ފާޑިނާންޑް މާކޯސް ޖޫނިއަރ ފިލިޕީންސް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފި

ފާޑިނާންޑް މާކޯސް ޖޫނިއަރ ނޭ އޭނާގެ ކެންޕޭން މަރުކަޒަށް ވަޑައިގަންނަވަނީ

ފިލިޕީންސް ކުރީގެ ޚުދުމުޚްތާރު ރައީސު ފާޑިނާންޑް މާކޯސް ވެރިކަމުން ދުރުކުރެވުނުތާ 36 އަހަރު ފަހުން އޭނާގެ ހަމައެކަނި ދަރިކަލުން ފާޑިނާންޑް ރޮމޯލްޑޭމް މާކޯސް ޖޫނިއަރ (ބޮންގްބޮންގް މާކޯސް) އެ ގައުމު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފިއެވެ. އޭނާ ވެވަޑައިގަންނަވާނީ ފިލިޕީންްސްގެ 17 ވަނަ ރައީސަށެވެ.

އިންތިޚާބުގައި ލީ ވޯޓުގެ %94 މިއަދު ފަތިހާ ހަަމައަށް ގުނިފައިވާއިރު، ނަތީޖާތައް ދައްކާގޮތުން މާކޯސް ޖޫނިއަރ ވަނީ 3- މިލިއަން ވޯޓު ހޯއްދަވާފައެވެ. އެއީ އަޣުލަބިއްޔަ ހޮދުމަށް ބޭނުންވާ 27.5 މިލިއަންވުރެ މާބޮޑު ތަން އިތުރު އަދަދެކެވެ. އަދި އޭނާ ވަނީ އޭނާއާ އެންމެ ގާތުން ވާދަކުރައްވާ ކެންޑިޑޭޓް، މިހާރުގެ ނާއިބު ރައީސު ލެނީ ރޮބްރެޑޯއަށް ވުރެ 13 ވަރަކަށް މިލިއަން ވޯޓު އިތުރަށް ހޯއްދަވާފައެވެ. އެހެންކަމުން، ރަސްމީ ނަތީޖާ އިއުލާންކުރުމުގެ ކުރިންވެސް، ނަތީޖާ މިވަނީ ކަށަވަރު ވެފައެވެ.

ފާޑިނާންޑް މާކޯސް ޖޫނިއަރގެ ރަނިންގމޭޓް، މިހާރުގެ ރައީސު ރޮޑްރިގޯ ޑުޓެރްޓޭގެ ދަރިކަނބަލުން ސާރާ ޑުޓެރްޓޭ-ކާޕިއޯ ވަނީ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ކީކޯ ޕަންގިލިނަންއަށްވުރެ 18 މިލިއަން ވޯޓު އިތުރަށް ހޯއްދަވައިގެން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެހެންކަމުން ދެން ނާއިބު ރައީސަކަށް ވެވަޑައިގަންނަވާނީ ސާރާއެވެ.

ވޯޓުގެ ނަތީޖާ މިގޮތަށް އައިސްފައި މިވަނީ މާކޯސް ޖޫނިއަރއާއި ސާރާ-ޑުޓެރްޓޭ ބޮޑުތަފާތަކުން އިންތިޚާބު ކާމިޔާބުކުރައްވާނެކަން ޚިޔުާލު ހޯދުމުގެ ސާވޭތަކުން ދައްކާފައި ވަނިކޮށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގަައި މާކޯސް ޖޫނިއަރ އޭނާ ސިފަކުރައްވާފައިވަނީ "ދަމަހައްޓާ ކެންޑިޑޭޓް" ގެ ގޮތުގައެވެ. މާނައަކީ މަސްތުވާތަކެތި ވިއްކާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުއެޅުމާއި، ޗައިނާއާ ގާތްގުޅުމެއް ބޭއްވުން ފަދަ، ރައީސު ޑުޓެރްޓޭގެ ސިޔާސަތުތައް ދެމެހެއްޓުމެވެ.

އެހެންނަަަމަވެސް، އިދިކޮޅު ފަރާތްތަކުން ދެކެނީ އޭނާ ވެރިކަށް ވަޑައިގަތުމަކީ ފާޑިނާންޑް މާކޯސްގެ އާއިލާ ވެރިކަމަށް އެނބުރިއައުން ކަމުގައެވެ. ފާޑިނާންޑް މާކޯސްގެ 20 އަހަރުގެ ޚުދުމުޚުތާރު ވެރިކަމަކީ، އިދިކޮޅުން ލީޑަރުން، މެރުމާ، ގިނަ ބަޔަކަށް ވީނުވީއެއް ނޭނގި ގެއްލުމާއި، އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ދައުލަތު ޚަޒާނާއިން ނެގުންފަދަ އެތައް އަމަލެއް ހިނގާފަައިވާ ވެރިކަމެކެވެ. 1965 ވަނަ އަހަރު ފިލިޕީންސްގެ ރައީސުކަަމަށް ވަޑައިގެންނެވި، މާކޯސް ރައްޔިތުން ނުކުމެ، ސިފައިންގެ އެހީއާއެކު ވެރިކަމުން ދުރުކޮށްފައި ވަނީ 1986 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. ގައުމުން ބޭރަށް ފިއްލަވައިގެން ވަޑައިގެން ހަވާއީގައި ދިރިއުޅުއްވަނިކޮަށް އޭނާ އަވަހާރަވީ 1989 ވަނަ އަހަރުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.