އަމިއްލަ ގައުމުގައި ރެފިއުޖީންނަށް ވެފައިވާ މީހުންގެ އަދަދު 59 މިލިއަނަށް

އިތިއޯޕިޔާގައި ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ބަޔަކަށް ޔުނިސެފުން އެހީވަނީ

2021 ވަނަ އަހަރު ނިމުނުއިރު ދުނިޔޭގެ ކަންކޮޅުތަކުގައި ގެދޮރު ދޫކޮށް އަމިއްލަ ގައުމުގެ އެހެން ތަންތަނަށް ހިޖުރަކުރި މީހުންގެ އަދަދު 59 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާ ކަމުގައި އެކަން ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ފާއިތުވި އަހަރުގެ ނިޔަލަށް 59.1 މިލިއަން މީހުން ގެދޮރު ގެއްލިގެން ގައުމުގެ އެހެން ތަަނަކަށް ހިޖުރަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު މިއީ ދުނިޔޭގެ އާ ރެކޯޑެކެވެ. އަދި ޔުކްރޭންގެ ހަނގުރާމަ ދިގުލައިގެން ދިއުމާއެކު، މިއަހަރު އެ ރެކޯޑު އަނެއްކާ މުގުރޭނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

އިންޓަނޭޝަނަލް ޑިސްޕްލޭސްމަންޓް މޮނިޓަރިން ސެންޓާ (އައިޑީއެމްސީ) އާއި ނޯވޭޖިއަން ރެފިއުޖީ ކައުންސިން (އެންއާރްސީ) ގުޅިގެން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުން ފާއިތުވި 2021 ވަނަ އަހަަރު އަމިއްލަ ގައުމުގައި ރެފިއުޖީންނަށް ވެގެން 38 މިިލިއަން މީހަކު ރަޖިސްޓަރީކޮށްފައި ވެއެވެ. މިއީ، 2020 ވަނަ އަހަރު ކުރިމަތިވި ގުދުރަތީ ކާރިސާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މިފަދަ ރެފިއުޖީންނަށް ވުމުގެ ސަބަބުން 10 އަހަރުގެ އާ ރެކޯޑެއް ގާއިމުވެފައި ވަނިކޮށް، އެ ރެކޯޑު މުުގުރާލި އަދަދެކެވެ.

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އެ ގައުމު ދޫކޮށް 6 މިިލިއަން މީހުން ހިޖުރަކޮށްފައިވާއިރު، ހަނގުރާމައި ނުރައްކަލުން ސަލާމަތްވާ އެގައުމުގެ 8 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގައުމުގެ އެހެން ތަންތަނަށް ހިޖުރަކޮށްފައެވެ. އެހެންކަމުން، މިިހިނގާ 2022 ވަނަ އަހަަރަކީ މިިފަދައިން ހިޖުރަކުރުމުގެ އާ ރެކޯޑެއް އަނެއްކާވެސް ހެދޭނެ އަހަަރަކަށް ވާނެއެވެ.

"2022 ގެ މަންޒަރު ފެންނަނީ ވަރަށް ބަނަކޮށް." އައިޑީއެމްސީގެ ޑިރެކްޓަރު އެލެގްޒަންޑްރާ ބިލާކް ވިދާޅުވިއެވެ.

"މީގެ ކުރިން ދުވަހަކުވެސް މިހާ ހާލަތު ގޯސްވެފައި ނުވޭ." އެންއާރްސީގެ ޖާން އީގްލޭންޑް ވިދާޅުވިއެވެ.

ފާއިތުވި އަހަރު އަމިއްލަ ގައުމުގެ އެއްތަނުން އަނެއް ތަނަށް އެންމެ ގިނައިން ހިޖުރަކޮށްފައިވަނީ އެފްރިކާގެ ދެކުނުގެ ގައުމުތަކުގައެެވެ. އެގޮތުން ހަނގުރާމައިގެ ހާލަތުގައި އޮތް އިތިއޯޕިޔާގައި އެކަނިވެސް 5 މިލިއަން މީހުން ގެދޮރު ދޫކޮށް އެގައުމުގެ އެހެން ތަންތަނަށް ހިޖުރަކޮށްފައި ވެއެވެ. މިއީ، ދުނިިޔޭގެ އެއްވެސް ގައުމެއްގައި މިފަަދައިން ހިޖުރަކުރި ކަމަށް ރެކޯޑުކުރެވުނު އެންމެ މަތީ އަދަދެވެ.

ޑިމޮކްރެޓިމް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ) އާއި އަފްޣާނިސްތާނުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު މިފަދައިން ހިޖުރަކޮށްފައި ވެއެވެ.

އަމިއްލަ ގައުމުގައި ރެފިއުޖީންގެ ގޮތުގައި އެންމެ ގިނަ މީހުން އުޅެނީ ދާޚިލީ ހަނގުރާމައަށް 11 އަހަރުވެފައިވާ ސީރިޔާ (ސޫރިޔާ) ގައެވެ. އެގައުމުގެ 6.7 މިލިއަން މީހުން މިފަދައިން ދިރިއުޅެމުން ދާއިރު، ޑީއާރް ކޮންގޯގައި 5.3 މިލިއަން މީހުން، ކެމްބޯޑިޔާގައި 5.2 މިލިއަން އަދި އަފްޣާނިސްތާނާއި ޔަމަނުގައި 4.3 މިލިއަން މީހުން އުޅެނީ ރެފިއުޖީންގެ ގޮތުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.