ހުޅުމާލެ ފޭސް 2ގެ އިސްލާމިކް ސެންޓަރުގެ ޑިޒައިން ހެދުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ ފޭސް 2 ގައި ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރެއް ބިނާކުރުމުގެ ގޮތުން ހަދާ މި އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމަށް ރާއްޖޭގެ ކޮންމެ އާކިޓެކްޗަރަކަށް ވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް ހަތް ލައްކަ ރުފިޔާ، ދެ ވަނަ އަށް ދާ ފަރާތަކަށް ދެ ލައްކަ ރުފިޔާ އަދި ތިންވަނަ އަށް ދާ ފަރާތަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިންގ އޭރިއާއާއި، އޮފީސްބަޔަކާއި، މަލްޓީޕަރޕަސް ހޯލާއި، ސެމިނަރ ރޫމާއި، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކާލްސްރޫމްތަކާއި ކޮމާޝަލް އޭރިއާ އަކާއި ރެކްރިއޭޝަނަލް އޭރިއޭއެއް ހިމެނޭނެ ކަމަށެވެ.
މި ޑިޒައިނަކީ ތަފާތު އާޚިޔާލަކަށް ހަދާ ޑިޒައިނަކަށްވާއިރު، އެއްވެސް ތަނަކުން މިހާތަނަށް ބޭނުންކޮށްފައިވާ ޑިޒައިނަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޫގްލް ފޯމު މެދުވެރިކޮށް ހުށަހެޅުއްވުން އެދިފައިވާއިރު، މުބާރާތާބެހޭ މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 25 އޮގަސްޓް 2022 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މި މުބާރާތާ ގުޅޭ އެއްވެސް މަޢުލޫތެއް ބޭނުންވާނަމަ 07 ޖޫން 2022 ގެ ކުރިން މިނިސްޓްރީގެ ރަސްމީ މެއިލް competitions@islamicaffairs.gov.mv އަށް ފޮނުއްވުން ވަނީ އެދިފައެވެ.
މެއިލް ކުރައްވާ ސުވާލުތަކަށް 13 ޖޫން 2022ގެ ކުރިން ޖަވާބު ފޮނުވޭނެއެވެ.