މިނިސްޓަރ ނަހުލާ އާއި އިތުރު މުވައްޒަފެއްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް!

ޓްރެފިކަށް މީހުން ހޭލުންތެރި ކުރުވުމަށް މިއަދު ފެށި "މީތި ސަޅި" ޙަރަކާތުގައި މިނިސްޓަރ ޢާއިޝަތު ނަހުލާ ބައިވެރިވެ ވަޑައިގަންނަވަނީ: ފޮޓޯ އަވަސް

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓުގެ ކޯޑިނޭޓަރަކަށް މަސަކަތްކުރި މަހުމޫދު ޝަފީގު އެވެ.

އެ މައްސަލައިގައި ބުނެފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަވައިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެކަމުން މިނިސްޓަރު ނަހުލާ އާއި ރުޝޫނާ، މާލީ މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން އުޅަނދުތައް ރަޖިސްޓްރީ ކޮށްދީފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދުގެ ދެވަނަ އިސްލާހުގެ (ޅ) ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ކަމަށް ވަނީ ބުނެފަ އެވެ. އަދި އުޅަނދުތައް ރަޖިސްޓްރީކުރުމަށް އެ ގަވާއިދުގެ އެއްވަނަ އިސްލާހުގެ (ކ) އިން މަޖުބޫރުކުރާ، އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމު ހުށަހަޅާފައި ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ އިރު، ނަހުލާއަށް އެޑްރެސްކޮށް މިނިސްޓްރީއަށް ހުށަހަޅާ ސިޓީ މިނިސްޓްރީގައި އެންޓްރީ ނުކުރާ ކަމަށާއި އެ ސިޓީއަށް ޖަވާބުނުދީ ސިއްރިއްޔާތުގައި ރުޝޫނާ އެ އުޅަނދުތައް ރަޖިސްޓްރީކޮށްދޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ސިޓީގައި އިތުރަށް ބުނީ މި އުޅަނދުތައް އެތެރެކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ދުރާލާ ރާވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށާއި މިނިސްޓަރަށް ހުށަހަޅާ ސިޓީތަކުގައި އެ ކުންފުނީގެ ތައްގަނޑު ޖަހާފައިވާ ކަމަށެވެ. އަދި އެ ސިޓީތައް އެކި ފަރާތްތަކުގެ ނަމުގައި ހުށަހެޅި ނަމަވެސް ސިޓީތަކުގައި ބޭނުންކޮށްފައިވާ އިބާރާތްތަކާއި ފޮންޓުތަކަށް ބެލުމުން އުޅަނދުތަށް އެތެރެކުރީ އެއްބައެއްކަން އެނގޭ ކަމަށް ވެސް ސިޓީގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.