އޮސްޓްރޭލިޔާގައި މިއަދު ބޭއްވި އާއްމު އިންތިޚާބުގެ %94 މިހާތަނަށް އެނގިފައިވާއިރު، މިހާތަނަށް (ރާއްޖޭ ގަޑިން ހަވީރު 5 ޖެހިއިރު) ކުރީގައި އޮތީ ވެރިކަންކުރާ ލިބަރަލް ނޭޝަނަލް ކޯލިޝަން (އެލްއެންސީ) އެވެ. ނަތީޖާ އެނގުނު 135 ގޮނޑީގެ ތެރެއިން 74 ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ކޯލިޝަނުންނެވެ. އިދިކޮޅު ލޭބާ ޕާޓީއަށް 65 ގޮނޑި ލިބިފައިވާއިރު، އެހެން ޕާޓީތަކަށް ލިބުނީ 6 ގޮނޑިއެވެ. ކޯލިޝަނަށް ލިބުނު 74 ގޮނޑީގެ ތެރެއިން 64 ގޮނޑި ކާމިޔާބުކުރީ ލިބަރަލް ޕާޓީންނެވެ. އަނެއް 10 ގޮނޑި ލިބުނީ ނޭޝަނަލް ޕާޓީއަށެވެ.
އަޣުލަބިއްޔަތު ހޯދުމަށް 76 ގޮނޑި ބޭނުންވާއިރު، އަދި 6 ގޮނޑީގެ ނަތީޖާ ނޭނގެއެވެ. އެހެންކަމުން، އެއްވެސް ބަޔަކު އަދި މޮޅުވުމުގެ އުފާފާޅުނުކުރެއެވެ. އެހެންނަމަވެސް، 2016 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރު ލޭބާ ޕާޓީއަށް 2 ގޮނޑި މަދުވެފައި، ލިބަރަލް ކޯލިޝަނަށް 2 ގޮނޑި އިތުރުވެފައިވާތީ، ބެލެވެނީ މިފަހަރުވެސް ސަރުކާރު އެކުލަވާލާނީ ލިބަރަލް ކޯލިޝަނުން ކަމަށެވެ.
މިފަހަރުގެ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގަތް އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ކުރީގެ ބޮޑުވަޒީރު ޓޯނީ އެބަޓްއެވެ. އޭނާ 1994 ވަނަ އަހަރުއްސުރެ ފުރުއްވަމުން ގެންދެވި އުތުރު ސިޑްނީގެ ވަރިންގާ ދާއިރާގެ ގޮނޑި އޭނާއަށް ދިފާއުނުކުރެއްވުނެވެ. އޭނާ ބަލިވެވަޑައިގަތީ ކުރީގެ އޮލިމްޕިކް އަންހެން ސްކީކުރުންތެރިޔާ ޒާލީ ސްޓެގަލްއާ ވާދަކުރައްވައިގެންނެވެ.
މި ފަހަރުގެ އިންތިޚާބުގެ ކެމްޕޭނުގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނީ ތިމާވެށްޓާއި އިގްތިސާދުގެ މައްސަލައިގައެވެ. މޫސުމަށް އަންނަ ބަދަލުތަގެ އަސަރު އޮސްޓްރޭލިޔާއަށް ކުރާ މިންވަރު ތަރައްގީވެފައިވާ އެހެން ގައުމުތަކަށްވުރެ ބޮޑެވެ. ފާއިތުވި އަހަރުގެ ހޫނު މޫސުމަކީ އޮސްޓްރޭލިޔާގެ ތާރީޚުގައި އައި އެންމެ ހޫނު ގަދަ މޫސުމެވެ. އޮސްޓްރޭލިޔާއަށް ބޭނުންވާ ހަކަތައިގެ %85 އަދިވެސް އުފައްދަނީ އިއާދަނުކުރެވޭ ވަސީލަތްތަކުންނެވެ. އެހެންކަމުން ތިމާވެށީގެ މައްސަލަ ވެފައި އޮތީ މިއިންތިޚާބުގައި އެންމެ ބޮޑަށް ވާހަކަދެކެވުނު މައްސަލައަށެވެ.
އިންތިޚާބުގެ ކުރިން ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުން ބިލް ޝޯޓެންގެ ލޭބާ ޕާޓީ 82 ގޮނޑި ހޯދާނެ ކަމަށް ދެއްކި ނަމަވެސް ނަތީޖާތައް އައިގޮތުން ލޭބާ އަށް ކުރި ހޯދުނު ތަނެއް ނުފެނުނެވެ.