މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް އިފްތިތާހްކޮށްފި

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް އިފްތިތާހްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ " ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް ” އަދި އެ ޔުނިޓްގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒުއެވެ.

މާލެ ސިޓީ ކައުންސިލުން އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފަ އެވެ. އެ ޕްރޮގްރާމްގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެ އެވެ. އެ ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެއީ ބޮޑު ޒިންމާއަކާ އެކު އަލަށް ފަށާ ކަމެއް ކަމަށެވެ. އެއީ ކައުންސިލުގެ ހުރިހާ މެމްބަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މޭޔަރ ވިދާޅުވީ ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި މާލެ ސިޓީ ކައުންސިލުން މި ބިޔަބޮޑު މަސައްކަތް ފެށީ ސަރުކާރުން ދީފައިވާ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް ކަމާށެވެ. އަދި މި ކަމުގެ ސަބަބުން ގިނަ ދިވެހިން ތަކަކަށް ވަޒީފާ ލިބިގެން ގޮސްފައިވާ ކަމުގައި މޭޔަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ސައުދީ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އަލަށް ފެށި މަސައްކަތުގެ ސަބަބުން މާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ، ހިތްހަމަ ޖެހޭ ތަނަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ސައުދީ އިތުރަށް ވިދާޅުވީ މިއީ މުޅިން އަލަށް ފަށާ ކަމަކަމަށް ވުމުން ހައްލު ކުރަން ޖެހޭ ކަންކަމާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށެވެ. އަދި އާ ކަންކަމާ ކުރިމަތިލައްވައި، ކައުންސިލުން އަދާކުރުމަށް އަންގާފައިވާ މަސްއޫލިޔަތު އަދާކުރެއްވުމުގައި ދެމިހުންނާނެ ކަމަށެވެ.

އެ މުވައްޒަފުންނާ ހަވާލުކޮށްފައިވާ ބައެއް ޒިންމާތަކުގެ ތެރޭގައި މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުމާއި ޕެލެޓް ބެހެއްޓުމާއި މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން ހިމެނެއެބެ. އަދި ޕާކް ކުރުމުގެ މައްސަލަތަކާއި ޓްރެފިކް (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން) އަދި އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަ ބެލެހެއްޓުން ވެސް ހިމެނއެވެ.

މީގެ އިތުރުން ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން ވެސް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.