ރައީސް މައުމޫން ހައްޔަރު ކުރީ ކުށެއް ނުކުރައްވާ ހުންނަވައިގެނެއް ނޫން: ރައީސް ޔާމީން

ރައީސް މައުމޫން ހައްޔަރު ކުރީ ރައީސް މައުމޫން ކުށެއް ނުކުރައްވާ ހުންނަވައިގެނެއް ނޫން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މަޢާފަށް އެދިވަޑައިގެންނެވީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ޕީޕީއެމުން ވާދަކުރައްވާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކުރަން ޖެހުނީ ރައްޔިތުންގެ ހައްގަކަށް އަރައިގަނެ ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ހުންނެވުމާ އެކީގައި ދައުލަތަށް މަޖުބޫރުވެގެން ކަމަށެވެ.

"މިއަދުވެސް އަޅުގަނޑުގެ ރައްޔިތުންގެ އަރިހު މައާފާއެކު ދަންނަވާލަން ބޭނުންވޭ، ރައީސް މައުމޫން ހައްޔަރު ކުރީ ރައީސް މައުމޫން ކުށެއް ނުކުރައްވާ ހުންނަވައިގެނެއް ނޫން. އަޅުގަނޑުގެ ހައްގަކަށް އަރައިގަނެގެނެއް ނޫން. ރައްޔިތުންގެ ހައްގަކަށް އަރައިގަނެ ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ހުންނެވުމާ އެކީގައި ދައުލަތަށް މަޖުބޫރުވީ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ހައްޔަރުކުރި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ފަހަތުގައި ހުންނެވި މޭސްތިރިއަކީ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެ އަމުރު ނެރުނު ރެއަކީ ރާއްޖެ ދުށް އެންމެ ބޮޑު ހަނދުކޭތަ ހިފި ރޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ހައްޔަރުކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫން ޖަލަށްލާން ނިންމެވި އެމަނިކުފާނު ނޫން ކަމަށާއި އެއީ ގައުމީ ސަލާމަތާއިބެހޭ ކޮމެޓީގެ ނިންމެވުމެއް ކަމަށެވެ. އަދި އެ މައްސަލަ އިސްވެ ހުށަހެޅީ ވެސް އެމަނިކުފާނު ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންވީމަ މިއަދު ރައްޔިތުންނަށް މި ހަގީގަތްވެސް މި ދަންނަވާލީ. ނަމަވެސް ދަންނަވާލަން އޮތީ ގާތް މީހަކު ނަމަވެސް މުޅި ދައުލަތުގެ ހައްގަށް އަރައިގަންނަ ހިސާބަށް ދިޔައީމަ އެ ވަގުތަކު ދައުލަތް ހިންގުމާ ހަވާލުވެ ހުންނަ މީހަކަށް ޖެހޭނެ މުޅި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅަން. އެގޮތުން އެޅި ފިޔަވަޅެއް އެޅީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެ އިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އާއި ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި އެޓަރނީ ޖެނެރަލް ހިމެނިވަޑައިގަންނަވާ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަކީ ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ފަހުގެ މަޝްވަރާ ދެއްވާ ކޮމިޓީއެވެ.

ކުއްލި ހާލަތު އިއުލާންކޮށް މައުމޫން ހައްޔަރުކުރުމަށްފަހު އަށް މަސް ވަންދެން ބަންދުގައި ބެހެއްޓިއެވެ.

ސުޕްރީމް ކޯޓުން ނެރުނު އެ އަމުރުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތާ ގުޅިގެން ހައްޔަރުކޮށްފައިވާ ބައެއް މީހުން ވެސް ދޫކުރުމަށް ވަނީ އަންގާފައެވެ.

އެ އަމުރު ތަންފީޒު ބަދަލުކުރުމުގެ ބަދަލުގައި އޭރުގެ އެޓަރނީ ޖެނެރަލް މުހައްމަދު އަނިލްގެ ލަފާގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް އެ އަމުރު ވަނީ ބާތިލުކޮށްފައެވެ. އަދި ފަހުން އެ އަމުރު ނެރުނު ފަނޑިޔާރުން ވެސް ހައްޔަރުކުރިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.