2014 ގެ ފަހުން މެޑިޓަރޭނިއަން ކަނޑުގައި 20 ހާސް މީހުން މަރުވެފައިވޭ: އދ.ގެ ރިޕޯޓު

ލީބިޔާއާއި ޓިއުނީޝިޔާ (ތޫނިސް) އިން ފުރައިގެން ޔޫރަޕަށް ހިޖުރަ ކުރުމުގެ އުއްމީދުގައި މެޑިޓަރޭނިއަން ކަނޑަށް 2014 ގެ ފަހުން ނުކުން 20 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ. ރިޕޯޓަކުން ހާމަވެއްޖެއެވެ.

އދ.ގެ ޖަމްއިއްޔާއެެއް ކަމުގައިވާ އިންޓަނޭޝަނަލް އޯގަަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) ގެ ރިޕޯޓުގައި ވާގޮތުން ޔޫރަޕަށް ހިޖުރަކުރުމުގެ އުއްމީދުގައި ދަތުރު ފަށާ އެފްރިކާ މީހުން އެންމެ ގިނައިން ބޭނުންކުރަނީ އުތުރު އެފްރިކާގެ، ޚާއްސަކޮށް ލީބިޔާގެ، މަގެވެ. އެފަަދަ މީހުން މެޑިޓަރޭނިއަން ކަނޑުގައި ދަތުރުކޮށް ދާން އެންމެ ގިނައިން މަސައްކަތްކުރަނީ މޯލްޓާއަށް ނުވަތަ އިޓަލީއަށެވެ. ލީބިޔާގެ ލީޑަރު މުޢައްމަރުލް ޤައްޒާފީގެ ވެރިކަން 2011 ގައި ވައްޓާލުމަށް ފަހު އެ ގައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ލީބިޔާ ވެފައި ވަނީ ޔޫރަޕަށް ހުރަސްކުރަން އެދޭ އެންމެ ގިނަ މީހުން ޓްރާންސިޓްވާ ގައުމަށެވެ.

އައިއޯއެމްގެ ރިޕޯޓުގައި ވާގޮތުން މެޑިޓަރޭނިއަން ހުރަސްކުރަން އުޅުމުގެ ތެރޭގައި މި އަހަރުގެ މިހާތަނަށް 900 މީހުން ވަނީ މަރުވެފައެވެ. އެ ރިޕޯޓުގައި އިތުރަށް ބެނެފައިވާ ގޮތުގައި މި ފަހަކަށް އައިސް ލީބިޔާގެ އައްސޭރިން މެޑިޓަރޭނިއަން ކަނޑު ހުރަސްކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި އޮކްޓޯބަރުން ފެށިގެން މިހާތަނަށް ލީބިޔާއިން ފުރައިގެން ކަނޑު ހުރަސްކޮށް އިޓަލީއަށް 780 އަށްވުރެ ގިނަ މީހުުން އެތެރެވެފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި އަށް ބޯޓެެއް މެޑިޓަރޭނިއަން ކަނޑަށް ބަންޑުން ޖަހާލާފައި ވެއެވެ.

ލީބިޔާގެ އަލްޚުމްސުން ފުރައިގެން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި އިއްޔެ ބަންޑުން ޖަހާލި ބޯޓުން 74 މީހަކު ވަނީ ގެނބިގެން މަރުވެފައެވެ. އޭގައި ތިބި 121 މީހުންގެ ތެރެއިން ލީބިޔާގެ ކޯސްޓްގާޑާއި މަސްވެރިންގެ މަސައްކަތުން ސަލާމަތްކުރެވުނީ 47 މީހުންނެވެ.

"މެޑިޓަރޭނިއަން ކަނޑުގައި ފުރާނަ ގެއްލޭ މިންވަރުން ދޭހަކޮށްދެނީ، ދުނިޔޭގައި އެންމެ ނުރައްކާތެރިކޮށް ކަނޑު ހުރަސްކުރާ ސަރަހައްދުގައި، ހޯދައި ސަލާމަތްކުރުމުގެ އޮޕަރޭޝަނަށް ޚާއްސަ ބަޔަކު ކަނޑައަޅާފައި ނެތުމީ ދައުލަތްތައް އެކަމުގައި ފޭލްވެފައިވާ ކަން." އައިއޯއެމްގެ ލީބިޔާ އޮފީހުގެ ވެރިޔާ ފެޑެރިކޯ ސޯޑާ ވިދާޅުވިއެވެ.

އައިއޯއެމްގެ ރިޕޯޓުގައި ފާހަގަކޮަށްފައިވާ ގޮތުގައި 11 ހާސް މީހުން ކަނޑުމަތިން ހުއްޓުވައި އަނބުރާ ލީބިޔާއަށް ފޮނުވާލާފައި ވެއެވެ. އެމީހުން ގިނަ ފަހަރަށް ތިބެން ޖެހެނީ ހައްޔަރުގައި އަސާސީ ޚިދުމަތް ނުލިބޭ ހާލުގައެވެ.

އިޓަލީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެގައުމަށް ހިޖުރަކުރާ މީހުންގެ ގޮތުގައި 31 ހާސް މީހުން އެތެރެވެފައި ވެއެެވެ. ފާއިތުވި އަހަރު އެތެރެވެފައި ވަނީ 10 ހާސް މީހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.