'މިސައިލްތަކުގެ ރެ' އަށް ފަހު އިސްރާއީލާއި ސީރިޔާއާ ދެމެދުގައިވާ ސަރަހައްދީ ރޮނގަށް މިހާރު އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. އިއްޔެރޭ އިސްރާއީލުން ވަނީ 2011 ވަނަ އަހަރު ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ސީރިޔާގައި ތިބޭ އީރާނު ސިފައިންގެ މަރުކަޒު ތަކަށް ދިން އެންމެ ވަރުގަދަ ހަމަލާދީފައެވެ. އެއީ އިސްރާއީލު ހިފާފައިވާ ގޯލާންގެ އުސްބިންތަކުގައި ތިބި އިސްރާއީލު ސިފައިންނަށް އީރާނު ސިފައިން ހަމަލާދިންކަމަށް ތުހުމަތުކޮށް އެކަމުގެ ރައްދުގައެވެ.
އީރާނުން ވަނީ އިސްރާއީލުގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެގައުމުން ބުނީ ހާލަތު ގޯސްކުރުމުގައި އެގައުމުގެ އެއްވެސް ދައުރެއް ނެތްކަމުގައެވެ.
އަނެއްކޮޅުން އިސްރާއީލުގެ ދިފާއީ ވަޒީރު އެވިގްދޯރު ލީބަމަން ވަނީ ސީރިޔާއިން "އީރާނު މީހުން ފައްސާލުމަށް" ރައީސު ހާފިޒުލް އަސަދަށް ގޮވާލާފައެވެ.
މިމައްސަލައާ ގުޅުން ހުރި އެހެންކަމަކަށް ބަލާއިރު، ސީރިޔާއަށް ދޭނެ ކަމަށް ކުރިން ރަޝިޔާ އިން ބުނެފައިވާ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމް އެސް-300 މިސައިލް ސިސްޓަމް ސީރިޔާއަށް ދިނުން މަޑުޖައްސާލައިފި ކަމުގައި ރަޝިޔާގެ ރައީސު އޮފީހުގެ ޓެކްނިކަލް މިލިޓަރީ ކޯޕަރޭޝަން އެސިސްޓެންޓް ވްލާޑިމީރް ކޯޖިން ވަނީ ބުނެފައެވެ. މިއީ ކުރިން ރަޝީޔާގެ ދިފާއީ ވުޒާރާއާއި ޚާރިޖީ ވުޒާރާއިން ބުނެފައިވާ ބަސް އަނބުރައި ގެނައުން ކަމުގައި ބެލެވެއެވެ.
ރަޝީޔާގެ ނިންމުމަށް ބަދަލު އައީ މިހާރު ރަޝިޔާއަށް ކުރަމުންގެންދާ ރަސްމީ ދަތުރުގައި ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއާ ބައްދަލުކުރުމަށް ފަހުގައި ކަމަށް ބެލެވެއެވެ.
ރަޝިޔާގެ ނިންމުން ބަދަލުކުރީ ނޫންކަމަށް ދައްކަން ވެގެން ކްރެމްލިންގެ ތަރުޖާނު ޑިމްޓްރީ ބެސްކޯފް ބުނީ "ކޯޖިންގެ ވާހަކައާ ނަތަންޔާހޫގެ ދަތުރާ އެއްވެސް ގުޅުމެއް ނެތް" ކަމުގައެވެ. އަދި "އެފަދައިން އެސް=300 ގެ މިސައިލް ސިސްޓަމް ސީރިޔާއަށް ދޭނެކަމަށް ރަޝިޔާ އެއްވެސް އިރެއްގައި އިއުލާންކޮށްފައި ނުވާނެ" ކަމުގައެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނީ ދިމާވެދާނެ ކޮންމެ ކަމަކާ ކުރިމަތިލުމަށް އިސްރާއީލު ސިފައިން ތައްޔާރީ ހާލަތުގައި ތިބި ކަމަށެވެ.
އަނެއްކޮޅުން، "ކަމާގުޅުން ހުރި ހުރިހާ ފަރާތަކުން ވެސް ނަފުސު ކޮންޓްރޯލްކޮށް، މަސްރަހު އިތުރަށް ގޯސްވެދާނެ ހުރިހާ ކަމަކުން ދުރުވުމަށް" ޔޫރަޕްގެ އިއްތިހާދުން ވަނީ އިސްރާއީލަށާއި، އީރާނަށް ގޮވައިލާފައެވެ.