ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފިއެވެ.

މިއީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމުކުރި ސަރަހައްދެކެވެ.

ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަޤުޞަދުގައި ތަރައްގީ ކުރި މި ބާބިކިއު ސަރަހައްދުގައި ބާބަކިއު ގްރިލް، ގޮނޑި އަދި މޭޒާއި ބެންޗު ވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން މި ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށް ރަށުގެ އިސްރަށްވެހިންނަށް ޚާއްޞަކޮށް ފިނި މައިޒާނެއް ވެސް ވަނީ ތަރައްގީކޮށްފައެވެ.

މި ޕްރޮޕޯސަލް ކާމިޔާބު ކުރި މުހައްމަދު ވިސާހު ވިދާޅުވީ އުންމީދަކީ މިރަށުގެ ރައްޔިތުންނާއި މިރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މި ތަނަކީ ބޭނުންތެރި ތަނަކަށް ވެގެންދިއުން ކަމަށެވެ.

" މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލުމަށް އެހީތެރިވެދެއްވި ކާށިދޫ ކްލަބް ފްލަޔަރސް އާއި އެހެނިހެން ފަރާތްތަކަށް ވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން." ވިސާހު ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.