ކާނަލް ޚުދާޔީގެ މަރަށް ބަދަލުހިފާނެކަމުގެ އިންޒާރާއެކު އިސްރާއީލުގެ އެމްބަސީތައް ކުއްލި ހާލަތަށް

ކާނަލް ޚުދާޔީގެ އާއިލީ ބޭފުޅުން އޭނާގެ ކާރުކޮޅުގެ ކައިރީގައި ކީރިތިކުރައްވަނީ: އޭނާ އަވަހާރަކޮށްލާފައި ވަނީ އޭނާގެ ކާރުކޮޅުގައި އިންނަވަނިކޮށް

ހޯމަ ދުވަހުގެ ވަގުތެއްގައި އަވަހާރަކޮށްލާފައިވާ ކާނަލް ޙަސަން ޞައްޔާދު ޚުދާޔީގެ މަރަށް ބަދަލު ހިއްޕަވާނެކަމުގައި އީރާނުގެ ރައީސު އިބްރާހީމް ރައީސީ ވިދާޅުވެއްޖެއެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސް އޮފިސަރެއް ކަމުގައިވާ ކާނަލް ޚުދާޔީގެ ހަށިކޮޅަށް އާދީއްތަ ދުވަހުގެ ވަގުތެއްގައީ އޭނާގެ ގެކޮޅުގެ ކުރިމަތީގައި ބަޑިޖަހައި އަވަހާރަކޮށްލާފައި ވަނީ މޮޓޯސައިކަލެއްގައި ދިޔަ ދެމީހުންނެވެ.

އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައި ވަނީ މި އިންޒާރަށް ފަހު އީރާނުން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށް ދުނިޔޭގެ ކަންކޮޅުތަކުގައި ހުރި އިސްރާއީލުގެ ޑިޕްލޮމެޓިކް މިޝަންތައް ކުއްލި ހާލަތަށް ގެނެސްފައިވާ ކަމުގައެވެ.

"އަހަރެން ވާނީ މި ޖަރީމާ ހިންގި ބަޔަކު އަތުލައިގަތުމަށް ސީރިޔަސް ކަމާއެކު މަސައްކަތްކުރުމަށް ސަލަމާތީކަންކަމާ ގުޅޭ މަސްއޫލުވެރިންގެ ކިބައިން އެދިފައި. އަދި އަހަރުމެންގެ ޝަހީދުގެ ޠާހިރު ލެއަށް ބަދަލު ހިފުމަކީ ވާނޭކަމެއް ކަމާމެދު އަހަރެންގެ ހިތުގައި އެއްވެސް ޝައްކެއް ނެތް" މިއަދުގެ ވަގުތެއްގައި ރަސްމީ ދަތުރުފުޅެއްގައި އޮމާނަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސު ރައީސީ ވިދާޅުވިއެވެ.

އީރާނުގެ ދާޚިލީ ވަޒީރު މިއަދު ވިދާޅުވި ގޮތުގައި ކާނަލް ޞައްޔާދު ޚުދާޔީ އަވަހާރަކޮށްލި ހާދިސާ ތަހުގީގުކުރުމަށް ސަލާމަތީ އަދި އަސްކަރީ ބާރުތައް ހިމެނޭ ގުޅިފައިވާ ކޮމިޓީއެއް ވަނީ އުފައްދާފައެވެ.

އަނެއްކޮޅުން، ކާނަލް ޞައްޔާދު އަވަހާރަކޮށްލިތާ ގިނަ އިރުތަކެއް ނުވަނީސް އިރާނުގެ ރަސްމީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ސަލާމަތީ ބާރުތަކުން ވަނީ އީރާނުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ އިސްރާއީލުގެ ޖާސޫސީ ވިއުގައިގެ މެންބަރުންތަކެއް ހައްޔަރުކޮށްފައެވެ. މި ހައްޔަރުކުރުމާ ޚުދާޔީގެ މަރާ އެއްވެސް ގުޅުމެއް ވާކަން އެ ވަސީލަތްތަކުން ހާމަކޮށްފައި ނުވެއެވެ.

އެހެންނަމަވެސް، ރިވޮލިއުޝަނަރީ ގާޑްސްގެ ތަރުޖަމާނަކު ވަނީ ކުރިން ސީރިޔާގައި ވެސް ހަނގުރާމަކުރައްވާފައިވާ ކާނަލް ޚުދާޔީ އަވަހާރަކޮށްލީ "އިސްރާއީލުގެ ޖާސޫސީ އިދާރާއާ ގުޅިފައިވާ ޓެރަރިސްޓު އެޖެންޓުން" ކަމަށް ތުހުމަތުކޮށްފައެވެ.

އީރާނުގެ ތުހުމަތުތަކަށް އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން އެއްވެސް ރައްދެއް ދީފައި ނުވެއެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާ 'މޯސާދް' އަކީ ސީދާ ބޮޑުވަޒީރުގެ އޮފީހުގެ ދަށުން ހިނގާ އިދާރާއެކެވެ.

ކާނަލް ޚުދާޔީއަކީ 27 ނޮވެންބަރު 2021 ގައި އީރާނުގެ މަޝްހޫރު ނިއުކުލިޔާ ސައިންޓިސްޓު ފަޚްރީޒާދާ ތެހެރާނުގައި އަވަހާރަކޮށްލި ފަހުން އީރާނުގައި މި ގޮތަށް އަވަހާރަކޮށްލި އެންމެ އިސް ބޭފުޅާއެވެ. ފަޚްރީޒާދާ އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީވެސް އިސްރާއީލުކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.