތައް އިންޑިޔާއިން ނިގުޅައިގަތް ދުވަހުއެެވެ. އަދި އެދުވަހު އިންޑިޔާއިން ވަނީ ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓް އުވާލައި ދެ ޔުނިއަން ޓެރިޓަރީއަށް ބަދަލުކޮށްފައެވެ.
ޑިމޮކްރެސީއެއްގަ ތަންފީޒުކުރި އެންމެ ދިގު މުވާސަލާތީ ލޮކްޑައުން އިއްޔެ ނިމުމަކަށް އައިއިރު، ފާއިތުވި 2020 ވަނަ އަަަހަރުގެ ޖަނަވަރީ މަހުން ފެށިގެން އިންޑިޔާއިން ކަޝްމީރުގައި ދަށް ސްޕީޑުގައި އިންޓަނެޓުގެ ޚިދުމަތް ދޭން ފެށިއެވެ. އެއީ، އިންޑިޔާ ސަރުކާރުން ހުއްދަކުރާ ވެބްސައިޓުތަކަށް ދަށް ސްޕީޑުގައި ވަދެވޭގޮތަށެވެ.
އޭގެ ދެ މަސް ފަހުން މީސް މީޑިޔާ ބޭނުންކުރުން ހުއްދަކޮށް ދަށް ސްޕީޑުގައި އިންޓަނެޓަށް ވަދެވޭގޮަތަށް ހުޅުވައިިލިއެވެ. އަދި ފާއިތުވި އޮގަސްޓު މަހު ކަޝްމީރުގެ 20 ޑިސްޓްރިކްޓްގެ ތެރެއިން 2 ޑިސްްޓްރިޓްކަށް 4ޖީ މޯބައިލް އިންޓަނެޓުގެ ޚިދުމަތް ދޭން ފެށިއެެވެ.
އިންޑިޔާއިން ބުނެފައި ވަނީ، ކަޝްމީރުގައި އިންޑިޔާއާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖުތައް ކުރިއަށް ގެންދިއުން ހުއްޓުވުމަށާއި، ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުން ދޭ ހަމަލާތައް ހުއްޓުވުމަށް ލޮކްޑައުންކުރުން މުހިއްމު ކަމުގައެވެ.
ޑިޖިޓަލް ޚިދުމަތްތައް ދިރާސާކުރާ އިނގިރޭސިވިލާތުގެ ގްރޫޕެއް ކަމުގައިވާ ޓޮޕް10ވީޕީއެންގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މުވާސަަލާތީ ލޮކްޑައުންގެ ސަބަބުން ދުނިޔޭގެ މުވާސަލާތީ ކުންފުނިތަކަަށް 2020 ވަނަ އަހަރު 4.01 ބިލިއަން އެމެރިކާ ޑޮލަރު ގެއްލުން ވިއިރު، އިންޑިޔާގެ ކުންފުނިތަކަށް 2.8 ބިލިއަން ޑޮލަރު ގެއްލުންވިއެެވެ. އަދި މި ގެއްލުމުގެ ބޮޑު ބައެއް ހިއްސާކުރަނީ ކަޝްމީރެވެެ.