ކޮވިޑް- 19: ނޮވެލް ކޮރޯނާ ވައިރަސް ލެބެއްގައި އުފެއްދި ކަމުގެ އެއްވެސް ހެއްކެއް ނެތް: ޑަބްލިޔުއެޗްއޯ

އެމެރިކާއަށް އެއްވެސް ކަމެއް ފޮރުވާފައި ނުވާނެކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުނެފައިވޭ

ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު ފާޟިޔާ ޝާޔިބް

އަދިވެސް މަތަވުމެއް ނެތި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 ޖައްސާ ވައިރަސް، ނޮވެލް ކޮރޯނާ ވައިރަހަކީ ޗައިނާގެ ވޫހާން ލެބޯޓަރީއެއްގެ އުފެއްދުމެއް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

"ހުރިހާ ހެއްކަކުންވެސް ދަލީލުކޮށްދެނީ އެއީ ޖަނަވާރެއްގެ ފަރާތުން ފެތުރެން ފަށާފައިވާ ވަައިރަހެއްކަން. އަދި އެއީ އެހެން ކޮންމެވެސް ތަނެއްގެ ލެބެއްގައި އަސްލަށް ބަދަލުގެނެސްފައިވާ، ނުވަތަ އުފައްދާފައިވާ ވައިރަހެއް ނޫންކަން." މިއަދު ޖެނީވާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު ފާޟިލާ ޝާޔިބް ވިދާޅުވިއެވެ.

ޗައިނާގެ ވޫހާންގެ ލެބޯޓަރީއަކުން ނޮވެލް ކޮރޯނާ ވައިރަސް ބޭރުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރަނގަޅަށް ތަހުގީގުކުރައްވާނެ ކަމަށާ، އެއީ ހަގީގަތަކަށް ވެއްޖެނަމަ ޗައިނާ އެކަމުގައި ޗައިނާ ޒިއްމާދާރުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ވައިރަސް ޖަނަވާރެއްގެ ކިބައިން އިންސާނުންނަށް އެރީ ސީދާ ކޮން ގޮތަކުންކަން ހޯދިފައި ނުވި ނަމަވެސް، މީގެ ކުރިން އެ ވައިރަސް ހުރީ ޖަނަވާރުގައި ކަން "ޔަގީންކުރެވޭ" ކަމަށް ޝާޔިބް ވިދާޅުވިއެވެ.

ކޮވިޑް- 19 ފެށިގެން އައިއިރު ޑަބްލިޔުއެޗްއީ ހަގީގަތް ފޮރުވަން މަަސައްކަތްކޮށްފައިވާ ކަަމަށް ވިދާޅުވެ ރައީސު ޓްރަމްޕް ކުރައްވާ ތުހުމަތުތަކަށްވެސް މިއަދު ޖެނިވާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިޔުއެޗްއޯއިން ވަނީ ރައްދު ދީފައެވެ.

"އަހަރުމެންގެ ހުރިހާ ކަމެއް ހުރީ ހާމަޔަށް. އަހަރުމެން އެއްވެސް ކަމެއް ނުފޮރުވަން...... އަަހަރުމެން ބޭނުން ވަނީ ހުރިހާ ގައުމަކަށްވެސް އަަހަރުމެންގެ މެސެޖުތައް ވަގުތުން ލިބުން. އެއީ އެކަމުގެ ސަބަބުން ގައުމުތަކަށް ރަނގަޅަށް، އަވަހަށް ތައްޔާރުވެވޭނެތީ." ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ އެމެރިކާގެ ސެންޓާސް ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ 15 ބޭފުޅަކު އެ ޖަމްއިއްޔާގައި މަަސައްކަތްކުރައްވާ ކަމުގައެވެ.

"ސީޑީސީގެ މުވައްޒަފުން ތިބުމުގެ މާނައަކީ ފުރަތަމަ ދުވަހުއްސުރެ އެމެރިކާއަށް ފޮރުވިފައިވާ އެެއްވެސް ކަމެއް ނެތުން. އެއީ އަހަރުމެންނާ އެކުގައި މަސައްކަތްކުރާ މީހުންނަށް ވާތީ. އެކަން ޠަބީއީ ގޮތުން ވާނެ. އެމީހުން ކުރަނީ ކޮން ކަމެއްކަން އެމީހުން ބުނާނެ." ގެބްރަޔޭސަސް ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.