މަދިރި ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ކޮންސްޓްރަކްޝަން ސައިޓުތަކުން: ޑރ. މުއިއްޒު

މަދިރި ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ އެއްބަޔަކީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ވެރިން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން އިސްނަގައިގެން ހުޅުމާލޭގައި މަދިރިއާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށް ގެންދާ ކެމްޕެއިން "މަދިރި ހޯހޯ" އިފްތިތާހް ކޮށްދެއްވާ ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އިންޑަސްޓްރީ އަކީ ކޮންސްޓްރަކްޝަން ދާއިރާ ކަމަށެވެ.

އެފަދަ މަސައްކަތް ކުރާ ތަންތަނަކީ ޚާއްޞަ ގޮތެއްގައި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ކަމަށާއި އެހެންކަމުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް މޭޔަރ ޑރ. މުއިއްޒު ވިދާޅުވިއެވެ.

" ކޮންސްޓްރަކްޝަން މަސައްކަތްތައް އެންމެ ގިނައިން ހިނގާ އެއްތަނަކީ މާލެ ސިޓީ. މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ވެރިން ޒިންމާވާން ޖެހޭގޮތަށް މިކަންކަން ރާވާ ހިންގަން ޖެހޭ." މޭޔަރ ވިދާޅުވިއެވެ.

ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ މަސް ތެރޭގައި ވަނީ އިލްތިމާސް ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.