ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޯމް ގެބްރަޔޭސަސް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. އޭނާއާ ދެކޮޅަށް އެއްވެސް ބޭފުޅަކު ވާދަކުރައްވާފައި ނުވެއެވެ. އިތިއޯޕިޔާގެ ރައްޔިތެއް ކަަމަށްވާ ޓެޑްރޯސްއަކީ އެފްރިކާ ބައްރުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްކަން ކުރައްވާ ފުރަތަމަ ބޭފުޅާއެވެ.
ޓެޑްރޯސް ވަނީ ސްވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ 75 ވަނަ ވާލްޑް ހެލްތު އެސެމްބްލީގައި ނެގި ސިއްރު ވޯޓުގެ ތިންބަައިކުޅަ ދެބަޔަށްވުރެ ގިނައިން ހޯއްދަވާފައެވެ. ވޯޓުގެ ރަސްމީ އަދަދެއް ޑަބްލިޔުއެޗްއޯއިން ހާމަނުކުރި ނަމަވެސް، އެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި ބައެެއް ބޭފުޅުންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ވޯޓުގައި ބައިވެރިވި 160 ގައުމުގެ ތެރޭން 155 ގައުމުގެ ތާއީދު އޭނާއަށް ލިބިވަޑައިގަތެވެ.
"މިބަލައިގަތުމަކީ އަހަރެން އެކަނި ބަލައިގަތުމެއް ނޫން. ޑަބްލިޔުއެޗްއޯގެ މުޅި އާއިލާ ބަލައިގަތުން. އަހަރެން ޑަބްލިޔުއެޗްއޯއާމެދު ފަޚްރުވެރިވަން." އިންތިޚާބުވެވަޑައިގަތުމަށް ފަހު ޖަލްސާއާ މުޚާޠަބުކުރައްވަމުން ޓެޑްރޯސް ވިދާޅުވިއެވެ.
އިތިއޯޕިޔާގެ ހެލްތު މިނިސްޓަރުކަމާއި، ފޮރިން މިނިސްޓަރުކަންވެސް ކުރިން ކުރައްވާފައިވާ ޓެޑްރޯސް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްކަމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގައި ނަމަވަސް، މުޅި ދުނިޔެއަށް މަޝްހޫރު ބޭފުޅަކަށް އޭނާ ވެވަޑައިގަތީ 2020 ވަނަ އަހަރުގެ ކުރީކޮޅު މުޅި ދުނިޔެއަށް ފެތުރެން ފެށި ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭން ކުރި މަސައްކަތުގެ އިސް ސަފުގައި އޭނާ ހަރަކާތްތެރިވެވަޑައިގަންނަަަވަން ފެއްޓެވި ހިސާބުންނެވެ. މީގެ އިތުރަށް އޭނާ ގެންދަވަނީ ޔުކްރޭން ހަނގުރާމަ ފަދަ ހަނގުރާމަތަކުގައި ކުރިމަތިވާ އިންސާނީ ކާރިސާތަކާ ދެކޮޅަށްވެސް އަޑުއުފުއްލަވަމުންނެވެ.