ޓެކްސީގެ ޚިދުމަތް ހޯދުމަށް ދަތިވާނަމަ، ޝަކުވާ ހުށަހަޅާނެ ހޮޓްލައިނެއް ގާއިމްކޮށްފި

މާލޭގެ މަގެއްގައި ޓެކްސީތަކެއް ދުއްވަނީ - ފައިލް ފޮޓޯ

ޓެކްސީގެ ޚިދުމަތް ހޯދުމަށް ދަތިވާނަމަ، ޝަކުވާ ހުށަހަޅާނެ ހޮޓްލައިނެއް ގާއިމްކޮށްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބުގައެވެ.

އެ ޖަވާބުގައި މިނިސްޓަރ ނަހުލާ ވިދާޅުވެފައިވަނީ މާލެ އާއި ހުޅުމާލެއިން ޓެކްސީ ޚިދުމަތް ހޯދަން ދަތިވެގެން ރައްޔިތުންގެ ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ޝަކުވާ ހުށަހަޅާނެ ހޮޓްލައިނެއް ގާއިމްކޮށްފައިވާ ކަމަށެވެ.

ފޯނުކޯލާއި އީމެއިލްގެ ޒަރިއްޔާއިން ލިބެމުންދާ ޝަކުވާތަކަށް ވީއެންމެ އަވަހަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޑްރައިވަރުން ދަތުރު ނެގުމުގެ ކުރިން، ފަސިންޖަރުން ދާން ބޭނުންވާ ތަން ނޭނގޭ ގޮތަށް އޮންލައިން އެޕްލިކޭޝަންގެ ޑިޒައިން ބަދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ޓެކްސީ ދަތުރުތައް އަގުބޮޑުކޮށް ކުރަމުންދާ މައްސަލައާ ގުޅިގެން ޝަކުވާ ހުށަހަޅާނެ ނިޒާމެއް ގާއިމްކޮށް، މައްސަލަތައް ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ހުށަހަޅާފައިވާ 57 މައްސަލަ ދިރާސާކޮށް، އޭގެ ތެރެއިން 15 މައްސަލަ ފުލުހުންނަށް ފޮނުވާފައި ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ އިތުރަށް ވިދާޅުވީ ހުށަހަޅާފައިވާ މައްސަލަތަކުގެ އިތުރުން ގަވައިދާ ޚިލާފަށް ދަތުރުކުރި ޑްރައިވަރުންގެ ބަޔާން ނަގާ، ލިބިފައިވާ ޝަކުވާތަކަށް ބަލާ، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޓެކްށީ ސެންޓަރުތަކަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް އަގުބޮޑުކޮށް ދަތުރުކޮށްފައިވާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާތީ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް މިނިސްޓަރ ނަހުލާ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މާލެ ސަރަހައްދުގައި އަގުބޮޑުކޮށް ޓެކްސީ ކުރާނަމަ، ގަވައިދާ ޚިލާފަށްދޭ ޚިދުމަތް ހުއްޓުމަކަށް ގެނައުމަށް އެފަދަ ފަރާތްތަކާމެދު ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެކަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އާންމުކޮށް އަންގާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.