2013 ވަނަ އަަހަރުން ފެށިގެން އޮސްޓްރޭލިޔާގައި ވެރިކަން ކުރަމުން އައި ލިބަރަލް ޕާޓީ އޮފް އޮސްޓްރޭލިޔާ ބަލިކޮށް، މިއަދު އެ ގައުމުގައި ބޭއްވި އާއްމު އިންތިޚާބު އިދިކޮޅު ލޭބާ ޕާޓީ އޮފް އޮސްޓްރޭލިޔާއިން ކާމިޔާބުކޮށްފިއެވެ.
ނަތީޖާ ސާފުކޮށް މުޅިން ނުނިމެނީސް ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ބަލި ގަބޫލުކުރައްވައި، ލޭބާ ޕާޓީގެ ލީޑަރު އެންތަނީ އަލްބަނީސްއަށް މަރުހަބާ ވިދާޅުވެފައެވެ. އެންމެ ފަހުގެ ނަތީޖާތަކަށް ބަލާއިރު، ލޭބާ ޕާޓީ(އޭއެލްޕީ) އިން ވަނީ 72 ގޮނޑި ކާމިޔާބުކޮށްފައެވެ. ވެރިކަން ކުރަމުން އައި ލިބަރަލް-ނޭޝަނަލް ޕާޓީ (އެލްްއެންޕީ) ކޯލިޝަނަށް ކާމިޔާބުރެވުނީ 51 ގޮނޑިއެވެ. އޮސްޓްރޭލިޔާގެ ފެޑެރަލް ޕާލަމެންޓްގެ ގޮނޑީގެ އަދަދަކީ 151 ކަމަށް ވާއިިރު، އަޣުލަބިއްޔަތު ހޯދަން ބޭނުންވަނީ 76 ގޮނޑިއެވެ. އެހެންކަމުން، ލޭބާއަށް އަޣުލަބިއްޔަތު ހޯދޭނީ އަދި 4 ގޮނޑި ކާމިޔާބުކުރެވިގެންނެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި، މި ގައުމަށް (ދެން ސަރުކާރު އެެކުލަވާނެ ބަޔަކާމެދު) ޔަގީންކަން ލިބުމަކީ ވަރަށް މުހިއްމު ކަމެއް. އަހަރެން ދެކޭ ގޮތުގައި މި ގައުމަށް ކުރިއަށް ދެވޭނެ ގޮތް ވުމަކީ ވަރަށް މުހިއްމު ކަމެއް." ބަލި ގަބޫލުކުރަައްވަމުން ދެއްކެވި ވާހަކަފުޅުގައި މޮރިސަން ވިދާޅުވިއެވެ.
"މިރޭ އަހަރެން އަދިކޮޅު ލީޑަރު އަދި ދެން ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ހުންނެވި އެންތަނީ އަލްބަނީސްއާ ވާހަކަދައްކައިފިން. އަދި އިންތިޚާބުން މިރޭ ހޯއްދެވި ކާމިޔާއަށް އަހަރެން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައި." ލިބަރަލް ޕާޓީގެ ލީޑަރުކަން ދޫކޮށްލައްވަން ނިންމަވައިގެން ހުންނެވި މޮރިސަން ވިދާޅުވިއެވެ.
އަނެއްކޮޅުން ލޭބާ ލީޑަރު ވަނީ އޭނާ އެންމެ އިސްކަން ދެއްވާނެ ކަމަކީ ކޮބައިން ހާމަކުރައްވާފައެވެ.
"އަހަރެން ބޭނުންވަނީ ގައުމު އެއްބައިވަންތަކުރަން. އަހަރެންނަށް ހީވާގޮތުގައި މިގައުމުގެ ބައިބައިވުންތައް ވަނީ މާ ބޮޑަށް އިތުރުވެފަ. ރައްޔިތުން ބޭނުންވަނީ ގައުމެއްގެ ގޮތުގައި އެކަތިގަނޑަކަށް ވާން. އަަހަރެން ގަސްތުކުރަނީ އެކަމުގައި ހުސްކޮށް ހުންނަން." ބޮޑުވަޒީރުކަމާ ދެން ހަވާލުވެވަޑައިގަންނަވާ އެންތަނީ އަލްބަނީސް ވިދާޅުވިއެވެ.
ލޭބާ ޕާޓީގެ މިކާމިޔާބީއަކީ 2007 ވަނަ އަހަރަށް ފަހު އާއްމު އިންތިޚާބެއްގައި އެ ޕާޓީއަށް ލިބުނު ފުރަތަމަ ކާމިޔާބީއެވެ.
2001 ވަނަ އަހަރަށް ފަހު އިންފްލޭޝަން އެންމެ މަތި ދުވަސްވަރާ ދިމާކޮށް ވެރިކަމާ ހަވާލުވާ ލޭބާ ޕާޓީން ވަނީ ގިނަ ކަންތައްތަކަކަށް ވައުދުވެފައެވެ. އޭގެ ތެރޭގައި، އާއްމުންނަށް ދޭ މާލީ އެހީތެރިކަން އިތުރުކުރުމާއި، ސޯޝަން ސޭފްޓީ ވިއުގަ ވަރުގަދަކުރުމާއި، އެންމެ ކުޑަ އުޖޫރަ މަތިކުރުން ހިމެނެއެވެ. އަދ އެ ޕާޓީން ވަނީ 2050 އާއި ހަަމައަށް ގްރީންހައުސް ގޭސް %43 ދަށްކުރުމަށް ވެސް ވައުދުވެފައެވެ.